ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ (ފޮޓޯ/މަޖިލިސް)

އީވާ އާއި އަފީފް މެމްބަރުންގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމަށް ނިންމައިފި

އީވާ އާއި އަފީފް ހިމެނިވަޑައިގަންނަވާހެން ޑިމޮކްރެޓްސްގެ އެއްވެސް މެމްބަރަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ވެސް ކޮމިޓީން ވަނީ ނިންމާފައި

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކަށް އަރައިގެންފައިވާ ކަމަށް، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމިޓީން ދެންމެއަކު ނިންމައިފި އެވެ. އަދި އީވާ އާއި އަފީފް ހިމެނިވަޑައިގަންނަވާހެން ޑިމޮކްރެޓްސްގެ އެއްވެސް މެމްބަރަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ވީ ކިހިނެއް؟ - މި ގޮތަށް ފާސްކުރީ އިމްތިޔާޒާއި ސްލޫކީ ކޮމިޓީން މި މައްސަލާގައި މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ.

ތަފްސީލް - އެ ބައްދަލުވުމުގައި ދެ ހުށަހެޅުމެއް ހުށަހަޅައި ފާސްކޮށްފައިވެ އެވެ. އެއީ:

  • އީވާ އާއި އަފީފް މުޅި މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގެންފައިވާ ކަމަށް؛ މައްްސަލަ ހުށަހެޅުއްވީ އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

  • ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހުށަހެޅުއްވި، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާއިރު އަފީފް އާއި އީވާއަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ކަނޑައެޅުން؛ މި ހުށަހެޅުމަށް ތާއީދުކުރެއްވީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ސަނީފް

އޭގެ ތެރެއިން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާއިރު އަފީފް އާއި އީވާއަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ކަނޑައެޅުމަކީ ސްލޫކީ ކޮމިޓީއަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށް ވާތީ، އެ ހުށަހެޅުން ފާސްކޮށް، މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވަން ނިންމައި ކޮމިޓީ ބައްދަލުވުން ވަނީ ނިންމާލާފަ އެވެ.

އެ ހުށަހެޅުމާ މެދު ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމައިދިނުމަށް އާންމު ކޮމިޓީއަށް ލަފާ އެރުވުމަށް ވެސް މިއަދުގެ ކޮމިޓީގައި ވަނީ ނިންމާފަ އެވެ.

އެނގުން މުހިންމު - ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމާ އެކު، ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު މައްސަލަ ކުރިއަށް ގެންދަން މިއަދު ހެނދުނު 9 ޖެހިއިރު ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވި ޑިމޮކްރެޓްސްގެ މެމްބަރު އަފީފް ނިންމެވީ އެ ގަރާރު ހުށަހަޅާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންވެ އަލުން ހުށަހެޅުމަށް އަންގައި ޖަލްސާ ނިންމާލާފައިވެ އެވެ.

އެއަށް ފަހު، އެ މައްސަލާގައި މިއަދު 11:30ގައި ވެސް ޖަލްސާއެއް ބާއްވާފައި ވާއިރު، އެ ޖަލްސާގެ ރިޔާސަތުގައި އިންނެވި އީވާ ވެސް ނިންމެވީ އެއީ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ހެނދުނުގެ ޖަލްސާގައި ނިންމާފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ކޮމެންޓް (1)

ތެފައާސާ.

13 ނޮވެމްބަރު 2023
މިއީ އަދި މަޖިލިސް ރިޔާސަތުން ނުފައިބާން އަރުވައިޖަހާފައި ހުރި ވަރު. ދެން ވިސްނާލާ ބަރުލަމާނީއެއް ގެނެސްގެން ބޮޑުވަޒީރުކަމަށް އާދެވިއްޖެއްޔާ އެތަނުން ނުފައިބާން އަރުވާލާނެވަރު. ފޮންޓު ސައިޒޭ ލައިން ސްޕޭސިންގއޭ މާރޖިންއޭ ކަރުދާހުގެ ބޯމިނޭ ކިޔައިގެން ވިޔަސް ބަހަނާ ހަދައިގެން އުމުރުގެ ކޮޅުންވެސް ނުފައިބާނެ ހަމަ ޔަގީން. ނަމުން ޑިމޮކްރެޓްސް، ކަމުން ވޯޓަށް ފިލާ!!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް