ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގާސިމްއާ ސަން އައިލެންޑުގައި ބައްދަލުކުރެއްވުމަށް މާމިގިއްޔަށް ވަޑައިގަތުމުން ގާސިމް އެއާޕޯޓުން މަރުހަބާ ދަންނަވަނީ
ރައީސް، ގާސިމާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ވަޑައިގެންފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާ ބައްދަލުކުރެއްވުމަށް ދެންމެއަކު ގާސިމްގެ ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައީސް ސޯލިހާއި ގާސިމް ބައްދަލުކުރައްވަނީ ރަައީސްގެ އެދިވަޑައިގަތުމަކަށެވެ. ރައީސް ވަނީ މިއަދު ހަވީރު 3:45ގައި އދ. މާމިގިލީ އެއާޕޯޓަށް ދަތުރުކުރި ގާސިމްގެ ވިލާ އެއާގެ ފްލައިޓެއްގައި މާމިގިއްޔަށް ވަޑައިގެން، އެ ތަނުން ގާސިމްއާ އެކު ސަން އައިލެންޑަށް ވަޑައިގެންފަ އެވެ.
ތަފްސީލް - އެ ދެ ބޭފުޅުން ބައްދަލުކުރައްވާތީ، ދެ ވަނަ ބުރުގައި ވާދަކުރާ ޕީޕީއެމް-ޕީއެންސީ އާއި އެމްޑީޕީގެ ތެރެއިން ކޯލިޝަން ހަދާނޭ ފަރާތެއް ނިންމުމަށް ޖޭޕީން މިއަދު ހަވީރު ބާއްވަން ހަމަޖެއްސި ކައުންސިލް ބައްދަލުވުން ވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ. ޖޭޕީން އެކަމާ މެދު ގޮތެއް ނިންމާނީ ރައީސް އާއި ގާސިމްގެ ބައްދަލުވުން ނިމުމުން ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އެނގުން މުހިންމު - މި މަހުގެ 30ގައި އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވާނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި %46 ވޯޓް ހޯއްދެވި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި %39 ވޯޓު ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފަސްމަންޒަރު - 2018 ވަނަ އަހަރު ކޯލިޝަަން ސަރުކާރެއް ގެނައުމަށް ޖޭޕީން އެމްޑީޕީއާ އެކު މަސައްކަތް ކުރި ނަމަވެސް، މި ފަހަރުގެ އިންތިހާބުގައި އެ ޕާޓީން ވާދަކުރީ ވަކިންނެވެ. އެ ޕާޓީން ވަކިން ވާދަކުރުމަަށް ނިންމުމުގެ ކުރިން ބެލެވިފައި އޮތީ ވެސް އެމްޑީޕީއާ އެކު ކޯލިޝަން ހަދާނެ ކަމަށެވެ.
މީގެ ކުރިން 2008 އަދި 2013ގައި ބޭއްވި ރިޔާސީ އިންތިހާބުތަކުގައި 4 ވަނަ އާއި ތިން ވަނަ ހޯއްދެވި ގާސިމްއަށް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 5،545 ވޯޓާ އެކު ލިބިޑައިގެންފައި ވަނީ ފަސް ވަނަ އެވެ. އެއީ، އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަަރު ނަސީރަށް ވުރެ ވެސް ދަށް ނަތީޖާއެކެވެ.