ރައްޔިތުންގެ މަޖިލިސް އިދާރާ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ބުދައަށް ނަޝީދުގެ މައްސަލަ އެޖެންޑާކުރީ، މާދަމާ ވެސް އީވާ ސަލާމްގައި ހުންނެވުމުން: މަޖިލިސް

މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށައެޅުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ބުދަދުވަހުގެ ޖަލްސާއަށް އެޖެންޑާކުރީ، ނައިބު ރައީސް އީވާ އަބްދުﷲ މާދަމާއަށް ވެސް ސަލާމް ވިދާޅުވުމުން ކަމަށް މަޖިލިސް އިދާރާއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ދެ ދުވަހު ވެސް އީވާ، 'އާލަސްކަންފުޅާ އުޅުއްވާތީ' ނަޝީދުގެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. މިހާރު އާންމުކޮށްފައިވާ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އެ މައްސަލައެއް ނެތެވެ. އޭގެ ބަދަލުގައި އެކަން އެޖެންޑާކޮށްފައި ވަނީ ބުދަދުވަހުގެ ޖަލްސާ އަށެވެ.

ތަފްސީލު - މި ކަމާ ގުޅޭ ގޮތުން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، ހަސަން ޒިޔާއު މިއަދު 'ދައުރު'އަށް ވިދާޅުވީ މާދަމާގެ ޖަލްސާއަށް އެޖެންޑާ ނުކުރި ސަބަބަކީ، މާދަމާ ވެސް އީވާ ސަލާމުގައި ހުންނެވުމުން ކަމަށެވެ. 

"މާދަމާ ވެސް އީވާ ސަލާމުގައި ހުންނެވުމުން، ބުދަދުވަހުގެ ޖަލްސާއަށް [ނަޝީދުގެ މައްސަލަ] އެޖެންޑާކުރީ. އަދި މާލިއްޔަތު ގާނޫނާއި މަޖިލިސް ގަވައިދުގެ ދަށުން މާދަމާއަކީ ބަޖެޓު ހުށަހެޅުމަށް ފަހު ދުވަސް ކަމަށް ވުމުން، މާދަމާގެ ޖަލްސާއަށް ބަޖެޓު ހުށަހެޅުމަށް ފުރުސަތު ދީފައި އެވަނީ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މާދަމާއަށް ތާވަލުކުރިއިރު، މަޖިލީހުގެ ގަވައިދާއި މާލިއްޔަތު ގާނޫނު ބުނާ ގޮތުން، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެ ހިނގާ އަހަރުގެ 1 ނޮވެމްބަރުގެ ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. މާދަމާ އަކީ މި ހިނގާ އޮކްޓޯބަރު މަހުގެ އެންމެ ފަހު ދުވަހެވެ.

ފަސް މަންޒަރު - ނަޝީދުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު، މަޖިލިސް ގަވައިދުގެ ދަށުން އީވާ ނޫން ބޭފުޅަކަށް ނުބެލެހެއްޓެވޭނެ ކަމަށް އަމީން އާންމު ނިންމެވި ނިންމެވުން ގަބޫލުނުކޮށް، އެ މައްސަލަ އެމްޑީޕީގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

އެ ކޯޓުން މިއަދު އެ މައްސަލަ ބަލައިގެންފައި ވާއިރު، ނަޝީދުގެ މައްސަލަ ނުނިންމާ އިތުރު ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ޕާޓީގެ ފަރާތުން ވަނީ ކޯޓުގައި އެދިފަ އެވެ.

ކޮމެންޓް (1)

މުޖުތާޒު

30 އޮކްޓޯބަރު 2023
ޢެމްޑީޕީގަތިބި މެމްބަރުން ވެރިކަން ދިޔާމަ މޮޔަވީ ހޭދުއްދި ދިޔައީ ޚާއްސަކޮއް އައްޑޫ އަސްލަމާ މަވޯޓާ ޝަރީފުއާ ރޮޒޭނާ ނޮޔަވެއްޖެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް