އުމަރު (ކ) އަދި ގާސިމް އިންތިހާބުގެ ކެންޑިޑޭޓް ނަމްބަރު ދައްކާލައްވަނީ (ދަައުރު ފޮޓޯ)
ގާސިމް އުމަރަށް ވުރެ ވެސް ފަހަތުން ފަސްވަނައިގައި
ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަހަތަށް ޖައްސާލައި ވަގުތީ ނަތީޖާގެ ހަތަރުވަނައަށް ޖެހިލައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅުއްވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ދެވަނައިގައި އުޅުއްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި މުއިއްޒުއާ އެކު އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނެ އެވެ.
ތަފްސީލް - ރާއްޖޭގެ ތިންވަަނައަށް އެންމެ ބޮޑު ޕާޓީގެ ކެންޑިޑޭޓު އަދި ވިޔަފާރިވެރިޔާ ގާސިމަށް ލިބިވަޑައިގަންނަވަނީ، ވަގުތީ ނަތީޖާއަށް ބަލާއިރު، ތިންވަނަ ހޯއްދަވާނެ ކަމަށް ބެލެވޭ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ހަތަރުވަނައިގައި އުޅުއްވާ އުމަރުގެ ފަހަތުން ފަސްވަނަ އެވެ. އެގޮތުން:
-
އިލްޔާސްއަށް މިހާތަނަށް 15،200 އަށް ވުރެ ގިނަ ވޯޓު (%7) ވަނީ ލިބިވަޑައިގެންފައި
-
އުމަރަށް 6،300 އަށް ވުރެ ގިނަ ވޯޓު (%2.9) މިހާތަނަށް ލިބިވަޑައިގެންފައިވޭ
-
ގާސިމްއަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ 5،500 އެއްހާ ވޯޓު (%2.5)
ގާސިމްގެ މަގުބޫލުކަން އިންތިހާ ދަށަށް
އެނގުން މުހިއްމު - މިއީ ތިންވަނަ ފަހަރަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ގާސިމަށް މިހާތަނަށް ލިބިވަޑައިގެންނެވި އެންމެ ދަށް ނަތީޖާ އެވެ. އޭނާ މީގެ ކުރިން ދެ އިންތިހާބެއްގެ ފުރަތަމަ ބުރުގައި ތިން ފަހަރު ވާދަކުރައްވައި ހަތަރުވަނަ އާއި ތިންވަނައަށް ވަޑައިގެންނެވި އިރު، ކޮންމެ ފަހަރަކު ވެސް %15 އަށް ވުރެ މަތިން ވޯޓު ހޯއްދެވި އެވެ.
ގާސިމްއަށް އިންތިހާބުތަކުގައި ވޯޓު ލިބިވަޑައިގެންނެވި އަދަދުތައް:
-
2008ގެ އިންތިހާބުގެ ފުރަތަހަމަ ބުރު - 27،056، %15
-
2013ގެ އިންތިހާބުގެ، ބާތިލްކުރި ފުރަތަމަ ބުރު - 50،422، %24
-
2013ގެ އިންތިހާބުގެ ފުރަތަމަ ބުރު - 48،131، %23
-
2023ގެ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ މިހާތަނަށް ދައްކާގޮތުން - 5،500 އެއްހާ ވޯޓު، %2.5
ފާހަގަކޮށްލެވޭ - ވޭތުވެދިޔަ ތިން އިންތިހާބުގައި ވެސް ރައީސްކަމަށް ވަޑައިގެންނެވި ބޭފުޅުން އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ ގާސިމްގެ ތާއީދާ އެކުގަ އެވެ. ނަމަވެސް މިފަހަރު ގާސިމަށް ލިބިވަޑައިގެންނެވި ދަށް ނަތީޖާއިން ދޭހަވަނީ އެ ނުފޫޒަށް ބާރުދޭ ރައްޔިތުންގެ ތާއީދު އޭނާއަށް އޮތް މިންވަރު ކުޑަވެފައިވާ ކަމެވެ.
އުމަރަށް ކުރިއަށް ވުރެ ގިނަ ވޯޓު
އުމަރު 2008ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ވާދަކުރެއްވި އެވެ. ނަމަވެސް އެފަހަރު ލިބިވަޑައިގެންނެވީ އެންމެ 2،472 ވޯޓެވެ. އެހެންކަމުން، ވަގުތީ ނަތީޖާ ދައްކާގޮތުން، މިފަހަރު އޭނާ މިވަނީ އެއަށް ވުރެ އެތައް ހާހެއް އިތުރަށް ވޯޓު ހޯއްދަވައިފަ އެވެ.
އުމަރުއަށް އިންތިހާބުތަކުގައި ވޯޓު ލިބިވަޑައިގެންނެވި އަދަދުތައް:
-
2008ގެ އިންތިހާބުގެ ފުރަތަމަ ބުރު - 2،472 %1
-
2023ގެ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ މިހާތަނަށް ދައްކާގޮތުން - 6،300 އަށް ވުރެ ގިނަ ވޯޓު، %2.9
ފާހަގަކޮށްލެވޭ - ގިނަ ރަށްތަކަކަށް ވަޑައިގެން ކެމްޕެއިން ކުރެއްވި ގާސިމް މި އިންތިހާބަށް ނުކުންނެވީ، ފާއިތުވި އިންތިހާބުތަކުގައި ވެރިކަން ހޯއްދެވި ބޭފުޅުންނަށް އިންތިހާބު ކާމިޔާބުކޮށްދެއްވުމުގައި އިސް ރޯލެއް އަދާކުރެއްވި ނަމަވެސް، އޭގެ ބަދަލުގައި މޮޅެއް ނުލިބުނު ކަމަށް ވިދާޅުވެ އެވެ. އަދި އޭނާއަކީ ގައުމަށް ހިދުމަތްތެރި އަދި އަމިއްލަ މުއްސަނދިކަމުން ރައްޔިތުންނަށް ބޮޑެތި އެހީތައް ވެދެއްވާފައިވާ ބޭފުޅަކަށް ވެސް ވާތީ، އޭނާއަށް ފުރުސަތު ދީ، ވެރިއެއްގެ ގޮތުގައި އޭނާ ޓެސްޓު ކުރުމަށް ގާސިމް ގެންދެވީ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.
އުމަރު އިންތިހާބަށް ނުކުމެވަޑައިގަތީ 2008ގައި ވެސް އޭނާ ބޭނުންކުރެއްވި 'ހައްލަކީ އުމަރު' ޝިއާރާ އެކު އެވެ. އުމަރު އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދެވީ މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށާއި ބޭރު ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އަދި އިސްލާމީ ޝަރީއަތް ރާއްޖޭގައި ގާއިމް ކުރުމަށްޓަކައި ހޮވަން އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ އޭނާ ކަމެވެ.
ގުޅުންހުރި - ދެވަނަ ބުރުގައި ވާދަކުރައްވާނެ ދެ ކެންޑިޑޭޓުންނަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ:
-
ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު: 100،000 އަށް ވުރެ ގިނަ ވޯޓު
-
އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: 85،000 އަށް ވުރެ ގިނަ ވޯޓު
ކޮމެންޓް (1)
ފިސާލް