މަޖިލީހުގެ ޖަލްސާއެއްގައި ބަންޑާރަނައިބު ރިއްފަތު ވާހަކަ ދައްކަވަނީ. (ފައިލް ފޮޓޯ/މަޖިލިސް)

ޑިމޮކްރެޓްސް ނޫން މެމްބަރަކު ރިޔާސަތު ބަލަހައްޓާ ގޮތަށް ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދަން އޭޖީ ލަފާދެއްވައިފި

ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް ތަމްސީލުކުރައްވާ އަފީފް ރިޔާސަތުގައި އިންނަވައިގެން އެ ގަރާރު ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ކަމަށް ވެސް އޭޖީ ވިދާޅުވި؛ މަޖިލީހުގެ އިދާރާ އިން ވެސް ނިންމާފައި ވަނީ އެ ގޮތަށް
13 ނޮވެމްބަރު 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެމްބަރަކު ރިޔާސަތު ބެލެހެއްޓެވި އިއްޔެގެ ޖަލްސާގައި ބޭރުކޮށްލީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށާއި، ނަޝީދުގެ މަސްލަހަތު އޮންނަ އެއްވެސް މެމްބަރަކު ރިޔާސަތު ނުބަލަހައްޓާ ގޮތަށް އެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތު ރޭ ލަފާދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ނައިބު ރައީސް ނެތި ވެސް ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވާއިރު، އިއްޔެ ބޭއްވި ޖަލްސާއަށް ވެސް ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ސަލާމް ވިދާޅުވެފަ އެވެ. އެހެންވެ، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން އަފީފް އެވެ.

  • ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް ތަމްސީލުކުރައްވާ އަފީފް ނިންމެވީ އެ ޕާޓީގެ ޕީޖީން ނިޒާމީ މައްސަލަ ނަގައި އެދުނު ގޮތަށް، އެމްޑީޕީން ގަރާރު ހުށަހަޅާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް؛ އެ ގަރާރު އަލުން ހުށަހެޅުމަށް ވެސް އެންގެވި

  • ގަރާރު އަލުން ހުށަހެޅުމަށް އިއްޔެ 11:30އަށް އެ ގަރާރާ ގުޅޭ އިތުރު ޖަލްސާއެއް ތާވަލުކުރި؛ އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އީވާ ނިންމެވީ ނަޝީދު ވަކިކުރުމުގެ ގަރާރާ މެދު އިއްޔެ ހެނދުނު ބޭއްވި ޖަލްސާގައި ގޮތެއް ނިންމާފައިވާ ކަމަށާއި، އެހެންވެ އެ ގަރާރު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް

  • ރިޔާސަތުން އަމަލުކުރީ މަޖިލީހުގެ އިދާރާގެ ލަފައާ ހިލާފަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފައި

  • އެ މައްސަލައިގައި އީވާ އާއި އަފީފް މެމްބަރުންގެ އިމްތިޔާޒްތަކަށް އަރައިގެންފައިވާ ކަމަަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ވަނީ ނިންމާފައި

ނަޝީދު ވަކިކުރުމުގެ ގަރާރާ މެދު ދެންެ އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް އޭޖީގެ ލަފާ ހޯދުމަށް އިއްޔެ ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ނިންމި އެވެ. އެއާ ވިދިގެން، އޭޖީ ވަނީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓުތަކެގައި އޭނާގެ ލަފާ އާންމުކުރައްވާފަ އެވެ.

ތަފްސީލް - ރިއްފަތު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން މެންބަރުން ހުށަހަޅާ "އާންމު" ގަރާރުތަކާ ގުޅިގެން ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ހިނގާ ގަރާރެއް ނޫން ކަމަށެވެ.

އޭގެ ބަދަލުގައި، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރުގައި ފުރިހަމަވާން ޖެހޭ ހަމައެކަނި ޝަރުތަކަކީ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއް ބައި މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުން ލިޔެ، ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރުގައި ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކުރުން ކަމަށް އޭޖީ ވިދާޅުވި އެވެ.

"މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް،" ރިއްފަތު ވިދާޅުވި އެވެ.

މީގެ އިތުރުން، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެންބަރަކު ބެލެހެއްޓުމަކީ، އޭނާ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބުނާ މަސްލަހަތު ފުށުއެރުމުގެ އުސޫލާ "ދިމާ އިދިކޮޅު މާނަކުރުމެ"ކެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާ އަދި މަސްލަހަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުހިއްމު ކަމަށް އިސްކަން ދޭން ޖެހޭ،" އޭޖީ ވިދާޅުވި އެވެ.

"މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ ބުނާގޮތަށް ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަރުތީބުން އަމީން އާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައި ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދު ތަސައްވުރުކުރާ ހަމައެކަނި ގޮތް."

އެނގުން މުހިންމު - މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާން ކުރަނީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުވެރިވާ ހާލަތުގައި އަމަލު ކުރާނެ ގޮތްތަކެވެ. އެގޮތުން، އެ މާއްދާގައި ބުނަނީ:

  • އެފަދަ ހާލަތެއްގައި، ގާނޫނުއަސާާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓާނެ މެންބަރެއް މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެ

  • އެގޮތަށް ކަނޑައަޅާނީ، މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިން ޖުމްލަ ފަސް މެންބަރުން؛ އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަކަށް

  • އެ ފަސް މެންބަރުން ކަނޑައަޅަން އޮންނަނީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އެ މަގާމަށް އިންތިހާބު ކުރުމަށް ފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި؛ އެ ނަންތައް މަޖިލީހުގައި އިއުލާން ކުރަން ޖެހޭ

  • ރިޔާސަތު ބެލެހެއްޓުމަށް އެ ފަސް މެންބަރުންގެ ތަރުތީބު ކަނޑައަޅުމުގައި އިސްކަން ދޭން ޖެހޭނީ މެންބަރުކަމުގެ މުއްދަތަށް ބަލައިގެން؛ މެންބަރުކަމުގެ މުއްދުތު ހަމަހަމަ ނަމަ، ދެން ބަލާނީ އެ މެންބަރުންގެ އުމުރުގެ ދޮށިކަމަށް

  • ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ދުރާލާ ކަނޑައަޅާފައި ނުވާ ހާލަތުގައި ނުވަތަ އެ ފަސް މެންބަރުން ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތުގައި، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ، ދެން އެންމެ ގިނަ ދުވަހަކަށް މެންބަރުކަން ކުރެއްވި ބޭފުޅެއް

ގުޅުން ހުރި ކަމެއް - އެމްޑީޕީން ހުށަހެޅި ގަރާރު ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެމްއެންޕީގެ ނައިބު ރައީސް، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވެސް ވަނީ އިއްޔެގެ ޖަލްސާގައި ވިދާޅުވެފަ އެވެ. އަންނަ ސަރުކާރުގެ ބަންޑާރަ ނައިބަކަށް ވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ އުޝާމް ވެސް ވިދާޅުވީ، އާންމު ގަރާރާއި މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރަކީ ތަފާތު ދެ ވައްތަރެއްގެ ގަރާރެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް