ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު، ކްރައިމް ސީންގައި ފުލުހުން ހަރަކާތެރި ވަނީ(ފައިލް ފޮޓޯ/ ޕޮލިސް)

ނަޝީދަށް ދިން ބޮމުގެ ހަމަލާ: 4 މަސް ދުވަހުގެ ތެރޭ ޝަރީއަތް ނިންމަން މަސައްކަތްކުރަނީ

ގާޒީ ވިދާޅުވީ ހުކުމްކުރުން ލަސްވާނީ ހެކިވެރީން ހާޒިރުކުރަން ދަތިވެއްޖެ ނަމަ ކަމަށް؛ އެކަމަކު ބަންދުކޮށްގެން ހެކިވެރީން ހާޒިރުކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތް ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭ ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.

ވީ ކިހިނެެއް؟ 2021 ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހު ސީދާ ނަޝީދު އަވަހާރާކޮށްލަން ދިން ކަމަށް ބުނާ މި ހަމާލާގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި، އަދުހަމް އަހުމަދު ރަޝީދު އިއުތިރާފްވެ، ދައުލަތާ އެކު އެއްބަސްވުމެއް ހެދުމުން ލުއި އަދަބެއް ދީ އޭނާ ވަނީ 23 އަހަރަށް ޖަލަށްލައިފަ އެވެ. އެ މައްސަލާގައި ދެން ހިމެނޭ އެހެން މީހުންގެ މައްސަލަތައް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.

ކޯޓުގައި މިވަގުތު ޝަރީއަތް ކުރިއަށް ދަނީ:

  • ތަހުމީން އަހުމަދު، ފޮޅޭމާ/ގއ. ކޮނޑޭ: ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ

  • މުޖާޒު އަހުމަދު، މއ. ފޭރުގެ/ކ. މާލެ: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ

  • އަލީ ހައިޝަމް، ނޫރީގެ/ނ. މަނަދޫ: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • އިސްހާގު، މއ. ކުދެހިގެ/ކ.މާލެ: ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • ފަހުމީ އަލީ، ހުދުރުވާގެ/ގއ. ވިލިނގިލި: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

  • މުހައްމަދު ނާޒިމް، އަސަރީގެ/އއ. މާޅޮސް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ

ތަފްސީލް - މިއަދުގެ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ އަޑުއެހުންތައް ފެށުމުގެ ގޮތުން ދެ ފަރާތުން ހުށަހަޅާ އިފްތިތާހީ ބަޔާން ނެގުމެވެ. އިފްތިތާހީ ބަޔާން ހުށަހަޅާ މި މައްސަލާގައި ދައުވާ ލިބޭ އެންމެން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

ގާޒީ ސޮފްވަތު ވިދާޅުވީ ކުރިއަށް އޮތް އަޑުއެހުންތައް ބާއްވާނެ ގޮތުގެ ތާވަލު ދެ ފަރާތާ ވެސް ހިއްސާކޮށްފައިވާނެ ކަމަށާއި އެ ތަވާލާ އެއްގޮތަށް ކުރިއަށްދާ ނަމަ މި އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް މައްސަލައިގެ ހުކުމް ކުރެވޭނެ ކަމަށް ލަފާކުރައްވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކޮށް ތާވަލަށް ބަދަލު ގެންނަން ޖެހޭ ނަމަ އެ ބަދަލު ގެންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ. އަދި މައްސަލަ އޮގަސްޓަށް ވުރެ ލަސްވާނީ ހެކިން ހާޒިރުކުރުމުގައި ދަތިތަކެއް ކުރިމަތިވެއްޖަ ނަމަ އެކަނި ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.

އެހެންވިޔަސް ފުލުހުން މެދުވެރިކޮށް ބަންދުގައި ބަހައްޓައިގެން ހެކިވެރީން ހާޒިރުކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. 

އެނގުން މުހިންމު - މި މައްސަލަ ފަށައިގެން ކްރިމިނަލް ކޯޓުން ބަލަމުން އައީ ތިން ގާޒީން ހިމެނޭ ބެންޗަކުން ނެވެ. ނަމަވެސް މައްސަލަަ ބައްލަވާ އިސް ގާޒީ އާދަމް މުހައްމަދަށް އިންޒާރުދީ ބިރުދެއްކުމުގެ އަމަލެއް ހިންގާފައިވާތީ ގާޒީ އާދަމް ވަނީ އެ މައްސަލައިން ތަނާޒުލް ވެފަ އެވެ. އެ ބެންޗަށް އޭގެ ފަހުން އައްޔަން ކުރެއްވި ގާޒީ ހަސަން ސައީދު ވެސް މައްސަލައިން ތަނާޒުލްވި އެވެ.

މިހާރު ވަނީ އެމައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗު އުވާލައި އެންމެ ފަނޑިޔާރަކާ މައްސަލަ ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން އެމައްސަލަ މިހާރު ބައްލަވަމުން ގެންދަވަނީ ފަނޑިޔާރު ސޮފްއަތު ހަބީބް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް