ޖޭޕީގެ ގައުމީ ކޮންފަރެންސް ތެރެއިން އެ ޕާޓީގެ ލީޑަރު ގާސިމް އަދިމަޖިލިސް ރައީސް ނަޝީދު. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން)

ނިޒާމީ ވޯޓަކަށް ދާން ތާއީދެއް ނުކުރަން: ގާސިމް

މީގެ ކުރިން ވެސް ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަދައްކަވާފައިވާ ގާސިމް މިއަދު ވިދާޅުވީ އެ ނިޒާމް ރާއްޖެއަށް ގެނެސްފި ނަމަ މިހާރަށް ވުރެ ކަންކަން ގޯސް ވާނެ ކަމަށް

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމާ ދޭތެރޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ތާއީދު ނުކުރައްވާ ކަމަށް، އަބަދުވެސް ރިޔާސީ ނިޒާމަކަށް ތާއީދު ކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން، މި މަހުގެ 25ގައި ނިޒާމީ ވޯޓެއް ނެގުމަށް، އަބަދުވެސް ބަރުލަމާނީއަށް ވަކާލާތުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ. ރިޔާސީ އިންތިހާބުގައި 15،000އެއްހާ ވޯޓާ އެކު ތިން ވަނައަށް ދިޔަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ އެ ހުށަހެޅުން، އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރާ އެމްޑީޕީ އާއި ޕީޕީއެމް-ޕީއެންސީއަށް ހުށަހަޅާފަ އެވެ.

ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑިމޮކްރެޓްސްގެ އެ ހުށަހަޅުމާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލު ކުރުމުން ގާސިމް ވަނީ އެ ވޯޓު ނެގުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.

ބުނީ ކީކޭ؟ - "ނޫން، އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން އެއީ،" މި ދަނޑިވަޅުގައި ނިޒާމީ ވޯޓެއް ނަގަން ގާސިމް ތާއީދުކުރައްވަންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވި އެވެ.

ތަފްސީލު - ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅަކީ ޑިމޮކްރެސްޓް އުފެއްދެވި ކުރީގެ ރައީސް ނަޝީދެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމުގެ ކުރިން، މި އިންތިހާބުގައި އެކުގައި ވާދަކުރުމަށް ނަޝީދާއި ގާސިމް ކުރެއްވި ސިޔާސީ މަޝްވަރާތަކުގެ ތެރެއިން ވެސް ނިޒާމީ ވޯޓެއް ނެގުމަށް ނަޝީދު ހުށަހެޅުއްވި އެވެ.

އޭރު ވެސް އެކަމާ ގާސިމް ދެކޮޅު ހެއްދެވި އެވެ. އަދި މިއަދު ވެސް ގާސިމް ވިދާޅުވީ، ނިޒާމް ބަދަލު ކުރުމަށް އޭނާ ތާއީދު ނުކުރައްވާނެ ކަމަށެވެ.

"ނިޒާމީ ވޯޓެއް ނަގައިގެން، އެ ކަމަށް ދާން ވެސް އެއީ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއް ނޫން. ބަރުލަމާނީ [ނިޒާމު] ގެނެއްސިއްޔާ އަދި މިއަށް ވުރެ މާ ނުބައިވާނެ. މާ ނުބައިވާނެ، ރައްޔިތުންނަށް މާ ނިކަމެތިވާނެ،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ފަހު ގާސިމް އިބްރާހިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފަސް މަންޒަރު - ގާސިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، ރާއްޖޭގެ ކަންކަން އިސްލާހު ނުވެ، ގޯހުން ގޯހަށް ދަނީ ވެރިކަމުގެ ނިޒާމްގެ މައްސަލައަކުން ނޫނެވެ. މައްސަލަ އަކީ، ގާސިމް ދެކެވަޑައިގަންނަވާ ގޮތުގައި، ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންގެ އިހްލާސްތެރިކަން ނެތުމެވެ.

ރާއްޖެއަށް އެންމެ ފުރިހަމަ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށް ވިދާޅުވެ، އެކި ފަހަރު މަތިން އެކި ޕްލެޓްފޯމްތަކުގައި ގާސިމް ވަނީ ވާހަކަ ވެސް ދައްކަވާފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ނިޒާމީ ވޯޓެއް ނެގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރެއްވުމަށް ކ. މާފުށީ ޖަލަށް މާދަމާ ވަޑައިގަންނަވާނެ ކަމަށް ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ޑިމޮކްރެޓްސް އިން އިއްޔެ ބުނެފައި ވަނީ ނިޒާމީ ވޯޓަކަށް އެއްބަސްވެ ޕީޕީއެމް އިން އެއްބަސްވުމެއްގައި ސޮއިކުރަން ދެކޮޅު ހަދާތީ އެ ޕާޓީއާ އެކު އެ މަޝްވަރާ މިހާރު ކުރިއަށް ނުދާ ކަމަށެވެ. އެ ކަމުގެ މަޝްވަރާތައް މިހާރު ކުރިއަށް ދަނީ، ޑިމޮކްރެޓްސްގެ ބޭފުޅުންގެ ކުރީގެ ޕާޓީ ކަމަށްވާ، ވެރިކަން ކުރާ އެމްޑީޕީއާ އެކު ކަމަށް ޑިމޮކްރެޓްސް އިން އިއްޔެ ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް