އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަން ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ ހުސެން ސުނައިން)

އެމްޑީޕީ

ނަޝީދު ވަކިކުރުމުގެ މައްސަލަ 50 އަށް ވުރެ ގިނަ މެމްބަރުންގެ ވޯޓުން ކާމިޔާބުވާނެ: އެމްޑީޕީގެ ޕީޖީ

އެމްޑީޕީގެ ޕީޖީން ބުނާ ގޮތުގައި ސިމްޕަލް މެޖޯރިޓީއަށް ވުރެ ގިނަ އަދަދެއް ކަމަށްވާ 49 މެމްބަރުންގެ ސޮޔާ އެކު އެ މައްސަލަ ހުށަހެޅިއިރު، އިތުރު މެމްބަރުން ވެސް އެ މައްސަލައިގައި އެމްޑީޕީ ކޮޅަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވަމުން އަންނަ ކަމަށް
25 އޮކްޓޯބަރު 2023
1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ނަގާ ވޯޓު، 50 މެމްބަރުންނަށް ވުރެ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރި ގްރޫޕުން މިއަދު ލަފާކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއީ މަޖިލިސް ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީން މައްސަލަ ހުށަހެޅި ދެ ވަނަ ފަހަރެވެ. އެ މައްސަލަ ދެ ވަނަ ފަހަރަށް ހުށަހެޅީ އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާ އެކު 9 އޮކްޓޫބަރުގަ އެވެ. އަދި އެ މައްސަލައިގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ތްރީލައިން ވިޕެއް ވެސް ވަނީ ނެރެފަ އެވެ.

ބުނީ ކީކޭ؟ - އެމްޑީޕީގެ ޕީޖީއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ މައްސަލަ ކާމިޔާބު ކުރުމަށް ބޭނުންވަނީ 44 މެމްބަރުންގެ ވޯޓު ކަމަށެވެ.

"44، މި މައްސަލައިގައި މަޖިލީހުގެ ސިމްޕަލް މެޖޯރިޓީއަކީ ވެސް. ސިމްޕަލް މެޖޯރިޓީއަށް ވުރެ ވެސް ގިނަ އަދަދެއްގެ ބޭފުޅުން އެ ވަނީ ސޮއިކުރައްވާފައި. ދެން އަދި އެއަށް ވުރެ ގިނަ ބޭފުޅުން ވޯޓު ވެސް ދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވަނީ،" އަސްލަމް ވިދާޅުވި އެވެ.

'މަޖިލީހުގައި މި ނޫން މަސައްކަތެއް ކުރުމުގެ ޖާގައެއް ނުދޭނަން'

އަސްލަމް ވިދާޅުވި ގޮތުގައި އެމްޑީޕީން އޮތީ  މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނުނިންމައި، މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ގެންދިއުމަށް ޖާގަ ދޭ ގޮތަކަށް ނޫނެވެ.

ކުރީ ފަހަރު އާންމު ކޮމެޓީތައް ހުއްޓުވާފައި ހުރުމުގެ ސަބަބުން މަޖިލިސް ގަވާއިދުގައި ބުނާ ނިންމުން ނުނިންމި އޮތުމުން މައްސަލަ ކުރިއަށް ނުދިޔަ ނަމަވެސް، މިފަހަރު އެ ހުރަސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓުގެ މަސައްކަތް ވެސް ވަކިކޮޅެއްގައި ނުޖެހި އޮތް ނަމަވެސް، އަސްލަމް ވިދާޅުވީ މިވަގުތު ކުރަން އޮތް ހަމައެކަނި މަސައްކަތަކީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ކަމަށެވެ.

"އިތުބާރު ގެއްލިއްޖެ ރައީސަކާ އެކު މަސައްކަތް ނުކުރުން މި އޮތީ... އެ ނިންމުން އެ އޮތީ ނިންމާފައި. ބަޖެޓު ވެސް، އެއްވެސް މަސައްކަތެއް އަޅުގަނޑުމެންނަށް ކުރިއަށް ނުގެންދެވޭނެ މި ވޯޓު ނަގާފައި ނޫނީ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ވަގުތު އަދި އެބަ އޮތް ކަމަށެވެ.

އެނގުން މުހިންމު - ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށް ފަހު، ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، ނަޝީދު ވަކިކުރަން ހުށަހެޅި ސަބަބުތަކަކީ: 

  • މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި ވަކި ގޮތެއް ނިންމުމަށް ހުށަހެޅުމުގައި އަމިއްލަ މަސްލަހަތު އިސްކުރެއްވުމާއި ވަކި ފަރާތަކަށް ބުރަވެ، ގަވައިދާ ހިލާފަށް އެޖެންޑާ ކަނޑައެޅުއްވުން

  • ޖަލްސާތައް ގަވައިދާ ހިލާފަށް ތަކުރާރުކޮށް ކުރިއަށް ގެންދެވުން

  • މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާ މެންބަރުންނަށް ވާގިވެރިވެވަޑައިގަތުން

  • މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވުމަށް ފަހު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މަސްލަހަތު އޮތް މައްސަލައެއް ތާވަލުކުރައްވައިގެން ކުރިއަށް ގެންދެވުމަށް ޖަލްސާތައް ބޭއްވެވުން

ކޮމެންޓް (1)

ފިލިނަޝީދު

26 އޮކްޓޯބަރު 2023
އެކަން ނަޝީދަށްވެސް ޔަގީންވާތީ އެއުޅެނީ ވޯޓަށް ފިލައިގެން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް