މީގެ ކުރިން ރިޔާސީ ބަހުސް ޕްރޮގްރާމެއްގެ ތެރެއިން ރައީސް ނަޝީދު އަދި ރައީސް ޔާމީނު ސަލާމް ކުރައްވަނީ--- ފޮޓޯ/ ދައުލަތުގެ މީޑިއާ

ނިޒާމީ ވޯޓްގެ މަޝްވަރާއަށް ނަޝީދު ޔާމީނާ ބައްދަލުކުރަން މާދަމާ ޖަލަށް ވަޑައިގަންނަވަނީ

ނިޒާމީ ވޯޓްގެ މަޝްވަރާއަށް ޔާމީންއާ އެކު މަޝްވަރާކުރުން މުހިންމު ކަމަށް ނަޝީދު ވިދާޅުވި
16 ސެޕްޓެމްބަރު 2023
1

ނިޒާމީ ބަދަލުގެ ވޯޓާ މެދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ އެކު މަޝްވަރާކުރެއްވުމަށް އެމަނިކުފާނު ބަންދުކޮށްފައި ހުރި މާފުށީ ޖަލަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންވަން ހަމަޖެހިއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މެސެޖް ނަޝީދު ދެއްވީ މާލޭގެ ކާނިވަލު ސަރަހައްދުގައި ހުންނަ ދޮންމަނިކު ސްކައި ވިއު ރެސްޓޯރެންޓުގައި މިއަދު ސަޕޯޓަރުންނާ ބައްދަލުކުރައްވަ އެވެ. އެ މެސެޖު ދެއްވި އިރު އަރިހުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ އިތުރުން ޑިމޮކްރެޓްސްގެ ރަނިންމޭޓު ހުސެއިން އަމްރު ހުންނެވި އެވެ.

ބުނީ ކީކޭ؟ - "ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައިރުގައި ރައީސް ޔާމީނާ މިކަމުގެ މަޝްވަރާކުރުން ކޮންމެހެން ބޭނުންތެރި،" ނިޒާމީ ވޯޓުގެ ބަދަލާ ގުޅޭގޮތުން ރައީސް ޔާމީނާ މަޝްވަރާކުރުމަށް އިޝާރަތްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ:

  • މާދަމާ މާފުށްޓަށް ދިޔުމަށް މަޖިލީހުގެ އަމީން އާންމުގެ އަރިހުގައި ދަންނަވައިފައިވާނެ

  • ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތް އެ ބައްދަލުވުމުގައި އޮޅުންފިލުއްވާނޭ ކަމަށް ވިދާޅުވި

ރައީސް ޔާމީން ގެކޮޅުތެރެގައި އިންދެގެން ސަޕޯޓަރުންނަށް ގޮވާލަނީ.

"ރައީސް ޔާމީނުގެ އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި، އެ ވޯޓު ނެގުމުގައި އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކަށް އަދި އަޅުގަނޑުމެންނަށް އެހީތެރިވެދެވެން އޮތް ގޮތެއް އޮތް ނަމަ އެ ވާހަކަ،" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީ އިން ގޮތެއް ނިންމަންދެން މަޑުކޮށްގެން ތިބުމަކީ ހައްލެއް ނޫން ކަމަށާއި ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެކަމުގައި ޕީޕީއެމްއާ ވެސް މަޝްވަރާ ކުރެވުނު ކަމަށާއި އެހެން ނަމަވެސް އެ ޕާޓީއާ އެކު ކުރެވުނު މަޝްވަރާތައް ހުއްޓުމަކަށް އައީ އެއްބަސްވުމުގައި ސޮއިކުރަން އެ ޕާޓީ އިން އިއުތިރާޒުކުރާތީ ކަމަށެވެ.

"ޕީޕީއެމް އިން ޑިމޮކްރެޓުން ގާތުގައި ބުނެފައި އޮތީ، އަޅުގަނޑުމެން ދައްކާ ވާހަކަތަކަށް އެބޭފުުޅުން އެއްބަހޭ. އެހެން ނަމަވެސް އެއްޗެއްގައި ސޮއި ކުރުވުމާ ގުޅޭގޮތުން އެ ބޭފުޅުން އިއުތިރާޒުކުރޭ،" ނަޝީދު ވިދާޅުވި އެވެ.

އަނެއްކޮޅުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އޮތް އެންމެ ރަނގަޅު ގޮތަކީ ގާނޫނޫ އަސާސީ އިސްލާހު ކުރުމަށް ޑިމޮކްރެޓްސްއާ އެކު މަސައްކަތް ކުރުން ކަމުގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އިންތިހާބުން މޮޅު ނުވެވޭނެކަން ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހު 2 ވަނައިގައި އޮތީ ބޮޑު ތަފާތަކުން ކަމަށާއި އެހެން ކަމުން މި އިންތިހާބުން ކާމިޔާބު ކުރުމަކީ މުސްތަހީލު ކަމެއް ކަމަށެވެ.

"ހަމަ އެއާ އެކީ އެމްޑީޕީ ގާތުގައި މިހާރު ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ބުނެވިއްޖެ، އަދި އަޅުގަނޑު ތަކުރާރު ކުރާނަން ވެސްމެ، ރައީސް ސޯލިހު މި ވަގުތު އެބޭފުޅާއަށް މޮޅު ނުވެވޭނެކަން ގަބޫލުކުރުން އެއީ ދިވެހި ރާއްޖެއަށް ވަރަށް ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

"އެކަން ރައީސް ސޯލިހު ބަލައިގަންނަވައި ދެން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް އިސްލާހުކުރަން އަޅުގަނޑުމެންނާ އެކީގައި ގެނައުމަށް މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް."

ކޮމެންޓް (1)

ށަވިޔަނި

16 ސެޕްޓެމްބަރު 2023
ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެގެން ހުކުމެއްކޮށްފައިވާ ގައިދީއަކާ މިގައުމުގެ ކަންކަމާ މަޝްވަރާކޮށް ލަފާހޯދަން ގައުމުގެ މަޖިލިސް ރައީސް ދާވާހަކަ ދެއްކުމުން ބޮލުގެ ތެތްކަން ހުރިވަރު އެނގޭ.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް