ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ 13 ސެޕްޓެމްބަރު 2023ގައި ބައްދަލުކުރައްވަނީ.

ޖުމްހޫރީ ޕާޓީ

ގާސިމް އާއި ރައީސް ސޯލިހުގެ 12 ގަޑިއިރުގެ މަޝްވަރާއެއް؛ ގާސިމްގެ ފެހި ސިގްނަލް ރައީސް އަށް

އިއްޔެ ވަޑައިގަތް ގޮތަށް މިވަގުތު ވެސް ރައީސް ހުންނެވީ ސަން އައިލެންޑުގައި، މިއަދު ވެސް ބައްދަލުވުމެއް ބާއްވާފައިވޭ

މި މަހު 30ގައި އޮންނަ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު ބޭއްވި 12 ގަޑިއިރުގެ މަޝްވަރާ ބައްދަލުވުންތަކުން ދެ ވަނަ ބުރުގައި ރައީސްއާ އެކު ޖޭޕީ އޮންނާނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަން 'ދައުރު' އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ދެވަނަ ބުރުގައި ޖޭޕީއާ އެކު ކޯލިޝަން ހެދުމަށް ޕީޕީއެމް-ޕީއެންސީ އާއި އެމްޑީޕީއާ އެކު ވެސް ޖޭޕީން މަޝްވަރާތައް ކުރިއަށް ގެންދެ އެވެ. ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމުމަށް އިއްޔެ ބާއްވަން އުޅުނު ކައުންސިލް ބައްދަލުވުން މިހާރު ވަނީ ލަސްކޮށްފަ އެވެ. އެ ބައްދަލުވުން ލަސްކުރީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގާސިމްއާ ބައްދަލުކުރައްވަން އެދިވަޑައިގެންފައި ވާތީ އެވެ. 

އެއަށް ފަހު އިއްޔެ ހަވީރު 3:45 ހާއިރު އދ. މާމިގިލީ އެއާޕޯޓަށް ދަތުރުކުރި ގާސިމްގެ ވިލާ އެއާގެ ފްލައިޓެއްގައި މާމިގިއްޔަށް ވަޑައިގެން، އެ ތަނުން ގާސިމްއާ އެކު ސަން އައިލެންޑަށް ރައީސް ސޯލިހް ވަޑައިގެން ކޯލިޝަން ހެދުމުގެ މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވާފަ އެވެ.

ދައުރުއަށް އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމަށް ފަހު މިއަދުގެ ވަގުތެއްގައި ވެސް ދެ ބޭފުޅުން ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ. މިވަގުތު ވެސް ރައީސް ސޯލިހް ހުންނެވީ ސަން އައިލެންޑުގަ އެވެ.

ތަފްސީލް - އެނގިފައިވާ ގޮތުގައި އެ ބައްދަލުވުންތައް ނިންމާލުމަށް ފަހު މިއަދު ރައީސް މާލެ ވަޑައިގަންނަވާނެ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި އިސް އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވި ގޮތުގައި އިއްޔެ އާއިި މިއަދު ހިމެނޭހެން ބޭއްވި 12 ގަޑިއިރުގެ ދިގު މަޝްވަރާތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން މަޝްވަރާތައް ދިޔަ ގޮތަށް ބަލައި، ރިިޔާސީ އިިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް ސޯލިހާ އެކު ގާސިމް މަސައްކަތް ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިކަމާ ގުޅިގެން ދެ ޕާޓީގެ ފަރާތުން ވެސް ރަސްމީ ނިންމުމެއް އަދި ނުނިންމަ އެވެ. 

އެނގުން މުހިންމު - ރައީސް ސޯލިހް ގާސިމާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި މިވަނީ، ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ޓީމުން ވެސް ގާސިމާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި ވަނިކޮށެވެ. 

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓްގެ %50 ނުހޯދުނެވެ. އެހެންވެ، މި މަހުގެ 30ގައި ބާއްވާ ދެ ވަނަ ބުރުގައި ވާދަކުރައްވާނީ، ހޮނިހިރު ދުވަހު އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒުގެ އިތުރުން، ދެ ވަނައަށް އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ރައީސް ސޯލިހެވެ. އެގޮތުން:

  • މުއިއްޒަށް 101،128 ވޯޓް ލިބިވަޑައިގެންފައިވޭ؛ އެއީ %46

  • ރައީސް ސޯލިހަށް 85،000 ވޯޓު ލިިބިވަޑައިގެންފައިވޭ؛ އެއީ %39

ދެވަނަ ބުރެއްގައި ވާދަކުރެއްވުމަށް ކޯލިޝަން ހެދުމަށް މި ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ޕާޓީތަކާ މަޝްވަރާ ކުރަމުން އަންނައިރު، ފުރަތަމަ ބުރުގައި ވާދަކޮށް ބަލިވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ން މިހާރު ވަނީ ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހަދާފަ އެވެ.

ރައީސް ސޯލިހާ އެކު ކޯލިޝަނުގައި އަދިވެސް އޮތީ، ފުރަތަމަ ބުރުގައި އެކުގައި ތިބި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވިލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ. މީގެ އިތުރަށް އެމްޑީޕީއިން އަންނަނީ، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ އަދި އިންތިހާބުގައި ތިން ވަނަ ހޯދި ދަަ ޑިމޮކްރެޓްސްއާ އެކު ވެސް ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންނެވެ.

ގުޅުން ހުރި - 2018 ވަނަ އަހަރު ކޯލިޝަަން ސަރުކާރެއް ގެނައުމަށް ޖޭޕީން އެމްޑީޕީއާ އެކު މަސައްކަތް ކުރި ނަމަވެސް، މި ފަހަރުގެ އިންތިހާބުގައި އެ ޕާޓީން ވާދަކުރީ ވަކިންނެވެ. އެ ޕާޓީން ވަކިން ވާދަކުރުމަަށް ނިންމުމުގެ ކުރިން ބެލެވިފައި އޮތީ ވެސް އެމްޑީޕީއާ އެކު ކޯލިޝަން ހަދާނެ ކަމަށެވެ.

މީގެ ކުރިން 2008 އަދި 2013ގައި ބޭއްވި ރިޔާސީ އިންތިހާބުތަކުގައި 4 ވަނަ އާއި ތިން ވަނަ ހޯއްދެވި ގާސިމްއަށް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 5،545 ވޯޓާ އެކު ލިބިޑައިގެންފައި ވަނީ ފަސް ވަނަ އެވެ. 

ކޮމެންޓް (13)

ނަސީދުގެއަންހެނުން

16 ސެޕްޓެމްބަރު 2023
ކޮމެންޓް ގައި ކިތަންމެ ވަރަކަށް ނަފުރަތު އޮހޮރިޔަސް މި އިނތިހާބުގަ ފުރަތަމަބުރު އެކަކު އަނެކަކާ ދިމާޔައް އެއްޗެއް ނުގޮވާ ވަގައް ނުގޮވާ އެކަކުވެސް ނެތް ގާސިމު ނޫނަސް މުއިއްޒު އާ ގުޅުނު މީހުން ވެސް އޭރު ގޮވީ ވަގަށް މުއިއްޒު ގެ ގެ ހެދީ މިވެނިހެނޭ އެވެނި ހެނޭ އެހެންވީމަ މީ ޕޮލިޓިކްސް ކަން ދަނެގެން ކޮމެންޓް ކޮއްލީމަ އޯކޭ ވާނެ.
1 0

އަޒުމަން

15 ސެޕްޓެމްބަރު 2023
ރައްޔިތުންގެ ތާއީދެއް ނުލިބޭނެ.
1 1

ޑިމޮކްރަސީ

14 ސެޕްޓެމްބަރު 2023
ޤާސިމަކީ ކާކުކަން ދިވެހިންނަށް އަދިވެސް ދަހެއްނުވޭބާ ؟
4 1

ޗަކޮއިބެ

14 ސެޕްޓެމްބަރު 2023
ޢެންމެ ރަގަޅީ ޖާސިމް އިބްރޭ އަށް ތާއިދުކުރުން
1 2

ކަމަނަ

14 ސެޕްޓެމްބަރު 2023
ފެހި ސިގްނަލް ދިނީ ހަގު އަނބި މީހާއަށް ވެސް މިނިސްޓްރީއެއް ދޭގޮތަށްތޯ.
4 2

އަހްމަދު

14 ސެޕްޓެމްބަރު 2023
ގާސިމަށްވޯޓްލީ 5000މީހުން ގެ ތެރޭން 1000ވޯޓްވެސް އެމްޑީޕީއަށް ނުލިބޭނެ.
5 1

މުޖައްރިބު

14 ސެޕްޓެމްބަރު 2023
ފެހިސިގްނަލް ނުދީ ފިއްޔާ ސޭޓްގެ އަނބިމީހާ މިނިސްޓަރުކަމުން ވަކިކުރާނެ.
5 1

އަހުމަދު

14 ސެޕްޓެމްބަރު 2023
މި ފެންނަނީ ސޯލިހް މަރަށް ތެޅޭތަން. ހީވާގޮތުން ފިލާނެހެން ރާއްޖެ ދޫކޮށް ނުހޮވިއްޖެޔާ. ދެން އަނެއްކާ ޓްރާންސްޕޯޓް ނަހުލާއަށް ދޭންވީތޯ؟
12 2

ޙަހަހަހަ

14 ސެޕްޓެމްބަރު 2023
ކީރިތި ކުރައްވަން ހުންނެވީ. ހެހެހެ
11 1

ޚަލީލު

14 ސެޕްޓެމްބަރު 2023
ރައީސް ޤާނޫނު އަސާސީއާ ޚިލާފުވިއޭ، ތިމަންނާ މި މަސައްކަތްކުރަނީ އިސްލާހަށޭ ކިޔާފައި ރައީސްގެ ފަހަތަށް އަރައިފިއްޔާ ބެލެވޭނީ ޤާސިމަކީ މުނާފިޤެއް ކަމަށް.
15 3

ޢުމަރު

14 ސެޕްޓެމްބަރު 2023
@ޚަލީލު މުނާފިގުން ސިފަތައް ފުރިހަމަ ނޫން އެކަކު ދައްކަބަލަ ސިޔާސީ މީހުންގެ ތެރެއިން.
1 0

ޢުމަރު

15 ސެޕްޓެމްބަރު 2023
@ޢުމަރު ޚަލީލު ބުނީ މުނާފިޤު ނޫން މީހުން ނެތެކޭ ނޫނެއްނު ކަލޯ! މުނާފިޤު ވިޔަސްވެސް ހުރިހާ މުނާފިޤުން އެއްވަރަކަށް މުނާފިޤު ނުވާނެ. ޤާސިމު ވަނީ އަރާހުރި މުނާފިޤަކަށް
4 1

މުންޖިޗޭ

14 ސެޕްޓެމްބަރު 2023
ދެވަނަ ބުރުގެ ނަތީޖާ އިޢުލާންކުރަންދެން ތިޔަ ރިސޯޓުގައި ޤާސިމުގެ ކައިރީގައި ހުރުން ބުއްދިވެރި، ހަތަރެއްފަޔަށް އަނބިން ލައިގެން އުޅޭ މީހަކު އުޅޭނީ ވަރަށް ހިތްހަމަޖެހިގެން، އެގޮތް ދަސްކުރަން ތިކޮޅުގައި މަޑުކޮށްލުން ރަނގަޅު، ގާސިމަށް އެޅި ވޯޓުތައް އިތުރަށް ނައަޅާ ހުރިގޮތަށް ހިބައިން ދިނަސް ދިވެހިރައްޔިތުން ތިބީކީ ޤައުމު އަޅުވެތިކަމުން ސަލާމަތްކުރަން ފޫގަޅާފަކަން ޚުދު ޤާސިމަށްވެސް އެނގޭނެ، ބަހާ ޢަމަލާ ދިމާވޭތޯ މިފަހަރު ރައްޔިތުން ޤާސިމު ޓެސްޓްކުރާނެ، މިތިބީ ބަލަން.....!
12 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް