ސެޕްޓެމްބަރު 24، 2023: ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީން ތްރީލައިން ވިޕެއް ނެރެފި

މިއީ ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި ދެވަނަ ފަހަރު ކަމަށްވާއިރު ތްރީލައިން ވިޕް ނެރެން ފާސްވީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ މަގާމުން ވަކިކުރުމަށް ތްރީލައިން ވިޕެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ނެރެފި އެވެ. އެގޮތަށް ފާސްވީ، އެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ. 

ވީ ކިހިނެއް؟ - އެމްޑީޕީއިން ބުނި ގޮތުގައި މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި އެ ހުށަހެޅުން ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ. ތާއީދު ކުރެއްވީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.

ނަޝީދުގެ އިތުބާރުގެ ވޯޓް: 

  • އެ ވޯޓް އެޖެންޑާކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހަށް

  • މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން 14 ދުވަސް ނޯޓިސް ދިނުމަށް ފަހު، ދެން އެންމެ އަވަހަށް ބާއްވާ ޖަލްސާއަކަށް މައްސަލަ އެޖެންޑާކުރަން ޖެހޭ

  • އެ މުއްދަތު ހަމަވަނީ މާދަމާގެ ނިޔަލަށް

އެނގުން މުހިންމު - ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށް ފަހު، ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް އަލުން ފަށައި އެ ޕާޓީގެ 49 މެންބަރުންގެ ސޮޔާ އެކު އެ މައްސަލަ ހުށަހެޅީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެގޮތުން ނަޝީދު ވަކިކުރަން ހުށަހެޅި ސަބަބުތަކަކީ: 

  • މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި ވަކި ގޮތެއް ނިންމުމަށް ހުށަހެޅުމުގައި އަމިއްލަ މަސްލަހަތު އިސްކުރެއްވުމާއި ވަކި ފަރާތަކަށް ބުރަވެ، ގަވައިދާ ހިލާފަށް އެޖެންޑާ ކަނޑައެޅުއްވުން

  • ޖަލްސާތައް ގަވައިދާ ހިލާފަށް ތަކުރާރުކޮށް ކުރިއަށް ގެންދެވުން

  • މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާ މެންބަރުންނަށް ވާގިވެރިވެވަޑައިގަތުން

  • މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވުމަށް ފަހު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މަސްލަހަތު އޮތް މައްސަލައެއް ތާވަލުކުރައްވައިގެން ކުރިއަށް ގެންދެވުމަށް ޖަލްސާތައް ބޭއްވެވުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް