ތިމަރަފުށީ އެއާޕޯޓުގައި މޯލްޑިވިއަންގެ ބޯޓެއް: މި އެއާޕޯޓުގައި ކެފޭއެެއް ހިންގަން ހަވާލުކުރި އަމިއްލަ ކުންފުންޏަކަށް 1.7 މިލިއަންގެ ބަދަލެއް ދޭން މޯލްޑިވިއަންއަށް ވަނީ އަންގާފައި.

ހައި ކޯޓު

މޯލްޑިވިއަން އިން ދައްކަންޖެހޭ ބަދަލުގެ އިސްތިއުނާފު ހައި ކޯޓުން ބަލައެއް ނުގަތް

ތިމަރަފުށީ އެއާޕޯޓުގައި ކެފޭއެއް އިމާރާތްކޮށް ހިންގުމަށް ހަވާލުކުރި ކުންފުންޏަށް ބަދަލުގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އޮތީ ހުކުމްކޮށްފައި
6 ނޮވެމްބަރު 2021

އައިލެންޑް އޭވިއޭޝަނުން ތ. ތިމަރަފުށީގައި ހިންގާ އެއާޕޯޓުގައި ކެފޭއެއް އިމާރާތްކޮށް ހިންގުމަށް ހަވާލުކުރި ކުންފުންޏަށް ބަދަލުގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު ބަލައިނުގަންނަން ހައި ކޯޓުގެ ރެޖިސްޓްރާ ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - އެއާޕޯޓުގައި ކެފޭއެއް ހަދަން މޯލްޑިވިއަން އިން ނޮވެމްބަރު 2017ގައި ހަވާލުކުރީ ސެކިއާ ގްރީން ޕްރިވެޓް ލިމިޓެޑާ އެވެ. ނަމަވެސް، މާލީ ހާލަތު ގޯސްވެ ކެފޭ ނުހިންގޭ ހިސާބަށް ދިއުމުން، އޯގަސްޓް 2019ގައި އެ ކުންފުނިން ވަނީ އެއްބަސްވުން ނިމުމަކަށް ގެނެސް މޯލްޑިވިއަނަށް އަންގާފަ އެވެ.

ކެފޭ އިމާރާތްކޮށް ހިންގަން ކުރި ހަރަދުގެ ބަދަލު ހޯދަން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މޯލްޑިވިއަނުން އެއްބާރުލުން ދީފައި ނުވާ ކަމަށް ސެކިއާ އިން ބުންޏެވެ. މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި ސެކިއާ އިން އެދުނީ ބަދަލުގެ ފައިސާ އާއި ގާނޫނީ ކަންކަމަށް ހިނގި ހަރަދު ހޯދުމަށެވެ. ސެކިއާ އިން އުފުލި ދައުވާއަށް މޯލްޑިވިއަނުން ވަނީ އިންކާރުކޮށްފަ އެވެ.

ތަފްސީލް - އެ މައްސަލައިގައި މިދިޔަ ސެޕްޓެމްބަރު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ ކެފޭގެ އިމާރާތަށާއި އެ ތަން ހިންގުމަށް ދިޔަ ހަރަދަކީ އެއްބަސްވުން އުވާލާ ހާލަތުގައި އަނބުރާ ދައްކަންޖެހޭނެ އެއްޗެއްކަން ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުން އެނގޭ ކަމަށެވެ.

އެހެންކަމުން، ތިން މަހުގެ ތެރޭގައި 1.7 މިލިއަން ރުފިޔާ ސެކިއާއަށް ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. 

މައްސަލަ ހައި ކޯޓަށް - އެ ހުކުމް އައިލެންޑް އޭވިއޭޝަންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުގެ ރެޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެއީ އައިލެންޑް އޭވިއޭޝަނުން ހުށަހެޅި އިސްތިއުނާފު ފޯމުގައި، އެ މައްސަލައިގައި އުފެދިފައިވާ ގާނޫނީ ބަހުސެއް ހުށަހަޅާފައި ނުވާތީ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް