ހޯރަފުށީ ދާއިރާ މެންބަރު އަހްމަދު ސަލީމް ފޮޓޯ | މަޖިލިސް

ކޮތަޅު ފީ، 50 ލާރިއަށް ކުޑަ ކުރަން ސަލީމް ހުށަހަޅުއްވައިފި

ވިޔަފާރިތަކުން ދެ ފަހަރު ފީ ދައްކަން ޖެހޭ ގޮތަށް އޮތުން އުވާލުމަށް ވެސް ސަލީމް ހުށަހެޅުއްވި
10 އޮކްޓޯބަރު 2023

ޕްލާސްޓިކް މަދުކުރުމަށް މިދިޔަ އެޕްރީލް މަހު ނަގަން ފެށި ކޮތަޅުފީ، 2ރ. އިން 50 ލާރިއަށް ކުޑަ ކުރުމަށް ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް އެ ގާނޫނަށް އިސްލާހު މިއަދު ހުށަހަޅުއްވައިފި އެވެ.

މައްސަލަ- ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެމްބަރު މަހު ފާސްކުރި ކުނި މެނޭޖްކުރުމުގެ ބިލު ގާނޫނަކަށްވެ، މާޗް މަހުގެ ފަހު ހަފްތާއިން ފެށިގެން ޕްލާސްޓިކް ކޮތަޅަކުން 2ރ.ގެ ފީއެއް ނަގަން ވަނީ ފަށައިފަ އެވެ. އެ ބަދަލާ އެކު، ކޮތަޅު ބޮނޑިން ވެސް އަދި ބާޒާރު ކުރާ އިރު ވެސް ކޮތަޅުން ފީ ނަގަމުން ދާއިރު، ހޯލްސޭލް ފިހާރަތަކުން ވިއްކާ ކޮތަޅުގެ އަގު އެތައް ގުނައަކަށް ވަނީ ބޮޑުވެފަ އެވެ. 

  • ވިޔަފާރީގެ ކޮންމެ ހަރަކާތަކުން ދޫކުރާ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮތަޅަކުން 2ރ. ގެ ފީއެއް ނަގަންޖެހޭ ކަމަށް ގާނޫނުގައި އޮތުމުން އާއްމުކޮށް ކޮތަޅު ލިބެނީ 6ރ. އަށް

  • 50 ނުވަތަ އެއަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ޓެކްސް ނެގުމުގެ ސަބަބުން ކޮތަޅުގެ އަގު އިންތިހާއަށް ބޮޑުވޭ

  • އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިދިޔަ މާޗުގައި މަޖިލީހަށް ބިލެއް ފޮނުވި؛ އެކަމަކު އެ މައްސަލަ އެޖެންޑާކުރީ ހުސްވި އޭޕްރީލްގައި

  • އެކަމަކު މި އަހަރުގެ ފުރަތަމަ ދައުރު ނިންމާލައި މެމްބަރުން ޗުއްޓީއަށް ދިޔައީ ބިލު ކޮމިޓީއަށް ވެސް ނުފޮނުވާ

ވީ ކިހިނެއް؟- މިއަދުގެ ޖަލްސާގައި އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔައިރު، މަޖިލީހުގެ އެންވަޔަަރަމެންޓް ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވަނީ، އެ ގާނޫނުގެ ދަށުން އުފެދުނު މައްސަލަތަކާއި އެކަންކަން ހައްލުކުރުމަށް ގޮތްތަކެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ގާނޫނު އޮތް ގޮތުން ޓެކްސް މައިގަނޑު ގޮތެއްގައި ދައްކަން ޖެހެނީ އެންމެ ތަނަވަސްކަން ކުޑަ ނިކަމެތި އެންމެ އާދައިގެ ރައްޔިތުންނަށް ވުމަކީ  އެކަށީގެންވާ ކަމެއް.

  • ޓެކްސް ތައާރަފްކުރެވުނީ ތަކެތީގެ އަގުބޮޑުވި ދަނޑިވަޅުގައި؛ އެހެންވެ، އޭގެ ތަކުލީފް ރައްޔިތުންނަށް ވަރަށް ބޮޑަށް އިހުސާސް ކުރެވުނު

ބުނީ ކީކޭ؟- ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތަކުން ކުރިމަަތިވި މައްސަލަތައް ހައްލުކުރަން ސަލީމް ހުށަހެޅުއްވި ގޮތްތަކަކީ:

  • ގަނޑުކޮށް ކޮތަޅު ގަތަސް ބިން ލައިނާ ފަދަ ބޭނުންތަކަށް ގަނޑުކުރި މަސް ނުވަތަ ރޯމަސް ފަދަ ތަކެތި އެޅުމުގެ ބޭނުމަށް ގަންނަ ކޮތަޅުން ޓެކްސް އިސްތިސްނާ ކުރުން

  • ރީޓެއިލް ފިހާރަތަކާ ކެފޭތަކަށް އިދާރީ ގޮތުން ބުރަ ނުވާނޭ ފަދަ ގޮތަކަށް ޔުނިފޯމް ޓެކްސްއެއްގެ ގޮތަށް ޓެކްސް ތައާރަފް ކުރުން

  • ކޮތަޅަށް ނަގާ ފީ 50 ލާރިއަށް ދަށްކުރުން؛ އަދި ކޮންމެ އަހަރަކު އެ ފީ މުރާޖާ ކުރުން

  • ވިޔަފާރިތަކުން ދެ ފަހަރު ފީ ދައްކަން ޖެހޭ ގޮތަށް އޮތުން އުވާލުން؛ ސަލީމް ހުށަހެޅުއްވީ ޖީއެސްޓީއަށް ރެޖިސްޓްރީކޮށްދީފައިވާ ފަރާތްތަކުން ނުވަތަ ވިޔަފާރިތަކުން ކޮތަޅު ގަންނަ އިރު ދައްކާ ފީ، އެ ފަރާތުން ކޮތަޅު ވިއްކާއިރު ނަގާ ފީން އަޅާ ކެނޑޭ ގޮތަށް ހެދުމަށް

  • ހޭލުންތެރިކުރުވުމަށް ކެމްޕޭނެއް ހިންގާ ޕްލާސްޓިކް ނޫން ގޮތެއް އާއްމުންނަށް ދައްކަދިނުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް