ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާ ލިބޭ ފަރާތްތައް ކްރިމިނަލް ކޯޓުގައި ވަކީލުންނާއި އެކު

މޭ 6ގެ ހަމަލާ

ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް އަވަސް ކުރެވެން ނެތް ކަމަށް ގާޒީ ވިދާޅުވެއްޖެ

ގާޒީ ސޮފްއަތު ވިދާޅުވީ އޭނާ ބައްލަވަމުން ގެންދަވާ ގިނަ މައްސަލަތަކެއް ޖާގައިގެ ދަތިކަމުގެ ސަބަބުން މަޑުޖެހިފައިވާއިރު ވަކި މައްސަލައަކަށް ވުމުން ހާއްސަކަމެއް ދީގެން އަވަސް ނުކުރެވޭނެ ކަމަށް

މިއަހަރުތެރޭ ނިންމަން މަސައްކަތްކުރި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅޭ ޝަރީއަތް ހާއްސަ އިސްކަމެއް ދީގެން އަވަސް ކުރެވެން ނެތް ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބް މިއަދު ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ސޮފްއަތު ވިދާޅުވީ ކްރިމިނަލް ކޯޓަށް މިވަގުތު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން މޭ 6ގެ ޝަރީއަތް އޮތް ސެކްޝަން 4ގައި އިތުރު އެހެން މައްސަލަތައް ވެސް ފުނިޖެހިފައިވާ ކަމަށެވެ. އެހެންކަމުން، ވަކި މައްސަލައަކަށް ވީތީ ހާއްސަ އިސްކަމެއްދީގެން، ޝަރީއަތް އަވަސް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ގާޒީ ސޮފްއަތު މިއަދު އިތުރަށް ވިދާޅުވި ގޮތުގައި:

  • ދެން މި މައްސަލާގައި އަޑުއެހުމެއް ބާއްވަން ތާވަލުކުރެވެން އޮތީ އަންނަ މަސްތެރެއަށް 

  • އެއީ، އަންނަ މަހުގެ 22، 25، އަދި 27ގައި

ހެކިބަސް ނެގުމުގެ މަރުހަލާގައި އޮތް މިއަދުގެ އަޑުއެހުމުގައި ހަތަރު ހެކިވެރިއެއްގެ ހެކިބަސް ނަގަން ތާވަލުކޮށްފައި އޮތް ނަމަވެސް ހެކިބަސް ނެގުނީ 2 ހެކިވެރިއެއްގެ އެވެ. އަނެއް ދެ ހެކިވެރިން ކޯޓަށް ހާޒިރުނުވާތީ މިއަދު އެ ދެމީހުންގެ ހެކިބަސް ނެގިފައެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އެޕްރީލްގައި މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފެށިއިރު، އެ ދުވަހުގެ އަޑުއެހުމުގައި ގާޒީ ސޮފްއަތު ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް އަޑުއެހުންތައް ބާއްވާނެ ގޮތުގެ ތާވަލު ދެ ފަރާތާ ވެސް ހިއްސާކޮށްފައިވާނެ ކަމަށާއި އެ ތަވާލާ އެއްގޮތަށް ކުރިއަށްދާ ނަމަ މި އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް މައްސަލައިގެ ހުކުމް ކުރެވޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ. 

ނަމަވެސް އެ ތާރީހު ފަހަނައަޅާ ދިޔައިރު ވެސް މި މައްސަލާގެ ޝަރީއަތް ނިމިފައިނުވާއިރު، އަޑުއެހުންތައް ކުރިއަށްދާލެއް ލަސްވުމުގެ ސަބަބުން މި މައްސަލައިގެ ތަހުގީގުތަކާއި ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންދާ ގޮތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އައްޔަންކުރައްވާފައިވާ ހާއްސަ މަންދޫބު އައްބާސް ފާއިޒް ވަނީ މިފަހުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެނގުން މުހިންމު - 6 މެއި 2021 ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރާކޮށްލަން ދިން ކަމަށް ބުނާ މި ހަމާލާގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދު އިއުތިރާފްވެ ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ދީ އޭނާ ވަނީ 23 އަހަރަށް ޖަލަށްލައިފަ އެވެ. އެ މައްސަލާގައި ދެން ހިމެނޭ އެހެން މީހުންގެ މައްސަލަތައް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.

ކޯޓުގައި މިވަގުތު ޝަރީއަތް ކުރިއަށް ދަނީ:

  • ތަހުމީން އަހުމަދު، ފޮޅޭމާ/ގއ. ކޮނޑޭ: ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ

  • މުޖާޒު އަހުމަދު، މއ. ފޭރުގެ/ކ. މާލެ: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ

  • އަލީ ހައިޝަމް، ނޫރީގެ/ނ. މަނަދޫ: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • އިސްހާގު، މއ. ކުދެހިގެ/ކ.މާލެ: ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • ފަހުމީ އަލީ، ހުދުރުވާގެ/ގއ. ވިލިނގިލި: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • މުހައްމަދު ނާޒިމް، އަސަރީގެ/އއ. މާޅޮސް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް