ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ފަހު ގާސިމް އިބްރާހިމް ނޫސްވެރިންނާ ވާހަކަދައްކަވަނީ.(ދައުރު ފޮޓޯ/ހުސައިން ސުނޭން)

މިއީ މިހާރު މާ 'ރެލެވެންޓް' މީހެއް ނޫން، އެކަމަކު ރިޓަޔާއެއް ނުކުރާނަން: ގާސިމް

ގާސިމް ވިދާޅުވީ އޭނާއަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު މަދުވެ، ތާއީދު ކުޑަވީ ވިޔާނުދާ ސަރުކާރުތަކެއް ގެންނަން މަސައްކަތް ކުރެއްވުނީތީ ކަމަށް

މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާއަށް ލިބިވަޑައިގެންނެވި ވޯޓު މަދުވީ ތާއީދު ނެތުމުން ކަމަށާއި، އެކަމަކު ސިޔާސީ މަސައްކަތުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ގާސިމް ވިދާޅުވީ، އޭނާގެ ތާއީދު ދަށަށް ދިޔައީ "ވިޔާނުދާ ސަރުކާރުތަކެއް" ގެނައުމަށް މަސައްކަތް ކުރެއްވުނީތީ ކަމަށެވެ. 

ވީ ކިިހިނެއް؟ - މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގައި ޖޭޕީގެ ފަރާތުން ވާދަކުރެއްވި ގާސިމަށް ލިބިވަޑައިގެންނެވީ 5،000 އެއްހާ ވޯޓެވެ. މިއީ ފުރަތަމަ ބުރުގައި ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ލިބިވަޑައިގެން ވޯޓަށް ވުރެ ވެސް މަދު މިންވަރެކެވެ.

އެންމެ ގިނަ ވޯޓު ލިބިގެން ދެ ވަނަ ބުރަކަށް ދަތުރުކުރި ޕީޕީއެމް-ޕީއެންސީ އަދި އެމްޑީޕީއާ އެކު ކޯލިޝަން މަޝްވަރާތަކެއް ބޭއްވުމަށް ފަހު، މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ ވަކި ކޮޅަކަށް ނުޖެހި، އެއްވެސް ޕާޓީއަކާ ބައިވެރިނުވެ މަސައްކަތް ކުރުމަށެވެ.

ތަފްސީލް - ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާއިރު، އޭނާ އަކީ ރާއްޖޭގެ ސިޔާސީ މަައިދާނަށް މިހާރު "މާ ބޭނުންތެރި" މީހެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓު އެހާ މަދުވި ސަބަބާ ގުޅޭ ގޮތުންނާއި ސިޔާސީ މަސައްކަތް އިތުރަށް ކުރައްވާނަންތޯ 'ދައުރު'ން ސުވާލުކުރުމުން ގާސިމް ވިދާޅުވީ، ވޯޓު މަދުވީ ތާއީދު ނެތުމުން ކަމަށެވެ.

"ތާއީދު ނެތީމަ. އެ ކަހަލަ ވިޔާނުދާ ސަރުކާރުތައް ގެންނަން މަ މަސައްކަތް ކޮށްދޭތީ. ކީއްކުރަންތޯ މަގޭ އިއްޒަތުއް ނަފްސު ނަގާލަން، މި ކަހަލަ ވިޔާނުދާ ސަރުކާރު ގެންނަން ކޮރަޕްޝަން، ރައްޔިތުންނަށް ހިޔާނާތްތެރިވާ މީހުން ވެރިކަމަށް ގެންނަން މަސައްކަތް ކުރުމުގެ ބޭނުމަކީ؟،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ފަހު ގާސިމް އިބްރާހިމް ނުކުމެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެކަމަކު، "ފުރާނަ ހުރިހާ ހިނދަކު" ސިޔާސީ މަސައްކަތުން ދުރަށް ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ވެސް ގާސިމް ދެއްވި އެވެ. 

އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ނުހެދުމަށް ނިންމި ސަބަބާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ، އެއްވެސް ބަޔަކަށް ތާއީދު ނުކުރަން ނިންމެވީ، ދެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކީ ވެސް ޖޭޕީގެ ތާއީދު އޮވެގެން އިންތިހާބުވެވަޑައިގެންނެވި ބޭފުޅެއް ކަމަށް އާންމުން ބުނުމުގެ ފުރުސަތު ދޭން ބޭނުން ނުވާތީ ކަމަށެވެ. އެގޮތަށް ކަންކަން ކުރުމުން ރައްޔިތުންގެ ތާއީދު ޖޭޕީއަށް ކުޑަވިކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ސިޔާސީ މައިދާނުގައި ދެން "މާ ބޮޑު މީހަކަށް" ހެދިގެން އުޅެން ބޭނުން ނުވާ ކަމަށެވެ.

"މި ހިނދަށް އަޅުގަނޑު މާ ރެލެވެންޓް މީހެއް ކަމަކަށް ވެސް ނުދެކެން. އެއީ އަޅުގަނޑަށް އުމަރު ނަސީރަށް ވުރެ ދަށުން ވޯޓު ލިބިގެން އައިމާ، މާ ރެލެވެންޓް މީހަކަށް ހެދިގެން، މާ ބޮޑު މީހަކަށް ހެދިގެން އުޅޭކަށް ވެސް ބޭނުމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

"އެހެން އެ ވީ، ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުރި ވިޔާނުދާ ކަންކަމުގެ ސަބަބުން. އެ ބްލޭމް އަޅުގަނޑުގެ ބޮލުގައި އެޅެނީ."

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެނގުން މުހިންމު - ޕީޕީއެމް އިން 2013 ވަނަ އަހަރު އިންތިހާބު ކާމިޔާބު ކުރިއިރު ވެސް ގާސިމަކީ ކޯލިޝަންގެ ބައިވެރި އެކެވެ. އަދި ޖެހިގެން އައި 2018 ވަނަ އަހަރުގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރީ ވެސް ޖޭޕީ ހިމެނޭ ކޯލިޝަނަކުންނެވެ.

މިފަހަރުގެ އިންތިހާބުގައި ވަކިން ވާދަކުރައްވަން ނިންމަވައި ކެމްޕެއިން ކުރައްވަމުން ގެންދެވި އިރު ވެސް ގާސިމް ތަކުރާރު ކުރެއްވި އެއް ވާހަކަ އަކީ، އެމްޑީޕީ އާއި ޕީޕީއެމްއަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރެއްވިފައިވާތީ ހިތާމަ ކުރައްވާ ކަމަށާއި، ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމަށް ފަހު ޖޭޕީ ނިކަމެތިކޮށް ބާކީ ކޮށްލާ ކަމަށެވެ.

ކޮމެންޓް (3)

މޫސާ ތަކުރުފާނު

17 ސެޕްޓެމްބަރު 2023
ގާސިމްގެ ތިޔަ ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް. ވިސްނުނީތީ ޝުކުރިއްޔާ. ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނާނެ. މިހާރު އެފަދަ ބުރަ އުފުލެވޭ ވަރެއް ގާސިމްގެ ނުހުންނާނެ.
1 0

ތެފައާސާ.

17 ސެޕްޓެމްބަރު 2023
މިސާލަކަށް އަހަރެންވެސް ވަރަށް މަސައްކަތުން ރީތި ގެއެއް ބިނާކޮށްފައި އެގޭގެ ތާއީދުވެސް މީހުންގެ މެދުގައި 20-25% އަށް އަރާފައިއޮއްވާ ދެން އަހަރެން މި ހަދަންފެށިގޮތަކީ ކައިރި އެހެން ގޭބިސީތަކުން ނެރޭ ކުނި، ވެމްކޯއަށް ފޮނުވުމުގެ ބަދަލުގައި އެއްކޮށްގެން އައިސް އަހަރެންގެ ގޭތެރޭގައި ފުނިޖަހަން ފެށީ. އެހިސާބުން އަހަރެންގެ ގެއަށް މީހުންކުރާ ތާއީދު ފަނޑުވެ ނެތިދާނެކަން އެއީ ކަށަވަރުކަމެއް. މި ބުނި މިސާލާއި ގާސިމްގެ ޖޭޕީއާއި އެއްވެސް ގުޅުމެއް ނެތަސް، ހަމަ ހިއްސާކޮށްލީ. ވަރަށް ވެދުން
6 0

ގާސިމު

16 ސެޕްޓެމްބަރު 2023
ގާސިމުގެ ހަލާކަކީ ކައިރިކުރަން ނުޖެހޭބަޔަކު ކައިރިކުރީމަ މިސާލަކައް ނިހާނު، އަލީ އާރިފު، ރިޔާޒު ރަޝީދުމެންކަހަލަ މީހުންކައިރިކުރީމަ ވާނީއެހެން އެމީހުންޕީޕީއެމުން ބޭރުވީވެސް އެމްއެމްޕީއާރުސީގެ ފައިސާބޭނުންކުރިކަން އެގުނީމަ އަދީބުއާ އެމީހުންނާއޮންނަ ގުޅުން ފަޅާއެރުމާގުޅިގެން އރއީގާސިމުގެ ހަލާކަކީ. މއިރިކުރަންވާނީދޯ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް