މާލެގައި ބަޔަކު ވިޔަފާރިކޮށްގެންދާ މަންޒަރު (ދައުރު ފޮޓޯ/ހުސައިން ސުނައިން

އެންމެ ފަހުން ކޮތަޅު ފީގެ އިސްލާހު ކޮމިޓީއަށް ފޮނުވައިފި

ބިލު ބަލައިގަަތުމަށް ފާސްކުރީ 40 މެމްބަރުންގެ ވޯޓާ އެކު
16 އޮކްޓޯބަރު 2023

ކޮތަޅު ބޮނޑިން ބޮޑު ފީއެއް ނަގާ މައްސަލަ ހައްލުކުރަން ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރުމަށް އެންމެ ފަހުން ކޮމިޓީއަށް ފޮނުވައިފި އެވެ.

މައްސަލަ- ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެމްބަރު މަހު ފާސްކުރި ކުނި މެނޭޖްކުރުމުގެ ބިލު ގާނޫނަކަށްވެ، މާޗް މަހުގެ ފަހު ހަފްތާއިން ފެށިގެން ޕްލާސްޓިކް ކޮތަޅަކުން 2ރ.ގެ ފީއެއް ނަގަން ވަނީ ފަށައިފަ އެވެ. އެ ބަދަލާ އެކު، ކޮތަޅު ބޮނޑިން ވެސް އަދި ބާޒާރު ކުރާ އިރު ވެސް ކޮތަޅުން ފީ ނަގަމުން ދާއިރު، ހޯލްސޭލް ފިހާރަތަކުން ވިއްކާ ކޮތަޅުގެ އަގު އެތައް ގުނައަކަށް ވަނީ ބޮޑުވެފަ އެވެ.   

ވީ ކިހިނެއް؟- އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިދިޔަ މާޗް މަހު ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަތުމަށް މިއަދުގެ މަޖިލީސް ޖަލްސާގަައި ފާސްކުރީ 40 މެމްބަރުންގެ ވޯޓާ އެކު އެވެ. އެއީ ޓެކްސް އާ ގުޅުންހުރި ބިލަކަށްވާތީ، އެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރާނީ މުޅި މަޖިލީހުގެ ކޮމިޓީން ނެވެ.

އެނގުން މުހިއްމު- ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން:

  • ވިޔަފާރީގެ ކޮންމެ ހަރަކާތަކުން ދޫކުރާ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮތަޅަކުން 2ރ.ގެ ފީއެއް ނަގަން ޖެހޭ ކަމަށް ގާނޫނުގައި އޮތުމުން އާއްމުކޮށް ކޮތަޅު ލިބެނީ 6ރ. އަށް

  • 50 ނުވަތަ އެއަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ޓެކްސް ނެގުމުގެ ސަބަބުން ކޮތަޅުގެ އަގު އިންތިހާއަށް ބޮޑުވޭ

  • އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިދިޔަ މާޗުގައި ހުށަހެޅި ބިލު އެޖެންޑާކުރީ ހުސްވި އޭޕްރީލްގައި

  •  މި އަހަރުގެ ފުރަތަމަ ދައުރު ނިންމާލައި މެމްބަރުން ޗުއްޓީއަށް ދިޔައީ ބިލު ކޮމިޓީއަށް ވެސް ނުފޮނުވާ

ފާހަގަކޮށްލެވޭ ކަމެއް- މި ބިލު ދިރާސާކުރުމަށް މިހާރު ކޮމިޓީއަށް ފޮނުވާފައިވާ އިރު، މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީގެ މުގައްރިރު، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ކޮތަޅުފީ، 2ރ. އިން 50 ލާރިއަށް ކުޑަ ކުރުމަށް ހުށަހަޅުއްވައިފަ އެވެ. އޭގެ އިތުރުން އޭނާގެ އިސްލާހުގައި ހުށަހަޅާފައިވަނީ:

  • ގަނޑުކޮށް ކޮތަޅު ގަތަސް ބިން ލައިނާ ފަދަ ބޭނުންތަކަށް ގަނޑުކުރި މަސް ނުވަތަ ރޯމަސް ފަދަ ތަކެތި އެޅުމުގެ ބޭނުމަށް ގަންނަ ކޮތަޅުން ޓެކްސް އިސްތިސްނާ ކުރުން

  • ރީޓެއިލް ފިހާރަތަކާ ކެފޭތަކަށް އިދާރީ ގޮތުން ބުރަ ނުވާނޭ ފަދަ ގޮތަކަށް ޔުނިފޯމް ޓެކްސްއެއްގެ ގޮތަށް ޓެކްސް ތައާރަފް ކުރުން

  • ކޮތަޅަށް ނަގާ ފީ 50 ލާރިއަށް ދަށްކުރުން؛ އަދި ކޮންމެ އަހަރަކު އެ ފީ މުރާޖާ ކުރުން

  • ވިޔަފާރިތަކުން ދެ ފަހަރު ފީ ދައްކަން ޖެހޭ ގޮތަށް އޮތުން އުވާލުން؛ ސަލީމް ހުށަހެޅުއްވީ ޖީއެސްޓީއަށް ރެޖިސްޓްރީކޮށްދީފައިވާ ފަރާތްތަކުން ނުވަތަ ވިޔަފާރިތަކުން ކޮތަޅު ގަންނަ އިރު ދައްކާ ފީ، އެ ފަރާތުން ކޮތަޅު ވިއްކާއިރު ނަގާ ފީން އަޅާ ކެނޑޭ ގޮތަށް ހެދުމަށް

  • ހޭލުންތެރިކުރުވުމަށް ކެމްޕޭނެއް ހިންގާ ޕްލާސްޓިކް ނޫން ގޮތެއް އާއްމުންނަށް ދައްކަދިނުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް