ރައީސްގެ މަގާމުގައި ހުންނަވައި ރައީސް ސޯލިހު ޖުމްހޫރީ ދުވަހު ދެއްވާ ފަހު ހިތޯބު ދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

އޮމާންކަމާ އެކު ވެރިކަން ބަދަލުވާ މިއީ ފުރަތަމަ ފަހަރު: ރައީސް

ސަރުކާރުގެ މަސައްކަތްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔުމަށް ރައްޔިތުންނާއި މުއައްސަސާތަކުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި ރައީސް ސޯލިހު ވަނީ އަލަށް އަންނަ ސަރުކާރަށް ކާމިޔާބީއަށް އެދިވަޑައިގެންފައި

ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމަކަށް ރާއްޖެ ބަދަލުވި ފަހުން، އޮމާންކަމާ އެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގާ މިއީ ފުރަތަމަ ފަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ސޯލިހު ވިދާޅުވީ މީގެ ކުރިން ވޯޓުން ވެރިކަން ބަދަލުވުމުގެ ކަންތައް ނުވި ނަމަ އެކަން ހިނގާފައި އޮތީ ކޯޓުން ނޫނީ މަގުމަތިން ކަމަށެވެ.

ތަފްސީލް - ރައީސް ވިދާޅުވީ މުސްތަގުބަލުގައި ވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި ވެރިކަން ބަދަލުވެގެންދިއުން މިގޮތުގައި ހިނގަމުން ދާ ތަން ދެކެން ރައްޔިތުން ބޭނުންވާނެ ކަމަށެވެ.

"މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި ދަމަހައްޓައި ގައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާ ވެރިންގެ މަސްއޫލިއްޔަތެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުތައް ބަދަލުވެ، ވެރިން އައިސް ގޮސްވާނެ ކަމަށާއި، އެކަމަކު ގާއިމްވެ ދާއިމްވެ، ދެމިއޮންނާނީ ގައުމާއި ރައްޔިތުން ކަމަށެވެ.

ރައީސްގެ ހިތޯބުގައި، އެކި ދާއިރާތަކުން އެ މަނިކުފާނުގެ ސަރުކާރުގައި ރާއްޖޭގެ ތަރައްގީއަށް ކުރެވުނު މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ މަސައްކަތްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔުމަށް ރައްޔިތުންނާއި މުއައްސަސާތަކުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި ރައީސް ސޯލިހު ވަނީ އަލަށް އަންނަ ސަރުކާރަށް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.

އެނގުން މުހިންމު - އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން:

  • 2008ގައި އޭރުގެ ރައީސް މައުމޫން އަަބްދުލްގައްޔޫމަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވުމުން، އެ އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތީ އަމާންއޮމާންކޮށް 

  • ނަމަވެސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012ގައި ކުއްލި ގޮތަކަށް ނިމުނީ، މުޒާހަރާތަކާއި ސިފައިންނާއި ފުލުހުންގެ ދެކޮޅު ހެދުންތަކެއްގެ ތެރެއިން އެ މަނިކުފާނު އިސްތިއުފާ ދެއްވުމުން

  • ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެ މަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަން ކުރައްވަމުން ގޮސް، 2013ގެ ރިޔާސީ އިންތިހާބު ދެ ފަހަރަށް ސުޕްރީމް ކޯޓުން ބާތިލުކުރުމުން، 11 ނޮވެމްބަރު 2013ގައި އާ ރައީސަކަށް ވެރިކަމުގެ ހުވާނުކުރެއްވުނު؛ އެ ކަމުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގި

  • 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ރައީސް ސޯލިހަށް، އޭރުގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ބާރުތައް ހަވާލުކުރެއްވިޔަސް، އެ ފަހަރު ވެސް އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ވެސް ހުށަހެޅި؛ ކޯޓުން ނިންމީ މައްސަލައެއް ނެތް ކަމަށް

ކޮމެންޓް (1)

މެކުނު

12 ނޮވެމްބަރު 2023
އަޅެފަހެ ފަސްއަހަރުގެ ވެރިކަމަކާ 25 އަހަރުގެ މަޖިލިސް މެންބަރުކަން ކުރެއްވި އިރުވެސް މިވަރު ނޭގުނީމަ މީހަކު ބުނެފާނެ ....... ވަރަށް ސަލާމް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް