ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ގާސިމް ބައިވެރިވެވަޑައިގަންނަަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޖުމްހޫރީ ޕާޓީ

ޖޭޕީން ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމައިފި

ދެ ވަނަ ބުރާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ ބާރު ގާސިމަށް ދިނުމަށް ހުށަހެޅި ހުށަހެޅުން ފާސްވުމުން ގާސިމް ނިންމެވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުމަށް
16 ސެޕްޓެމްބަރު 2023

ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ދެންމެއަކު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 5،460 ވޯޓު ލިބިވަޑައިގެންނެވި ގާސިމް އިބްރާހިމްގެ ޖޭޕީން އެ ގޮތަށް ނިންމީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ. މިއަދު މެންދުރު ފަހު 1 ޖަހާއިރު، މ. ކުނޫޒުގައި ހުންނަ އެ ޕާޓީގެ މައި އޮފީހުގައި ފެށި ކައުންސިލް ބައްދަލުވުން ދެންމެއަކު ނިންމާލާފައި ވާއިރު، އެ ބައްދަލުވުމުގައި ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށެވެ.

ތަފްސީލް - ކައުންސިލް ބައްދަލުވުމުގައި ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރު މަޝްވަރާކުރީ ދެ ވަނަ ބުރުގައި ޖޭޕީން ކެންޑިޑޭޓަކާ ގުޅޭނީތޯ ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރާނީތޯ އެވެ.

ޖުމްލަ 68 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކައުންސިލް ބައްދަލުވުމުގައި މެމްބަރުން ހިޔާލު ފާޅުކުރެއްވުމަށް ފަހު:

  • ފުރަތަމަ ވޯޓަށް އެހީ ވަކި ބަޔަކަށް ތާއީދުނުކޮށް ތިބޭނީތޯ؛ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ 16 މެމްބަރުން

  • ދެ ވަނައަށް ހުށަހެޅީ ދެ ވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުން ނުވަތަ ނުކުރަން ނިންމުމުގެ ބާރު ގާސިމްއަށް ދިނުމަށް؛ އެ ހުށަހެޅުން ފާސްވީ 66 މެމްބަރުންގެ ވޯޓުން

  • އެ ހުށަހެޅުން ފާސްވުމުން ގާސިމް ނިންމެވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުމަށް

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ގާސިމް ބައިވެރިވެވަޑައިގަންނަަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެނގުން މުހިންމު - މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓްގެ %50 ނުހޯއްދެވުނެވެ. އެހެންވެ، މި މަހުގެ 30ގައި ބާއްވާ ދެ ވަނަ ބުރުގައި ވާދަކުރައްވާނީ، ފުރަތަަ ބުރުގައި %46 ހޯއްދެވި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒާއި %39 ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޖޭޕީއާ އެކު ކޯލިޝަން ހެދުމަށް ޕީޕީއެމް-ޕީއެންސީ އާއި އެމްޑީޕީން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.

ދެ ޕާޓީއާ އެކު މަޝްވަރާކޮށް ގޮތެއް ޖޭޕީން ނިންމަން ކައުންސިލް ބައްދަލުވުމެއް ބާއްވަން އެންމެ ފުރަތަމަ އުޅުނީ މިދިޔަ ބުދަ ދުވަހު އެވެ. އެކަމަކު، ރައީސް ސޯލިހް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންނެވުމުން އެ ބައްދަލުވުން ކެންސަލް ކުރީ އެވެ.

އެއަށް ފަހު ރައީސް ސޯލިހް ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް، ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި އޭނާއާ އެކު ދިގު މަޝްވަރާތަކެއް ކުރައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް