19 ޖޫންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ މަޖިލީސް)

ސުޕްރީމް ކޯޓު

ނަޝީދު ވަކިކުރުން ކުރިއަށްގެންދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ނަޝީދުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާމްގައި ހުންނެވުމުން، މި ދެ ދުވަހު ވެސް އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވޭ
30 އޮކްޓޯބަރު 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރާ ގުޅޭ ގޮތުން ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން އިއްޔެ ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބަލައިގެންފި އެވެ.

ވީ ކިހިނެއް؟ - ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ އިއްޔެ އާއި މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމްގައި ހުންނެވުމުން، މި ދެ ދުވަހު ވެސް އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.

އެހެންވެ، އެ ކަމަށް ގާނޫނީ ފަރުވާއެއް ހޯދުމަށް އެމްޑީޕީން އިއްޔެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.

އެ މައްސަލަ ބަލައިގަތުމަށް ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވާކަން ސުޕްރީމް ކޯޓުގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ. އެމްޑީޕީން ވެސް ވަނީ އެކަން އެކްސްގައި ހާމަކޮށްފަ އެވެ.

ތަފްސީލް - މި މައްސަލަ ހުށަހެޅުމަށް ފަހު، އެމްޑީޕީގެ ގާނޫނީ ޓީމުން އެ ޕާޓީގެ އޮފީސް ކުރިން ހިންގި އިމާރާތުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ރައީސް އޮފީހުގެ ކުރީގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވެފައިވާ ގޮތުގައި، އެ މައްސަލަ ހުށަހަޅަން ނިންމި މައިގަނޑު ސަބަބަކީ، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ ސިދާ މަޖިލީހުގެ ނައިބު ރައީސް ކަމަށް އަމީން އާންމު ނިންމެވި ނިންމެވުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފު ނިންމެއް ކަމަށް ގަަބޫލު ކުރެވޭތީ އެވެ. އަމީން އާންމު މިކަމާ ގުޅުން ހުރި މާއްދާތައް މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެހެންވެ، މި މައްސަލަ ހުށަހެޅީ މައިގަނޑު ދެ ކަމަކަށް އެދި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެއީ:

  • މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލް ކުރާ ޖަލްސާއަކަށް ނައިބު ރައީސްއަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަން މަޖިލީހުގެ އިދާރާއަށް ލާޒިމް ވާނެ ކަމަށް ކަނޑައަޅައިދިނުމަށް

  • ނަޝީދުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް

މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބަޔާން ކުރަނީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުވެރިވާ ހާލަތުގައި އަމަލު ކުރާނެ ގޮތްތަކެވެ. އެގޮތުން، އެ މާއްދާގައި ބުނަނީ:

  • އެފަދަ ހާލަތެއްގައި، ގާނޫނުއަސާާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓާނެ މެންބަރެއް މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެ

  • އެގޮތަށް ކަނޑައަޅާނީ، މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިން ޖުމްލަ ފަސް މެންބަރުން؛ އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަކަށް

  • އެ ފަސް މެންބަރުން ކަނޑައަޅަން އޮންނަނީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އެ މަގާމަށް އިންތިހާބު ކުރުމަށް ފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި؛ އެ ނަންތައް މަޖިލީހުގައި އިއުލާން ކުރަން ޖެހޭ

  • ރިޔާސަތު ބެލެހެއްޓުމަށް އެ ފަސް މެންބަރުންގެ ތަރުތީބު ކަނޑައަޅުމުގައި އިސްކަން ދޭން ޖެހޭނީ މެންބަރުކަމުގެ މުއްދަތަށް ބަލައިގެން؛ މެންބަރުކަމުގެ މުއްދުތު ހަމަހަމަ ނަމަ، ދެން ބަލާނީ އެ މެންބަރުންގެ އުމުރުގެ ދޮށިކަމަށް

  • ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ދުރާލާ ކަނޑައަޅާފައި ނުވާ ހާލަތުގައި ނުވަތަ އެ ފަސް މެންބަރުން ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދިއްޖެ ހާލަތުގައި، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ، ދެން އެންމެ ގިނަ ދުވަހަކަށް މެންބަރުކަން ކުރެއްވި ބޭފުޅެއް

މި މައްސަލައިގައި ގޮތެއް ނުނިންމައި އެހެން އެއްވެސް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދުނީ، އަފީފް ވިދާޅުވެފައިވާ ގޮތުގައި، މަޖިލީހުގެ ގަވައިދުގެ 205 މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިންނެވެ.

އެ މާއްދާގައި ބުނަނީ:

  • މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު

ގުޅުން ހުރި ކަމެއް - ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކޮށްފައި އޮތް މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާމުގައި ހުންނެވުމުން ވަނީ ކެންސަލްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް