ތިމަރަފުށީ އެއާޕޯޓުގައި މޯލްޑިވިއަންގެ ބޯޓެއް. އަމިއްލަ ކުންފުންޏަކަށް 1.7 މިލިއަންގެ ބަދަލެއް ދޭން މޯލްޑިވިއަން އަށް ވަނީ އަންގައިފައި.
ތިމަރަފުށީ އެއާޕޯޓުގެ ކެފޭގެ މައްސަލައިގައި މޯލްޑިވިއަނުން ބަދަލަށް 1.7 މިލިއަން ދައްކަން ޖެހިއްޖެ
އައިލެންޑް އޭވިއޭޝަނުން ތ. ތިމަރަފުށީގައި ހިންގާ އެއާޕޯޓުގައި ކެފޭއެއް އިމާރާތްކޮށް ހިންގުމަށް ހަވާލުކުރި ކުންފުންޏަށް ބަދަލުގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ދައްކަން އައިލެންޑް އޭވިއޭޝަނުގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
ވީ ކިހިނެއް؟ - އެއާޕޯޓުގައި ކެފޭއެއް ހަދަން މޯލްޑިވިއަން އިން ނޮވެމްބަރު 2017 ގައި ހަވާލުކުރީ ސެކިއާ ގްރީން ޕްރިވެޓް ލިމިޓެޑާ އެވެ. ނަމަވެސް މާލީ ހާލަތު ގޯސްވެ ކެފޭ ނުހިންގޭ ހިސާބަށް ދިއުމުން، އޯގަސްޓް 2019 ގައި އެ ކުންފުނިން ވަނީ އެއްބަސްވުން ނިމުމަކަށް ގެނެސް މޯލްޑިވިއަނަށް އަންގާފަ އެވެ.
އޭގައި ބުނީ:
-
އެއްބަސްވުމުގައި 6 މަހުގެ ނޯޓިސް ދޭން އޮތަސް، ވަގުތުން ވިޔަފާރި ހުއްޓާލައި ކެފޭ ހަވާލުކުރަން ބޭނުން ކަމަށް
އެ ސިޓީއާ ގުޅިގެން މޯލްޑިވިއަނުން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ސެކިއާ އިން ބުނެފައިވެ އެވެ. އަދި އެ ސިޓީގެ ޖަވާބު ދިނީ މެއި 2020 ގައި ކަމަށް އެ ކުންފުނިން ބުންޏެވެ. ކެފޭ އިމާރާތްކޮށް ހިންގަން ކުރި ހަރަދުގެ ބަދަލު ހޯދަން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މޯލްޑިވިއަނުން އެއްބާރުލުން ދީފައި ނުވާ ކަމަށް ސެކިއާ އިން ބުންޏެވެ.
މައްސަލަ ކޯޓަށް - މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި ސެކިއާ އިން އެދުނީ ބަދަލުގެ ފައިސާ އާއި ގާނޫނީ ކަންކަމަށް ހިނގި ހަރަދު ހޯދުމަށެވެ. ސެކިއާ އިން އުފުލި ދައުވާއަށް މޯލްޑިވިއަނުން ވަނީ އިންކާރުކޮށްފަ އެވެ.
ކޯޓުގެ ނިންމުން - އެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ، ކެފޭގެ އިމާރާތަށާއި އެ ތަން ހިންގުމަށް ދިޔަ ހަރަދަކީ އެއްބަސްވުން އުވާލާ ހާލަތުގައި އަނބުރާ ދައްކަންޖެހޭނެ އެއްޗެއްކަން ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުން އެނގޭ ކަމަށެވެ.
ކެފޭ ދޫކޮށްލިއިރު، އިމާރާތާއި ތަނުގައި ހުރި ތަކެތީގެ ބަދަލުގެ ގޮތުގައި ހޯދަން އެދުނީ 1.7 މިލިއަން ރުފިޔާ އެވެ. ސިވިލް ކޯޓުން ބުނީ އެއީ އެކަށީގެން ނުވާ އަދަދެއް ކަމަށް ބަލާނެ ހަމައެއް ނެތް ކަމަށެވެ.
އެހެންކަމުން، 3 މަހުގެ ތެރޭގައި 1.7 މިލިއަން ރުފިޔާ ސެކިއާ އަށް ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ނަމަވެސް، ގާނޫނީ ފީގެ ގޮތުގައި ހޯދަން އެދުނު ފައިސާ ނަގައިދެވެން ނެތް ކަމަށް ކޯޓުން ނިންމި އެވެ.