ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ނައިބު ރައީސް އިވާ އަބްދުﷲ (ފައިލް ފޮޓޯ/ މަޖިލިސް)

އީވާ މަގާމުން ވަކިކުރަން ސޮއި ހޯދުމުގެ މަސައްކަތް ފަށައިފި

އެމްޑީޕީން ސޮއި ހޯދުމުގެ މަސައްކަތް ފެށި ނަމަވެސް، އެ މައްސަލަ ހުށަހެޅުމާ މެދު އެމްޑީޕީން އަދި ގޮތެއް ނުނިންމާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމަށްޓަކައި އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް އެމްޑީޕީން މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިއަދުގެ މަޖިލީހުގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން އެމްޑީޕީގެ މެންބަރުންގެ ނުރުހުން އީވާއަށް އަމާޒުވެފައި ވާއިރު، އޭނާ ވަކިކުރަން ސޮއި ހޯދަން މިހާރު ފަށާފައިވާކަން އެ ޕާޓީގެ އިސް މެންބަރަކު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

ތަފްސީލު - އެނގިފައިވާ ގޮތުގައި، އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ހޯދުމުގެ މަސައްކަތް ފެށި ނަމަވެސް، އެ މައްސަލަ ހުށަހެޅުމާ މެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހަޅަން މިއަދު 9 ޖެހި އިރު ބޭއްވި ޖަލްސާއަށް އީވާ ސަލާމް ވިދާޅުވެފައިވާތީ، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ.  އެގޮތުން:

  • ނަޝީދުގެ މައްސަލަ އެމްޑީޕީން ހުށަހަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްއިން މަޖިލީހުގައި ނެގި ނިޒާމީ މައްސަލަ ބަލައިގަނެ، އެ ގަރާރު ބާތިލު ކަމަށް އަފީފް ނިންމެވި؛ އެއާ އެކު ޖަލްސާ ނިންމާލެއްވި

  • ނަމަވެސް، އެ ނިންމުން އަފީފް ނިންމަވާފައި ވަނީ، އެމްޑީޕީ އާއި މަޖިލީހުގެ އިދާރާ އިން ބުނެފައިވާ ގޮތުން، އަމީން އާންމުގެ ލަފައާ ހިލާފަށް

އެހެންވެ، ހެނދުނު 11:30ގައި އިތުރު ޖަލްސާއެއް ބާއްވައި ނަޝީދުގެ މައްސަލަ އަލުން ތާވަލް ކުރި އެވެ. މަޖިލީހުން ގަބޫލު ކުރާ ގޮތުގައި، އެ ގަރާރު ބޭރުކުރުމަކީ ރިޔާސަތަށް ލިބިގެންވާ ބާރެއް ނޫނެވެ. 

މިއަދުގެ ދެވަ ނަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ވަޑައިގެންނެވީ ސަލާމުގައި ހުންނެވި އީވާ އެވެ. އީވާ ވެސް ނިންމެވީ، އަފީފް ނިންމަވާފައިވާ ގޮތަށް ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ދެން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެހެންވެ، އެ މައްސަލާގައި އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރު ފަހު ބާއްވައި އެ ކޮމިޓީން ނިންމީ މެންބަރުންގެ އިމްތިޔާޒުތަކަށް އީވާ އާއި އަފީފް އަރިގެންފައިވާ ކަމަށެވެ.

އެމްޑީޕީން އީވާ މަގާމުން ވަކިކުރަން ސޮއި ހޯދަން ފެށިއިރު، މިއީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ދެ ވަނަ ފަހަރެވެ. މިދިޔަ މެއި މަހު 50 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު، ދެ ވަނަ ބުރުގައި އީވާ ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ތާއީދު އެމްޑީޕީއަށް ބޭނުންވެގެންނެވެ.

އެނގުން މުހިންމު - މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއް ބައި ނުވަތަ 22 މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާ އެކު އެވެ. އަދި މަގާމުން ވަކިކުރެވޭނީ، މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދާ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް