ޖޭއެސްސީގެ މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވި އަބްދުލް މާނިއު؛ އޭނާ ހިމެނޭހެން ހައި ކޯޓު ފަނޑިޔާރު ކަމަށް ހަ ބޭފުޅަކު ކުރިމަތިލާފައިވޭ(ފޮޓޯ/ފޭސްބުކް)

ޖޭއެސްސީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވި މާނިއު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނެވި މާނިއު މެމްބަރު ކަމުން އިސްތިއުފާ ދެއްވީ މިއަދު، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވި އިރު 6 ފަރާތަކުން ކުރިމަތިލާފައިވޭ

ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވި އަބްދުލް މާނިއު ހުސެއިން ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި އެވެ.

ވީ ކިިހިނެއް؟ - ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެ ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމުގައި 2019 ވަނަ އަހަރުން ފެށިގެން އިންނެވި މާނިއުގެ އިސްތިއުފާގެ ސިޓީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ފޮނުއްވައިފަ އެވެ. އެ ސިޓީގައި އިސްތިއުފާ ދެއްވާ ސަބަބު ބަޔާން ކުރައްވައިފައެއް ނުވެ އެވެ.

ނަމަވެސް އިސްތިއުފާ ދެއްވިކަން މާނިއު އެންގެވި ފަހުން، ޖޭއެސްސީން އިއުލާން ކުރި ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާފައިވާ މީހުންގެ ލިސްޓުގައި އޭނާގެ ނަން ވެސް ހިމެނެ އެެވެ. 

ޖޭއެސްސީން މި މަހުގެ 5 ވަނަ ދުވަހު ހައި ކޯޓަށް ފަނޑިޔާރަކު ހޯދަން ކުރި އިއުލާންގެ މުއްދަތު ހަމަވެފައިވަނީ މިއަދު މެންދުރު 12 ޖެހި އިރު އެވެ. އެ މަގާމަށް މާނިއު ހިމެނޭހެން ހަ މީހަކު ވަނީ ކުރިމަތިލައިފަ އެވެ. އެއީ:

  • އަބްދުއްސަލާމް، މިސްކިތުގެ/ ގއ.ގެމަނަފުށި

  • ރުޝާދުު ﷲ އިބްރާހިމް، ޖަވާހިރުމާގެ/ ބ.މާޅޮސް

  • އަހްމަދު ނައުޝާދު، ހުދުވިލާގެ/ސ.މީދޫ

  • އަލީ ނަސީރު، ގާޑެނިޔާވިލާ/ ބ.ކިހާދޫ

  • މަރިޔަމް ނިހާތު، މ.ތާޖު/ ކ.މާލެ

އެނގުން މުހިންމު - ހައި ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކޮށްފައިވަނީ މިފަހުން ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔަކުރެއްވުމުން ނެވެ. ޖޭއެސްސީން ބުނެފައިވާ ގޮތުން ޝަކީލު ރިޓަޔާކުރައްވަނީ ހިތުގެ ބައްޔެއް ކަމަށްވާ 'ސިކް ސައިނަސް ސިންޑްރޯމް' ތަހައްމަލްކުރައްވަމުން ގެންދަވާތީ އެވެ.

ހައި ކޯޓުގެ ފަނޑިޔާރެއްގެ މުސާރަ އާއި އިނާޔަތްތައް:

  • އަސާސީ މުސާރަ - 36،000ރ.

  • ލިވިން އެލަވަންސް - 15،000ރ.

  • ރިސްކް އެލަވަންސް - 3،300ރ.

  • މެޑިކަލް އިންޝިއުރެންސް

  • ފޯން އެލަވަންސް

އިތުރު އާޓިކަލް

އިތުރު އާޓިކަލް