އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ ހުސެއިން ސުނައިން)

އެމްޑީޕީ

މި ވޯޓު ނުނަގާ އިތުރު ކަމެއް ކުރަން ޖާގައެއް ނުދޭނަން: އެމްޑީޕީ ޕީޖީ

އެމްޑީޕީގެ ޕީޖީ ނިންމާފައި ވަނީ، ނަޝީދުގެ ވޯޓު ނުނަގައި، މުއިއްޒު ހުވާކުރައްވައިފި ނަމަ، އެ ހުވާ ވެސް ބަލައިނުގަތުމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވޯޓަށް ނާހަނީސް، މަޖިލީހުގައި އިތުރު އެއްވެސް މަސައްކަތެއް ކުރަން ޖާގަ ނުދޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބުނެފި އެވެ.

އެ ހާލަތުގައި އިންތިހާބީ ރައީސްގެ ހުވާ ކުރެއްވުން ވެސް ބަލައި ނުގަންނަން ޕީޖީ ގްރޫޕުން ވަނީ ނިންމާފަ އެވެ.

ވީ ކިހިނެއް؟ - ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، އެ މައްސަލަ ހުށަހެޅި މަޖިލީހުގެ ސާފު އަގުލަބިއްޔަތެއް އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ނިންމީ، އެ މައްސަލައިގައި ތްރީލައިން ވިޕެއް ނެރުމަށެވެ.

އެ ނިންމި ނިންމި އެމްޑީޕީގެ ޕީޖީ ބައްދަލުވުމަށް ފަހު، މަޖިލިސް އިދާރާގެ ގޯތިތެރޭ މިއަދު ހަވީރު އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން، ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނުނިންމައި، މަޖިލިސް ތެރެއިން ކުރާ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭން ޕީޖީ ބައްދަލުވުމުގައި ނިންމި ކަމަށެވެ.

އެގޮތަށް ޕީޖީން ނިންމިއިރު، އަންނަ މަހު 17ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުން އޮންނާނީ، މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިންނެވެ. އަދި ހުވާކުރުމަށް ފަހު، އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލައި ރުހުން ހޯދަން މަޖިލީހަށް ފޮނުވަން ޖެހޭނެ އެވެ. އެމްޑީޕީގެ ޕީޖީ އޮތީ، މިފަހަރުގެ މި ވޯޓު ނަގަން ރިޔާސަތުން ފުރުސަތު ނުދީފި ނަމަ، އެއިން އެއްވެސް ކަމަކަށް އެއްބާރުލުން ދޭ ގޮތަކަށް ނޫނެވެ.

ބުނީ ކީކޭ؟ - "ޖަލްސާ ބޭއްވުމަށް މިއޮތީ ނޯޓިސް ދީފައި، ޖަލްސާ ބާއްވަން ޖެހޭނެ. އެޖަލްސާ އޮންނަ ދުވަހު، އެ ޖަލްސާއަށް މައްސަލަ ހުށަހެޅުމަށް ފަހު، މަޖިލިސް އެއްވެސް ކަމެއް ކުރެވިގެން ނުވާނެ. އަޅުގަނޑުމެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތެއް ނުކުރަން ޕާލިމަންޓްރީ ގްރޫޕުން މިހާރު އެވަނީ ނިންމާފައި،" މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން އެ މައްސަލައިގައި ގޮތެއް ނުނިންމައި ދެން އިތުރު ކަމެއް ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ފާހަގަކުރައްވަމުން، އަސްލަމް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ ޕީއެސްއެމް)

ތަފްސީލު-  މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ކަންކަން ކުރިއަށްދާނެ ގޮތް ބަޔާން ކުރަނީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މައްދާގަ އެވެ. އެގޮތުން:

  • އިތުބާރު ނެތް ކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ދިނުމަށް ފަހު، އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއަކަށް ގަރާރު އެޖެންޑާ ކުރަން ޖެހޭ؛ އެއީ، އަންނަ އާދިއްތަ ދުވަސް (އެދުވަހަށް ޖަލްސާ އެޖެންޑާ ކުރިކަން މެންބަރުންނަށް މިހާރު ވަނީ އަންގާފައި)

  • މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު ހުށަހެޅުމަށް ފަހު، މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ގެންދެވޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު؛ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެެހެނީ ނައިބު ރައީސް

  • މަޖިލީހުގެ ރައީސް މަގާމުން ވަކިކުރެވޭނީ، މަގާމުން ވަކިކުރުމުގެ ގަރާރަށް ވޯޓަށް އަހާ ޖަލްސާއަށް ހާޒިރުވެ، ވޯޓްގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވުމުން

 މި ވޯޓު [ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނަގާ ވޯޓު] ނުނިންމާ ރިޔާސަތަކުން ނިންމާ ނިންމުމެއް، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުވާ ކުރައްވައިގެން ހުރި ރައީސުލްޖުމްހޫރިއްޔާއެއް ކަމަށް އަޅުގަނޑުމެން ނުބަލާނަން،"

މުހައްމަދު އަސްލަމް/ އެމްޑީޕީގެ ޕީޖީ ލީޑަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސް އިދާރާގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ގަވައިދުގައި އެގޮތަށް ބަޔާންކޮށްފައިވާއިރު، ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް، ނަޝީދުގެ ކިބައިން އެދިވަޑައިގެންނެވީ އެ ވޯޓު ނުނަގައި، 'ރިޔާސަތުގައި ގަދަބާރުން އިންނަވައިގެން އެއްވެސް ކަމެއް ނުކުރެއްވުމަ'ށެވެ.

"ދެން ކުރިމަތީގައި ބައެއް ކަންކަން އެބަހުރި. އޭގެ ތެރޭގައި މިސާލަކަށް ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރުމުގެ ރަސްމިއްޔާތު ވެސް ހިމެނޭ. އެއީ ރައްޔިތުންގެ މަޖިލީހުގައި ކުރަން ޖެހޭ ކަމެއް،" އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް، އަސްލަމް ވިދާޅުވި އެވެ.

"އެފަދަ ޖަލްސާއެއް [ހުވާ ކުރުމުގެ ރަސްމިއްޔާތު] އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރުން، 29 [އާދިއްތަ ދުވަހު]ގެ ފަހުން، މި އޮތް ވޯޓު ނުނަގާ ކުރިއަށް ގެންދެވިދާނެ ކަމަށް."

އެހެންކަމުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އާދިއްތަ ދުވަހު އެ ވޯޓު ނުނަގައިފި ނަމަ، އެއިން އެއްވެސް ކަމެއްގައި އެމްޑީޕީ ޕީޖީގެ އެއްބާރުލުމެއް ނުދޭން ޕީޖީން ނިންމި ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެންމެ ފަހު ވާހަކައަށް ވެސް ދަންނަވަން އޮތީ، ނޮވެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ހުވާ، މި ވޯޓު [ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނަގާ ވޯޓު]  ނުނިންމާ ރިޔާސަތަކުން ނިންމާ ނިންމުމެއް، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުވާކުރައްވައިގެން ހުރި ރައީސުލްޖުމްހޫރިއްޔާއެއް ކަމަށް އަޅުގަނޑުމެން ނުބަލާނަން،" އެމްޑީޕީގެ އެހެން ބައެއް މެންބަރުން ވެސް އެކުގައި ތިއްބަވައިގެން ބެއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވަމުން އަސްލަމް ވިދާޅުވި އެވެ.

މިއަދު މަޖިލިސް އިދާރާގެ ގޯތި ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް: އެމްޑީޕީގެ ޕީޖީން ނިންމާފައިވަނީ، ނަޝީދުގެ ވޯޓު ނުނަގައި މުއިއްޒު ހުވާކުރައްވައިިފި ނަމަ، އެ ހުވާ ބަލައިނުގަންނަން

އެނގުން މުހިންމު - ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށް ފަހު، ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް އަލުން ފަށައި އެ ޕާޓީގެ 49 މެންބަރުންގެ ސޮޔާ އެކު އެ މައްސަލަ ހުށަހެޅީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެގޮތުން ނަޝީދު ވަކިކުރަން ހުށަހެޅި ސަބަބުތަކަކީ: 

  • މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި ވަކި ގޮތެއް ނިންމުމަށް ހުށަހެޅުމުގައި އަމިއްލަ މަސްލަހަތު އިސްކުރެއްވުމާއި ވަކި ފަރާތަކަށް ބުރަވެ، ގަވައިދާ ހިލާފަށް އެޖެންޑާ ކަނޑައެޅުއްވުން

  • ޖަލްސާތައް ގަވައިދާ ހިލާފަށް ތަކުރާރުކޮށް ކުރިއަށް ގެންދެވުން

  • މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާ މެންބަރުންނަށް ވާގިވެރިވެވަޑައިގަތުން

  • މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވުމަށް ފަހު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މަސްލަހަތު އޮތް މައްސަލައެއް ތާވަލުކުރައްވައިގެން ކުރިއަށް ގެންދެވުމަށް ޖަލްސާތައް ބޭއްވެވުން

ކޮމެންޓް (1)

ޔޯޔޯ

26 އޮކްޓޯބަރު 2023
އާދީއްތަ ދުވަހަށް އީވާ ބަލިވާނެޔޯ! ރިޔާސަތަކަށް ނޭރޭނެޔޯ! ދެން މަޖިލިސް ރައީސް ވަކިކުރާ ޖަލްސާ ބޭއްވޭނެ ގޮތެއް ނޯންނާނެޔޯ! މިއީ މަޖިލިސް އަމީންއާމަށް އަންނި ދީފައިވާ ގާނޫނީ ލަފަޔޯ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް