މި އަހަރުގެ ބަޖެޓު ފޮތް. (ފޮޓޯ/މަޖިލިސް)

ނަޝީދުގެ މައްސަލަ ބުދައަށް ފަސްކޮށް، ބަޖެޓު ހުށަހެޅުން މާދަމާއަށް ތާވަލުކޮށްފި

ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުން ވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ބުދަ ދުވަހަށް ފަސްކޮށް، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ވީ ކިހިނެއް؟ - ކުރިއަށް އޮތް ދެ ދުވަހުގެ މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ މަޖިލީހުގެ އިދާރާގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފަ އެވެ. އެގޮތުން:

  • މާދަމާއަށް އޮތީ ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން

  • ބުދަ ދުވަހު އޮތީ ނަޝީދުގެ ވަކިކުރުމުގެ މައްސަލަ

ތަފްސީލު - ނަޝީދުގެ މައްސަލަ ބުދަ ދުވަހަށް ފަސް ކުރި އިރު، މިއަދާއި އިއްޔެ ވެސް އެ މައްސަލަ އެޖެންޑާ ކުރި އެވެ. ނަމަވެސް، އެ ދެ ޖަލްސާއެއް ބޭއްވިފައެއް ނުވެ އެވެ. އެއީ:

  • ނަޝީދުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން

  • މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވަނީ ސީދާ ނައިބު ރައީސް

  •  ނައިބު ރައީސް ނެތް ނަމަ، މިފަދަ މައްސަލައެއްގައި ދެން ހަދާނެ ގޮތް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައެއް ނުވޭ؛ އެހެންވެ، އަމީން އާންމު ފާތުމަތު ނިޔުޝާގެ ނިންމެވުމަކީ ވެސް އީވާ ނޫން ބޭފުޅަކަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓެވޭނެކަން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ރިޔާސަތުގައި (ފޮޓޯ/ މަޖިލިސް)

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މާދަމާއަށް ތާވަލުކުރިއިރު، މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެ ހިނގާ އަހަރުގެ ނޮވެމްބަރު 1ގެ ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. މާދަމާ އަކީ މި ހިނގާ އޮކްޓޯބަރު މަހުގެ އެންމެ ފަހު ދުވަހެވެ.

ފާހަގަކޮށްލެވޭ ކަމެއް - ނަޝީދުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު އީވާ ނޫން ބޭފުޅަކަށް ނުބެލެހެއްޓެވޭނެ ކަމަށް އަމީން އާންމު ނިންމެވި ނިންމެވުން ގަބޫލުނުކޮށް، އެ މައްސަލަ އެމްޑީޕީގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

އެ ކޯޓުން މިއަދު އެ މައްސަލަ ބަލައިގެންފައި ވާއިރު، ނަޝީދުގެ މައްސަލަ ނުނިންމާ އިތުރު ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ޕާޓީގެ ފަރާތުން ވަނީ ކޯޓުގައި އެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް