ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާފައިވާ ފަންޑާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ރެޑް ކްރެސެންޓުން މިއަދު ބޭއްވި ޕްރެސް

ގާޒާ

ގާޒާއަށް ދޭ ހަމަލާތައް ހުއްޓާލަން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ރެޑް ކްރެސެންޓުން ސަރުކާރަށް އިލްތިމާސްކޮށްފި

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓުން މި މަހުގެ10 ވަނަ ދުވަހު ހުޅުވާލި ފަންޑަށް މިހާތަނަށް1.6 މިލިއަން ރުފިޔާ ވަނީ ލިބިފައި

ގާޒާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލަން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން މިއަދު ސަރުކާރަށް އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެ ރައްޔިތުންނަށް މިވަގުތު އެންމެ ބޭނުންވަނީ އިންސާނީ އެހީ ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓާ ހަވާލާދީ ދިވެހި ރެޑް ކްރެސެންޓުން މިއަދު ވަނީ ބުނެފަ އެވެ.

ތަފްސީލް - ދިވެހި ރެޑް ކްރެސެންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ ފަލަސްތީނު ރެޑް ކްރެސެންޓަކީ މިވަގުތު ގައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ އަވަދިނެތި، އެންމެ ގާތުން އެންމެ އަވަހަށް މަސައްކަތްކުރާ ޖަމްއިއްޔާ ކަމަށެވެ.

ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް، އެ ސަރަަހައްދަށް ދެމުންދާ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލަން ހިމްޔާ ގޮވާލެއްވި އެވެ.

ގާޒާ ގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަލަސްތީނު ރެެޑް ކްރެސެންޓުން ކުރަނީ (ފޮޓޯ/އެކްސް)

"ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުންނާ އަދި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓާއި އިންޓަނޭޝަނަލް ކޮމެޓީ އޮފް ދަ ރެޑް ކްރޮސްގެ ފަރާތުން ކެނޑިނޭޅި މި ދަނީ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލަން ޖެހޭ ކަމަށް ހުރިހާ ފަރާތްތަކަށް ވެސް ގޮވާލަމުން،" އޭނާ ވިދާޅުވި އެވެ.

އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ވީހާ ވެސް އަވަހަކަށް ދޭން ޖެހޭ ކަމަށާއި ގާޒާގެ ހާލަތު ވަރަށް ނާޒުކު ކަމަށް ވެސް ހިމްޔާ ވިދާޅުވި އެވެ.

"މި މަސައްކަތުގައި، މިކަން ހާސިލް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށްޓަކާ ދިވެހި ސަރުކާރަށް ވެސް އަޅުގަނޑު ވަރަށް އަބަދުވެރިކަމާ އެކު އިލްތިމާސް ކުރަން،" ހިމްޔާ ވިދާޅުވި އެވެ.

ފަލަސްތީނު ރެޑްކްރެސެންޓާ ހަވާލާދީ ހިމްޔާ ވިދާޅުވީ:

  • ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ އެމްބިއުލޭންސްތަކަށް ހަމަލާދީ، ޕެރަމެޑިކުންނަށާއި ހޮސްޕިޓަލްތަކަށް އަދި ހޮސްޕިޓަލްތައް ކައިރިއަށް ހަމަލާތައް ދިނުމުގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ދަތިތައް ކުރިމަތިވޭ

  • ހޮސްޕިޓަލުތަކަށް ކަރަންޓު ފޯރުކޮށްދޭން ބޭނުންކުރާ ތެޔޮ ހުސްވެ، މިހާރު ބޭނުން ކުރަނީ ބެކްއަޕް ޖެނެރޭޓަރުތައް. އެ އެއްޗެހި ވެސް މެދުނުކެނޑި ބޭނުންކުރާތީ ބައެއް އެއްޗެހި ހަލާކުވެފައިވޭ

  • އެ ޖަނަރޭޓަރުތައް ހުއްޓިއްޖެ ނަމަ މިހާރު ލައިފް ސަޕޯޓުގައި ތިބި 1،000 މީހުން މަރުވެދާނެ ކަމުގެ ބިރު އެބައޮތް 

ފާހަގަ ކުރެވޭ ކަމެއް - ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓުން މި މަހުގެ 10 ވަނަ ދުވަހު ހުޅުވާލި ފަންޑަށް މިހާތަނަށް 1.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެ ފަންޑު މެދުވެރިކޮށް ފަލަސްތީނަށް އެހީ ވުމުގެ ފުރުސަތު އަންނަ މަހުގެ 12އާ ހަމައަށް އޮންނާނެ އެވެ.

ގުޅުން ހުރި ކަމެއް - ފަލަސްތީނުގެ ރައްޔިތުން ވަކި ދައުލަތެއް އުފެއްދުމަށާއި އެ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަމުން ގެންދާ މަސައްކަތުގައި، އެއްވެސް ޝަރުތަކާ ނުލައި ތާއީދު ކުރުން މަތީގައި ސަރުކާރާއި ދިވެހިން ތިބި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދަޅުވެފަ އެވެ.

ފަލަސްތީނުގެ ކުށެއް ނެތް އާންމުންނަށް އިޒްރޭލުން ދެމުންދާ ޓެރަރިސްޓް ހަމަލާތައް ނިމުމަކަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުން އދ.ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް ވެސް ރާއްޖޭން ވަނީ އެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް