ރައީސް ސޯލިހް ހިތޯބެއް ދެއްވަނީ (ފައިލް ފޯޓޯ/ރައީސް އޮފީސް)
އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ކޮށްދޭން އަޅުގަނޑު މަސައްކަތް ކުރިން: ރައީސް
މި ހިނގާދިޔަ ފަސް އަހަރު ދުވަހުގެ ތެރޭ އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދެވުނު ކަމުގެ އިހުސާސް ކުރެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެެއްޖެ އެވެ.
ވީ ކިހިނެއް؟- ރައީސް މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތޯބުގަ އެވެ.
ބުނީ ކީކޭ؟- ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، "ވެރިކަމުގެ ހައްގުތައް އަދާ ކުރުމުގައި ހަމަހަމަ ކަމާ އެކު އިޖްތިމާއީ އަދާލަތު ގާއިމްކުރުމަށް" މި ފަސް އަހަރު އިސްކަން ދެއްވި ކަމަށެވެ. އެގޮތުން:
-
ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަގު ކުޑަކުރުމަށް ސަރުކާރުން އިސްކަން ދިނިން
-
ހިދުމަތްތައް ހަމަހަމަ ކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރާން ޖެހޭ ހައްގުތަކަށް އިސްކަން ދިނިން
-
ފަރުދީ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުސަތެއްގެ ބޭނުން ސަރުކާރުން ހިފިކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެންމެންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ވެސް މަސައްކަތް ކޮށްދެއްވި ކަމަށެވެ.
"ވާޖިބު އަދާކުރުމުގައި އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް އަޅުގަނޑު މަސައްކަތް ކުރިން،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން އެމަނިކުފާނު ވަނީ މީގެ ފަސް އަހަރު ކުރިން ރާއްޖެ އޮތް "ބިރުވެރި" ހާލަތަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އަދި އެމަނިކުފާނުގެ ވެރިކަން ނިމިގެންދާއިރު، އޭރު ރައްޔިތުން އެދުނު ކަންކަން ކޮށްދެވުނު ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އޭރުގެ ބިރުވެރި ހާލަތު ފިލާގޮސް، މަގުތަކުގެ އަމާން ކަން މިއަދު އިހުސާސްވޭ. ހިޔާލު ތަފާތުވެ ހުރެ ވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން އެމީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރުކޮށްދީފިން. ނޫސްވެރިންނަށް އޮތްބިރު އެކުގައި ނައްތާލައިފިން. އެދުވަހު ރައްޔިތުން ބޭނުންވި އަސާސީ ހިދުމަތްތައް މުޅި ރާއްޖެއަށް އާންމުކޮށްފިން." ރައީސް ވިދާޅުވި އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާ ވެސް އެހެން އަހަރުތަކާ ހިލާފަށް އަމާންކޮށް ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބާއްވާ ރިޔާސީ އިންތިހާބުތަކާއި ވެރިކަން ބަދަލުވެގެންދިއުން މިގޮތުގައި ހިނގަމުން ދާތަން ދިވެހިރައްޔިތުން ދެކޭ ހިތްވާނެ ކަމަށެވެ. އަދި މި ކާމިޔާބީތައް ދަމަހައްޓައި އަށަގެންނެވުކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
"މިހޯދުނު ކާމިޔާބީތަށް ހިފަހައްޓާ، ދަމަހައްޓާ ގައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްޢޫލިއްޔަތެއް،" ރައީސް ވިދާޅުވި އެވެ.