ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ނައިބު ރައީސް އީވާ އަބްދުﷲ (ފޮޓޯ/ މަޖިލިސް)

އީވާ ސަލާމުގައި ހުންނެވުމުން މިއަދުގެ ޖަލްސާ ވެސް ކެންސަލް

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރި އިއްޔެގެ ޖަލްސާ ވެސް، އީވާ ސަލާމްގައި ހުންނެވުމުން ނުބޭއްވުނު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކޮށްފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކެންސަލްކޮށްފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ އިދާރާ އިން މިއަދު ހެނދުނު މެންބަރުންނަށް ފޮނުވި އެސްއެމްއެސްއެއްގައި ވަނީ ޖަލްސާ ނޯންނާނެކަން އަންގާފަ އެވެ. އަދި އެކަން މަޖިލީހުގެ އިދާރާ އިން ވެސް 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.

"މަޖިލީހުގެ ނައިބު ރައީސް މިއަދުގެ ޖަލްސާއަށް ސަލާމް ފޮނުއްވާފައިވާތީ، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ނޯންނާނެ ވާހަކަ ދަންނަވަން،" މަޖިލީހުގެ އިދާރާ އިން މިއަދު ހެނދުނު 6:30 ހާއިރު މެންބަރުންނަށް ފޮނުވި މެސެޖުގައިވެ އެވެ.

ތަފްސީލު - ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރި އިއްޔެގެ ޖަލްސާ ވެސް، އީވާ ސަލާމްގައި ހުންނެވުމުން ނުބޭއްވުނެވެ. ނަމަވެސް، ޖަލްސާ ކެންސެލް ކުރިކަން އެންގީ، ހެނދުނު 9 ޖެހިރު ތަޅުމުގައި އަމީން އާންމު ފާތުމަތު ނިޔުޝާ އެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެެކްޓަރު ހަސަން ޒިޔާއު މިއަދު 'ދައުރު'އަށް ވިދާޅުވީ، ޖަލްސާ ނޯންނާނެކަން ދުރާލާ މެންބަރުންނަށް އެންގުމުން ތަޅުމުގައި މިއަދު އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

"އީވާ ސަލާމް ވިދާޅުވުމުން، އަމީން އާންމު އެ ގޮތަށް ނިންމެވީ، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އިއްޔެގެ ޖަލްސާ ކެންސެލްވިކަން އަމީންއާންމު ނިޔުޝާ އިއުލާން ކުރެއްވުމާ އެކު، އެމްޑީޕީގެ މެންބަރުން ވަނީ ތަޅުމުގައި އިހުތިޖާޖްކޮށް، އިދާރީ މޭޒުގައި ހުރި ތަކެއްޗަށް ގެއްލުން ދީފަ އެވެ. އަދި އެ ވަގުތު އިދާރީ މޭޒުގައި އިންނެވި ނިޔުޝާ އާއި ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ބޭފުޅުންނާ ޒުވާބުކޮށް، އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ފޯނު ފަދަ ތަކެއްޗަށް ގެއްލުން ދިނެވެ.

އެނގުން މުހިންމު - މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވަނީ ސީދާ ނައިބު ރައީސްއަށެވެ. ނައިބު ރައީސް ނެތް ނަމަ، މިފަދަ މައްސަލައެއްގައި ހަދާނެ ގޮތް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އެހެންވެ، އަމީން އާންމު ނިޔުޝާގެ ނިންމެވުމަކީ ވެސް އީވާ ނޫން ބޭފުޅަކަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓެވޭނެ ކަމެވެ.

ނަމަވެސް، ނިޔުޝާގެ އެ ނިންމެވުން އެމްޑީޕީން ގަބޫލެއް ނުކުރެ އެވެ. އެއާ އެކު، އެ މައްސަލަ އިއްޔެ އެމްޑީޕީގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް