އިބްރާހިމް ފައިހު ނިޒާމް: މިދިޔަ ފެބްރުއަރީ މަހު ކްރާސާ ފިހާރަ ތެރޭ ހަމަލާދީގެން މަރުވި 30 އަހަރުގެ މީހާގެ މަރުގެ މައްސަލައިގައި އޭނާ އަލުން ވަނީ ހައްޔަރުކޮށްފައި

ފައިހު ދޫކޮށްލުމަށް ފަހު މަރުުގެ މައްސަލައިގެ ތުހުމަތަށް އަލުން ހައްޔަރުކޮށްފި

މި އަހަރުގެ ކުރީކޮޅު މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން އޭނާ ހޯދަން އިއުލާންކުރި ނަމަވެސް، ދެ މަސް ވަންދެން އުޅުނީ ފިލައިގެން

މި އަހަރުގެ ކުރީކޮޅު މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި އިބްރާހިމް ފައިހް ނިޒާމު ދޫކޮށްލުމަށް ފަހު، އޭރު ހިނގައިދިޔަ މަރުގެ މައްސަލައެއްގައި އޭނާ އަލުން މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން އެންމެ ފުރަތަމަ ފައިހު 26، ރަށްދެބައިގެ/އައްޑޫ މަރަދޫފޭދޫ، ހޯދުމަށް އިއުލާން ކުރީ، މިދިޔަ 15 ފެބްރުއަރީގައި އޭރު މާލޭގައި ހިންގަމުން ދިޔަ ސިލްސިލާ މާރާމާރީތަކާ ގުޅިގެން:

  • އޭގެ މަހެއްހާ ދުވަސް ފަހުން، ފިލައިގެން އުޅުމަށް ފަހު، ފައިހު އަމިއްލައަށް ފުލުހާ ހަވާލުވުމުން އޭނާ ހައްޔަރު ކުރި

  • ހައްޔަރު ކުރި ފަހުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކޯޓުން އަމުރު ކުރި؛ ނަމަވެސް، ފަހުން ކޯޓުން އޭނާ ދޫކޮށްލި (ދޫކޮށްލި ތާރީހެއް ނޭނގޭ)

  • ބަންދުގައި ހުއްޓާ މިދިޔަ އެޕްރީލް މަހު، މާރާމާރީގެ މައްސަލައިގައި ތިން ދައުވާ އޭނާގެ މައްޗަށް ދައުލަތުން އުފުލި

  • ފައިހު އަލުން ހައްޔަރުކޮށްފައި ވަނީ، އޭރު ހިނގައި ދިޔަ ސިލްސިލާ މަރާމާރީތަކުގެ ތެރެއިން މާފަންނު ކްރާސާ ފިހާރާގައި ހަމަލާދީގެން މަރުވި މުހައްމަދު އަހުމަދު ދީދީ (ނައުއްޓެ)، 30،ގެ މަރުގެ މައްސަލައިގެ ތުހުމަތަށް؛ އޭނާ މަރުވެފައި ވަނީ، މިދިޔަ 27 ފެބްރުއަރީގައި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް

ތަފްސީލު - ފައިހު އަލުން ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފަހު ފުލުހުން އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ. ނަމަވެސް، އެ ކޯޓުގެ ގާޒީ އަލީ ނަދީމް އަމުރުކުރެއްވީ އޭނާ 45 ދުވަހު ބަންދުގައި ބެހެއްޓުމަށެވެ.

ފައިހުގެ ކޯޓު އަމުރުންނާއި ފުލުހުން މިއަދު 'ދައުރު'އާ ހިއްސާ ކުރި މައުލޫމަތުތަކުން އެނގޭ ގޮތުގައި:

  • ހޯމަ ދުވަހު އަލުން ހައްޔަރުކުރީ ކޯޓުން އޭނާ ދުކޮށްލުމާ ގުޅިގެން

  • މުހައްމަދު އަހްމަދު ދީދީ މަރާލުމުގެ ހާދިސާގައި ފައިހުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ

  • އެ މަރާ ގުޅޭ ސީސީޓީވީ ފޫޓޭޖާއި އިންޓެލިޖެންސް ރިޕޯޓާއި ޑީއެންއޭ ތަހުލީލު ރިޕޯޓުން އެ ތުހުމަތަށް ބާރު ލިބޭ

ފުލުހުން އެދުނު ގޮތަށް ޝަރީއަތް ނިމެންދެން ބަންދު ނުކުރީ، މި މައްސަލައިގެ ތަހުގީގު އަށް މަސްދުވަހަށް ވުރެ ދިގުވެފައިވާތީވެ، އަދިވެސް މި ތަހުގީގު ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން ކަމަށް ކޯޓު އަމުރުގައި ބުނެ އެވެ.

"މި ހާލަތުގައި ވަކި މުއްދަތެއް ނެތި ބަންދުކުރުމަކީ އިންސާފުވެރި ގޮތެއް ކަމަށް ނުފެންނާތީ" އޭނާ ދޫކޮށްލީ ކަމަށް އެ އަމުރުގައިވެ އެވެ.

އަހްމަދު މުހައްމަދު ދީދީއަށް މިދިޔަ ފެބްރުއަރީ 24ގައި ހަމަލާދީގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ: ފައިހު އަލުން ހައްޔަރު ކުރީ ސީދާ އެ މަރާ ގުޅިގެން. (ދައުރު ފައިލް ފޮޓޯ/މުޒައްޔިން ނާޒިމް)

މިދިޔަ އޭޕްރީލް މަސް ތެރޭ ފައިހުގެ މައްޗަށް ތިން ދައުވާއެއް ކުރި އެވެ. އެއީ:

  • 1-

    ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ

  • 2-

    ގައިގާ އަތްލުން

  • 3-

    ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުން

ގުޅުން ހުރި ކަމެއް - ފިލައިގެން މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން އުޅުމަށް ފަހު ފައިހު އަމިއްލައަށް ފުލުހުންނާ ހަވާލުވިއިރު، އޭނާ ފޮރުވައިގެން އުޅުނު ކަމަށް ބެލެވޭ ފަސް މީހަކު އޭރު ހައްޔަރު ކުރި އެވެ. އަދި އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށް އޭރު ދައުވާ ވެސް އުފުލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް