މާރާމާރީއާ ގުޅިގެން ހޯދަމުންދާ އިބްރާހިމް ފައިހް ނިޒާމް.

ގޭންގު ކުށްތައް

މާރާމާރީއާ ގުޅިގެން ހޯދާ ފައިހް ފޮރުވި ކަމަށް ބެލެވޭ 5 މީހަކު ހައްޔަރުކޮށްފި

ފުލުހުން ފައިހް ހޯދަމުންދާތާ މަހެއް ވެއްޖެ

މިފަހުން މާލޭގައި ހިންގި ގުރޫޕު މާރާމާރީތަކާ ގުޅިގެން ހޯދަން އިއުލާންކޮށްފައިވާ މީހަކު ފޮރުވައިގެން އުޅޭ ކަމަށް ބެލެވޭ މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ. 

މައްސަލައިގެ ފެށުން - މި ފަހުން މާލޭގައި ސިލްސިލާކޮށް މާރާމާރީތަކެއް ހިންގަމުން ދަނިކޮށް، އެ ކަމުގެ ތުހުމަތުގައި ހޯދަން އިއުލާން ކުރީ، އިބްރާހީމް ފައިހް ނިޒާމު، ސ. މަރަދޫފޭދޫ/ރަށްދެބައިގެ އެވެ. 

  • އޭނާގެ ފޮޓޯއާ އެކު ވަނަވަރު ހާމަކޮށް، ފުލުހުން އާންމުންގެ އެހީތެރިކަމަށް ފުރަތަމަ އިއުލާންކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު

  • މަހެއް ވީއިރު ވެސް ނުފެނިގެން އޭނާ ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދުނީ މިދިޔަ ބުރާސްފަތި ދުވަހު

ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ، ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހޯދަމުންދާތާ މަހެއް ވީިއިރު ވެސް ފައިހް ހައްޔަރުކުރެވިފައި ނުވަނީ، އޭނާ ހައްޔަރުވިޔަ ނުދިނުމަށް ބަޔަކު އޭނާ ފޮރުވައިގެން އުޅޭތީ ކަމަށެވެ.

ފައިހް ފޮރުވައިގެން ގެންގުޅުމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އޭނާ ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.

އެނގުން މުހިންމު - ފައިހް ހޯދަން އިއުލާންކޮށް ފުލުހުން ކުރިން ބުނެފައިވާ ގޮތުން:

  • ފައިހް، 25، ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން ގެންދާ، ގުރޫޕް ހަދައިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން

  • ފައިހްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓަމްންޓްގެ ނަންބަރު 9911099އަށް ގުޅަން އެދުނު

  • ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް އެދުނު

ފައިހް ހޯދަން އިއުލާންކުރީ، ގުރޫޕު ހަދައިގެން ގޮސް މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލެ ފެރީ ޓާމިނަލް ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމުކޮށްލާފައި ވަނިކޮށެވެ. ނަމަވެސް، އޭނާ ހޯދަނީ ސީދާ އެ މައްސަލައިގައި ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް