ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެއްޔެ ބައްދަލުކުރެއްވި މާމިގިލީ އެއާޕޯޓުގައި.

ގާސިމް ނެގީ އިންޑިއާގެ މައްސަލަ؛ ރައީސް ދިނީ އޮޅުންފިލުވައިދޭނެ ކަމުގެ ޔަގީންކަން

އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ގާސިމަށް އެރުވުމަށް ވަނީ ނިންމާފައި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދެވަނަ ބުރެއްގައި ކޯލިޝަން ހެދުމަށްޓަކައި އިއްޔެ ފެށި މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އެންމެ ބޮޑަށް ނެންގެވި މައްސަލަ އަކީ ރާއްޖޭގައި އިންޑިއާގެ ނުފޫޒު އޮތް ކަމަށް ބުނާ މައްސަލަކަން 'ދައުރު'އަށް އެނގިއްޖެ އެވެ. އެއާ އެކު، އެކަމާ ގުޅޭ ގޮތުން އޭނާއަށް މައޫލުމާތު ސާފުކޮށްދެއްވައި ގައުމުގެ މިނިވަންކަމަށް ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން އެރުވުމުގެ ގޮތުން ކަންކަން އޮޅުންފިލުވައިދެއްވުމަށް އެކަމާ ބެހޭ މައުލޫމާތު ގާސިމަށް ދެއްވަން ރައީސް ނިންމަވާފައިވާ ކަމަށްވެ އެވެ.

ވީ ކިހިނެއް؟ - ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 5،000އެއްހާ ވޯޓާ އެކު ފަސް ވަނަ ހޯއްދެވި ގާސިމާ އެކު ދެވަނަ ބުރުގެ ކޯލިޝަން މަޝްވަރާތައް ކުރެއްވުމަށް ރައީސް ސޯލިހް ވަނީ އިއްޔެ ގާސިމްގެ ސަން އައިލެންޑް ރިސޯޓެއް ވަޑައިގެންފަ އެވެ.

ރައީސްއާ އެކު ކޯލިޝަން ހެދުމަށް 'ފެހި ސިގްނަލް' ގާސިމް ދެއްވާފައިވީ ނަމަވެސް، އެ މަޝްވަރާތަކުގައި، އިންޑިއާގެ ނުފޫޒު މި ސަރުކާރަށް އޮތް ކަމަށް ބުނާ ކަންބޮޑުވުން ގާސިމް ފާޅުކުރައްވާފައިވާކަން، އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.

ތަފްސީލު - މި މަޝްވަރާތަކުގެ މައޫލުމާތު އެނގޭ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، މި ސަރުކާރުން އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭ ކަންބޮޑުވުން ގާސިމް ފާޅުކުރެއްވި އެވެ.

"އޮނަރަބަލް ގާސިމް އިބްރާހިމް މަޝްވަރާތަކުގައި އެންމެ ބޮޑަށް ފާހަގަކުރެއްވި ކަމަކީ، ގާސިމް ކެމްޕެއިންގައި ވެސް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކައަކީ އިންޑިއާގެ ނުފޫޒުގެ މައްސަލަ. އެހެންވެ، ރައީސް ވަނީ އެ އެއްބަސްވުންތަކުން ގައުމުގެ މިނިވަންކަމަށް އެއްވެސް ބުރުލެއް ނާރާނެ ކަމުގެ އެޝުއަރެންސް [ޔަގީންކަން] ދެއްވާފައި،" އޭނާ ވިދާޅުވި އެވެ.

ރައީސް އާއި ގާސިމް ސަން އައިލެންޑް ރިސޯޓުގައި. (ފޮޓޯ/ޖޭޕީ)

އެ ޔަގީންކަން ދެއްވުމާ އެކު، ރައީސް ވަނީ، އެނގިފައިވާ ގޮތުގައި، އެ އެއްބަސްވުންތަކާ ގުޅޭ މައޫލޫމާތު ވެސް ގާސިމަށް އެރުވުމަށް ނިންމަވާފަ އެވެ.

އެނގިފައިވާ ގޮތުގައި، ގާސިމަށް އެ މައުލޫމާތު އެރުވުމަށް ރައީސް ހަވާލުކުރައްވާފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ އެވެ.

އެ މައުލޫމާތު ދިނުމުގައި، އެ އެއްބަސްވުންތައް ގާސިމަށް ދައްކަނީ ކަމެއް ނުވަތަ އެއާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅަނީ ކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް، ނިންމާފައި އޮތީ، ކޮންމެވެސް ސިފައެއްގައި އެއާ ގުޅޭ މައުލޫމާތު އެރުވުންކަން 'ދައުރު'އަށް ކަށަވަރުވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓްގެ %50 ނުހޯއްދެވުނެވެ. އެހެންވެ، މި މަހުގެ 30ގައި ބާއްވާ ދެ ވަނަ ބުރުގައި ވާދަކުރައްވާނީ، ފުރަތަމަ ބުރުގައި 15،000އެއްހާ ވޯޓުގެ ފަރަގަކާ އެކު އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަދި ދެ ވަނައަށް އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ރައީސް ސޯލިހެވެ. އެގޮތުން:

  • މުއިއްޒަށް 101،128 ވޯޓް ލިބިވަޑައިގެންފައިވޭ؛ އެއީ %46

  • ރައީސް ސޯލިހަށް 86،000 ވޯޓު ލިިބިވަޑައިގެންފައިވޭ؛ އެއީ %39

ގާސިމްއާ އެކު ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޕީޕީއެމް-ޕީއެންސީން ވެސް އަންނަނީ މަޝްވަރާ ކުރުމުންެވެ. އެގޮތުން، މިދިޔަ އަންގާރަ ދުވަހު ދެ ފަރާތުން ވަނީ މަޝްވަރާ ބައްދަލުވުންތައް ވެސް ބާއްވާފަ އެވެ. ނަމަވެސް، އެ ބައްދަލުވުމާ ގުޅޭ މާ ބޮޑު މައުލޫމާތެއް ދެ ފަރާތުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް (8)

ނަމްރީދު

15 ސެޕްޓެމްބަރު 2023
ރައީސް މިހާރުބުނެފާނު މާލޭގެ މިސްކިތްތަކުން މިހާރު ބަންގި ނުގޮވައޭ. ތެދަކަށްވާނެތަ؟ ރައީސަކީ ރަމްޒީ މީހެއް ވެރިކަމަށް އަޔަސް އަމުރުވެރި އޮފީހަކީ އިންޑިއަން އެމްބަސީ. ކޯޓުތަކަށްވެސް އޮތީ އެމްބަސީގެނުފޫޒު. އިބްރާހިމް ސޯލިޙަށް ކުރެވުނު ކަމަކީ ޤައުމުގައި ހުރި ހަރުމުދާ އިންޑިއާ ސަރުކާރަށް ނިއަގުގައި ރަހުނުކޮށް ލޯނުނަގައި އެއިބައެއް އަލްވާނުންނަށް ދީފައި ދިވެހި ސިފައިންގެ އިސްބޭފުޅުންގަތުން. އެމްޑީޕީ ވެރިކަމަށް ބަޔަކު އަތުގެހިފައިގެން ގެނައި ދެފަހަރުވެސް މިވިއްކީ ޤައުމާއި ޤައުގެ މިނިވަންކަން. މިވަރު ރައްޔިތުން ދަނޭ
0 0

ވަޓް އިޒް ދިސް

14 ސެޕްޓެމްބަރު 2023
ގޭސިމް އަކައް ނުކެރުނުދޯ ކަނޑު ވިއްކާލި ވާހަކަ ނަގާކައް.
2 0

ށަނޫ

14 ސެޕްޓެމްބަރު 2023
ބަލަ ޤައުމީ ސަލާމަތަށް ހުރި ނުރައްކާ އެއްޗެއް، މަޖްލިސް އަށްވެސް ނުދައްކާ، ކުއްލިއަކަށް މިކަހަލަ ޤައުމީ ސަލާމަތަށް ނުރައްކާ އެގްރިމެންޓެއް ޤާސިމަށްވެސް ނުދެއްކޭނެ، ވެރިކަން ނުލިބިދާނެ ކަމަށް ބިރުން މިހާރު ކީއްކުރަން ތި އުޅެނީ؟ މޮރިޝަސްއާއި އެކު ހެދި އއގްރިމަންޓްވެސް ޤާސިމަށް ދައްކާނެ، އިންޝާﷲ އިންތިހާބު ކާމިޔާބު ކުރާނީ މުއިޒް 67 ޕަސަންޓް. ދެން އަވަހަށް ފިލަން ތައްޔާރުވޭ!
1 0

އެކަނބާ

14 ސެޕްޓެމްބަރު 2023
ޕީޕީއެމް އަކާ މި އިންތިހާބަކާ ގުޅުމެއްނެތް.. މުއިޒުއަކީ ޕީއެންސީ މީހެއް... ޕީޕީއެމް އެއް ނެތް.... ސަރުކާރަކީވެސް އަދުރޭގެ sarukaaru .. ޔާމީނު ދެން ލަލަލާ
0 2

މުޖުތާޒު

14 ސެޕްޓެމްބަރު 2023
ގާސިމަށްހެޔޮއެދޭމީހެއްގެ ހައިސިއްޔަތުން ގާސިމަށް ބުނެލަންއޮތީ އިބްރާހިމްގެ ކޯލިސަނުގަ ބައިވެރިނުވާށޭ އބުދުއްﷲޝާހިދުއާއެހަވާލުކުރީ އެއެއްބަސްވުންތަކުގަ ނިގައުމުގެ ސިޔާދަތައްނުރައްކަލެއްނެތްކަން ގާސިމަށް ދިނުމައްއެދޭނެ އެއައްބަދަލުގެނަސްފަ އޭގެ އަސްެއްނުދޭނެ އޭނަޔާކޯިޗަން ހަދައިފިނަމަ ގާސިމަކީވެސް ގައުމައް ގައްދާރުވެފައިވާޚާއިނަކައް ރައްޔިތުންދެކޭނީ އެހެންވެ މިވާހަކަ ގާސިމާހިއްސާކުރުމުގެ ގޮތުން ލިޔެލީ
2 0

މޫސާ ތަކުރުފާނު

14 ސެޕްޓެމްބަރު 2023
އެހެން ވެއްޖިއްޔާ މި ހުރިހާ ދުވަހު ގާސިމް މި ކިއީ ކީކޭ؟ ތަންދޮރު ނުބަލައިތަ ތިޔަ ހުރިހާ ވާހަކައެއް ތިޔަ ދެއްކީ؟ ދެން ކީކޭ ބުނާނީ ދޯ؟ ލަދު
6 0

މުހަންމަދު ތަކުރުފާނު

14 ސެޕްޓެމްބަރު 2023
ތި އެގްރީމަންޓްގެ ޓްރީކީ ޕޮއިންޓަކީ އިންޑިއާ ނުރުހޭ ބަޔަކަށް އިތުރު ތިލަފަޅުން ހިދުމަތް ނުދެވުން. މާނައަކީ ދެ ފަރާތް ހަމަހަމަ ކޮންސޯޓިއަމުން ނޭ ނިންމާނީ އެ ތަނުން ހިދުމަތް ދެވޭނެ ބަޔަކާއި ނުދެވޭނެ ބަޔަކު. މިކަން ދޮގު ކުރާކަށް ނުކެރޭނެ. ސޭޓަށް އެނގޭނެ އެ ކިޔަން.
5 1

ހަސަނު

14 ސެޕްޓެމްބަރު 2023
@މުހަންމަދު ތަކުރުފާނު ތިޔަ ފަދަ ގޮތަކަށް އޮތް އެގްރީމަންޓެއްގައި، އިންޑިއާ ނުރުހޭ ބަޔަކަށް ހިދުމަތް ދެވޭނީ. ރާއްޖޭގައި ރާއްޖޭގެ ބާރު ނުހިނގާ ގޮތަށް އޮންނަ ކޮންމެ އެގްރީމަންޓަކީ ގާނޫނޫ އަސާސީއާ ހިލާފު އެގްރީމަންޓެއް. ގާސިމް ކުރިން ދައްކަމުން އައި ވާހަކައަކީ ސައްހަ ވާހަކައެއް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް