އެމްޑީޕީގެ ޖަލްސާއެއްގައި އަސްލަމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސެއިން ސުނޭން)

އެމްޑީޕީ

ބަޖެޓު ހުށަހެޅުމުގެ ކުރިން އަންނަން ޖެހޭނީ ނަޝީދުގެ މައްސަލަ: އަސްލަމް

މިކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް، އެމްޑީޕީ ޕީޖީ ބައްދަލުވުމެއް ބާއްވާނެ ކަމަށް އަސްލަމް ވިދާޅުވި

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓު، މަޖިލީހަށް ހުށަހެޅުމުގެ ކުރިން ތާވަލް ކުރަން ޖެހޭނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަމަށް އެ މައްސަލަ ހުށަހެޅި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ދެ ދުވަހު ވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، 'އާލަސްކަންފުޅާ އުޅުއްވާތީ' ނަޝީދުގެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. މާދަމާ ވެސް ސަލާމުގައި ހުންނެވުމުން، އެ މައްސަލަ މިހާރު އެޖެންޑާ ކޮށްފައި ވަނީ، ބުދަ ދުވަހުގެ ޖަލްސާ އަށެވެ.

މާދަމާގެ ޖަލްސާގައި އޮތީ:

  • ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުން

  • އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން

ބުނީ ކީކޭ؟ - "އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެހެން ހެދޭނެ ކަމަށް. ބަޖެޓު ހުށަހެޅުމުގެ ކުރިން ނަޝީދުގެ މައްސަލަ ތާވަލް ކުރަން ޖެހޭނެ. އެއީ، އަޅުގަނޑުމެންގެ ސްޓޭންޑަކީ،" ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަސްލަމް 'ދައުރު'އަށް ވިދާޅުވި އެވެ.

ތަފްސީލު - އަސްލަމް ވިދާޅުވީ ޕާޓީގެ ސްޓޭންޑަކީ، ނަޝީދުގެ މައްސަލައިގައި ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށެވެ. އެހެންކަމުން، ބަޖެޓު ހުށަހެޅުމުގެ ކުރިން ނަޝީދުގެ މައްސަލައިގައި ގޮތެއް ނިންމަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ޕާޓީގެ ސްޓޭންޑަކީ ކުރިން ވެސް ބުނެފައިވާ ގޮތަށް ނަޝީދުގެ މައްސަލައިގައި ގޮތެއް ނުނިންމާ، މަޖިލިސް ތެރެއިން އެއްވެސް ކަމަކަށް އެއްބާރުލުން ނުދިނުން،" އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީ ޕީޖީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ ހުސެއިން ސުނައިން)

މިކަމާ ގުޅޭ ގޮތުން އިތުރަށް ކުރިއަށްދާނެ ގޮތެއް ނިންމުމަށް އެމްޑީޕީ ޕީޖީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަޖިލީހުގައި ވެސް ނަޝީދުގެ މައްސަލަ މާދަމާއަށް އެޖެންޑާކުރަން އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ މައްސަލަ ނުނިންމައި، އިތުރު މަސައްކަތެއް މަޖިލީހުގައި ނުކުރެވޭނެ ކަމަށް އެމްޑީޕީން ގަބޫލުކުރަނީ މަޖިލިސް ގަވައިދުގެ 205 ވަނަ މާއްދާގެ (ރ)އަށް ރިއާޔަތްކޮށެވެ. އެ މައްދާގައި ބުނަނީ:

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މާދަމާއަށް ތާވަލުކުރިއިރު، މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެ ހިނގާ އަހަރުގެ 1 ނޮވެމްބަރުގެ ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. މާދަމާ އަކީ މި ހިނގާ އޮކްޓޯބަރު މަހުގެ އެންމެ ފަހު ދުވަހެވެ.

އެނގުން މުހިންމު - ނަޝީދުގެ މައްސަލަ ބުދަދުވަހަށް ފަސްކުރި އިރު، މިއަދާއި އިއްޔެ ވެސް އެ މައްސަލަ އެޖެންޑާ ކުރި އެވެ. ނަމަވެސް އެ ދެ ޖަލްސާ ބޭއްވިފައެއް ނުވެ އެވެ. އެއީ:

  • ނަޝީދުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން

  • މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވަނީ ސީދާ ނައިބު ރައީސްއަށް

  •  ނައިބު ރައީސް ނެތް ނަމަ، މިފަދަ މައްސަލައެއްގައި ދެން ހަދާނެ ގޮތް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައެއް ނުވޭ؛ އެހެންވެ، އަމީންއާންމު ފާތުމަތު ނިއުޝާގެ ނިންމެވުމަކީ ވެސް އީވާ ނޫން ބޭފުޅަކަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓެވޭނެކަން

މިއަދު މަޖިލީހުން ބުނި ގޮތުގައި ނަޝީދުގެ މައްސަލަ ބުދަދުވަހަށް އެޖެންޑާކުރީ، މާދަމާ ވެސް އީވާ ސަލާމުގައި ހުންނެވުމުންނެވެ.

ފަސް މަންޒަރު- ނަޝީދުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު އީވާ ނޫން ބޭފުޅަކަށް ނުބެލެހެއްޓެވޭނެ ކަމަށް އަމީންއާންމު ނިންމެވި ނިންމެވުން  ގަބޫލުނުކޮށް، އެ މައްސަލަ އެމްޑީޕީގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

އެ ކޯޓުން މިއަދު އެ މައްސަލަ ބަލައިގެންފައި ވާއިރު، ނަޝީދުގެ މައްސަލަ ނުނިންމާ އިތުރު ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ޕާޓީގެ ފަރާތުން ވަނީ ކޯޓުގައި އެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް