އިޒްރޭލުގެ ހަމަލާތަކުގައި ހާލުގައި ޖެހުނު މީހުން ގޮވައިގެން ދަތުރުކުރާ އެމްބިއުލާންސްތައް މުޅި ގާޒާގައި އެންމެ ގިނަ މީހުން ޒަޚަމްވެފައިވާ އަދި މެޑިކަލް ސްޓާފުން ތިބި އަލްޝިފާ ހޮސްޕިޓަލުގެ އިމަޖެންސީ ވޯޑަށް ވަންނަ ދޮރުގައި އެއްވެފައި (ފައިލް: ދާއޫދު ނެމަ)

ރެޑް ކްރެސެންޓުން ފަލަސްތީނަށް އެހީވާން ހުޅުވި ފަންޑަށް 1.6 މިލިއަން ރުފިޔާ

ފަންޑުގެ މުއްދަތު ފުރަތަމަ އޮތީ 15 ދުވަހަށް ނަމަވެސް، ގިނަ ބައެއްގެ އެދުމުގެ މަތިންނާއި ފަލަސްތީނުގެ ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލައި ފަންޑުގެ މުއްދަތު ވަނީ އިތުރުކޮށްފައި

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް، ހާއްސަކޮށް ގާޒާއަށް ދިމާވެފައިވާ އިންސާނީ ކާރިސާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވި ފަންޑަށް މިހާތަނަށް 1.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމާއަތުން މިއަދު ބުނެފި އެވެ. އެއާ އެކު، އެ ފަންޑުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

ވީ ކިހިނެއް؟ - ފަލަސްތީނަށް އެހީތެރިވުމަށް ހުޅުވި ފަންޑާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ރެޑް ކްރެސެންޓުން މިއަދު ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ މިއަދާ ހަމައަށް އެ ފަންޑަށް 1.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

ތަފްސީލް - އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނަށް އިންސާނީ ކާރިސާއެއް ދިމާވެފައިވާތީ، ފަލަސްތީނުގެ ރެޑްކްރެސެންޓުން އެހީގެ އިލްތިމާސެއް ނެރުނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

އެ އިލްތިމާސާ އެކު، ދިވެހި ރެޑް ކްރެސެންޓުން ފަލަސްތީނަށް އެހީވާން ފަންޑު ހުޅުވީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ހިމްޔާ ވިދާޅުވީ ފަންޑުގެ މުއްދަތު ފުރަތަމަ އޮތީ 15 ދުވަހަށް ނަމަވެސް، ގިނަ ބައެއްގެ އެދުމުގެ މަތިންނާއި ފަލަސްތީނުގެ ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލައި ފަންޑުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން:

  • އަންނަ މަހުގެ 12އާ ހަމައަށް ރެޑް ކްރެސެންޓުގެ ފަންޑަށް ފައިސާ ހަދިޔާ ކުރެވޭނެ

"ފަންޑުގެ މުއްދަތު 12 ނޮވެމްބަރާ ހަމައަށް އިތުރު ކުރި ނަމަވެސް، ފަލަސްތީނުގެ ގާޒާއަށް ދެމުންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން ދިމާވަމުންދާ އިންސާނީ ކާރިސާއަށް ވީ އެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 28 އޮކްޓޯބަރުގެ ނިޔަލަށް އަޅުގަނޑުމެންގެ ފަންޑަށް ލިބބިފައިވާ ފައިސާ ފަލަސްތީނު ރެޑްކްރެސެންޓަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދާނަން،" ހިމްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަލަސްތީނު ރެޑްކްރެސެންޓާއި ކަމާ ގުޅޭ ބޭންކުތަކާ އެކު އެ ފައިސާ ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

ދިވެހި ރެޑް ކްރެސެންޓު މެދުވެރިކޮށް ފަލަސްތީނަށް ދިވެހިން ދޭ އެހީ، ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށްދޭނީ އެ ގައުމުގެ ރެޑް ކްރެސެންޓު މެދުވެރިކޮށެވެ.

އެނގުން މުހިންމު - ފަލަސްތީނު ރެޑް ކްރެސެންޓާ ހަވާލާދީ ހިމްޔާ ވިދާޅުވީ ފަލަސްތީނު ރެޑްކްރެސެންޓުން ހިދުމަތް ފޯރުކޮށްދޭ އަލް މުދުސް އަދި އަލް އަމާލް ހޮސްޕިޓަލް އަދި އަލް ހާން ޔޫނިސް ބްރާންޗުގައި 13،000އަށް ވުރެ ގިނަ ރެފިއުޖީން މިވަގުތު އެބަތިބި ކަމަށެވެ.

  • މިއީ ސީދާ ފަލަސްތީނު ރެޑްކްރެސެންޓުގެ ބެލުމުގެ ދަށުން ހިންގާ ހޮސްޕިޓަލްތައް

  • މިދިޔަ ހޯމަ ދުވަހާ ހަމައަށް ފަލަސްތީނުގެ 140،000އަށް ވުރެ ގިނަ ރައްޔިތުންނަށް ފަލަސްތީނުގެ ރެޑްކްރެސެންޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި

  • އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަލަސްތީނު ރެޑްކްރެސެންޓުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ދިވެހި ރެޑް ކްރެސެންޓުން ފަލަސްތީނު ރެޑްކްރެސެންޓާ އެކު ގަވައިދުން މުއާމަލާތް ކުރޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް