ސުޕްރީމް ކޯޓު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

ނަޝީދުގެ މައްސަލަ ނުނިންމައި އިތުރު ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދޭން އެމްޑީޕީން ކޯޓުގައި އެދިއްޖެ

ނައިބު ރައީސްއަށް ޖަލްސާއަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައިވާ ގޮތުން މަތިން އެ ޖަލްސާ ބޭއްވުމަށް ލާޒިމްވާނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރާ ގުޅޭ ގޮތުން ގޮތެއް ނުނިންމައި އެހެން އެއްވެސް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެކަމާ ގުޅޭ ދުސްތޫރީ މައްސަލަ އެމްޑީޕީން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، އެ މައްސަލަ ކުރިއަށްގެންދެވިދާނެ ކަމާ މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި، އެ ކަމަށް ގާނޫނީ ފަރުވާއެއް ހޯދުމަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމި އެވެ.

އެ މައްސަލަ ކޯޓަށް ހުށެހެޅުމަށް ފަހު، އެމްޑީޕީގެ ކުރީގެ އޮފީހުގައި އެ ޕާޓީގެ ގާނޫނީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދުސްތޫރީ މައްސަލައިގެ ތަފްސީލު ދީފަ އެވެ.

ތަފްސީލު - ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައީސް އޮފީހުގެ ކުރީގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، އެ މައްސަލަ ހުށަހަޅަން ނިންމި މައިގަނޑު ސަބަބަކީ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ ސިދާ މަޖިލީހުގެ ނައިބު ރައީސް ކަމަށް އަމީންއާންމު ނިންމެވި ނިންމެވުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފު ނިންމެއް ކަމަށް ގަަބޫލު ކުރެވޭތީ ކަމަށެވެ. އަމީންއާންމު މިކަމާ ގުޅުން ހުރި މާއްދާތައް މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މި މައްސަލަ ހުށަހެޅީ މައިގަނޑު ދެ ކަމަކަށް އެދި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ:

  • 1-

    މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލް ކުރާ ޖަލްސާއަކަށް ނައިބު ރައީސްއަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަން މަޖިލީހުގެ އިދާރާއަށް ލާޒިމް ވާނެ ކަމަށް ކަނޑައަޅައިދިނުމަށް

  • 2-

    ނަޝީދުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުންމުގައި އަފީފް (ކ). (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބަޔާން ކުރަނީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުވެރިވާ ހާލަތުގައި އަމަލު ކުރާނެ ގޮތްތަކެވެ. އެގޮތުން، އެ މާއްދާގައި ބުނަނީ:

  • އެފަދަ ހާލަތެއްގައި، ގާނޫނުއަސާާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓާނެ މެންބަރެއް މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެ

  • އެގޮތަށް ކަނޑައަޅާނީ، މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިން ޖުމްލަ ފަސް މެންބަރުން؛ އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަކަށް

  • އެ ފަސް މެންބަރުން ކަނޑައަޅަން އޮންނަނީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އެ މަގާމަށް އިންތިހާބު ކުރުމަށް ފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި؛ އެ ނަންތައް މަޖިލީހުގައި އިއުލާން ކުރަން ޖެހޭ

  • ރިޔާސަތު ބެލެހެއްޓުމަށް އެ ފަސް މެންބަރުންގެ ތަރުތީބު ކަނޑައަޅުމުގައި އިސްކަން ދޭން ޖެހޭނީ މެންބަރުކަމުގެ މުއްދަތަށް ބަލައިގެން؛ މެންބަރުކަމުގެ މުއްދުތު ހަމަހަމަ ނަމަ، ދެން ބަލާނީ އެ މެންބަރުންގެ އުމުރުގެ ދޮށިކަމަށް

  • ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ދުރާލާ ކަނޑައަޅާފައި ނުވާ ހާލަތުގައި ނުވަތަ އެ ފަސް މެންބަރުން ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތުގައި، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ، ދެން އެންމެ ގިނަ ދުވަހަކަށް މެންބަރުކަން ކުރެއްވި ބޭފުޅެއް

މި މައްސަލައިގައި ގޮތެއް ނުނިންމައި އެހެން އެއްވެސް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދުނީ، އަފީފް ވިދާޅުވި ގޮތުގައި، މަޖިލީހުގެ ގަވައިދުގެ 205 މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިންނެވެ.

އެ މާއްދާގައި ބުނަނީ:

  • މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު

އެމްޑީޕީގެ ގާނޫނީ ޓީމުން ދެކޭ ގޮތުގައި، އެ މާއްދާ އެހެން އޮތުމުން އިތުރު ޖަލްސާއަށް ނުބޭއްވޭނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް