ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕެއިނަށް ގދ. ތިނަދޫގައި މިރޭ ބާއްވާ ޖަލްސާގައި ގާސިމް މިރޭ ވާހަކަދައްކަވަނީ (ފޮޓޯ/ޖޭޕީ)

ކާޑެއްދޫ އެއާޕޯޓު ހެދުން ލަސްވީ ސަރުކާރުތަކާ ހެދި، 3 މަސް ތެރޭ ތަަރައްގީކުރަން ފަށާނަން: ގާސިމް

ގާސިމް ވިދާޅުވީ މި ސަރުކާރުގައި ވެސް ކާޑެއްދޫ ލިބުނީ އުނދަގުލުން ކަމަށާއި ލިބުމަށް ފަހު ތަރައްގީކުރުން ލަސްވީ ކޮވިޑާ ގުޅިގެން ކަމަށް
5 ސެޕްޓެމްބަރު 2023

ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ލަސްވެފައިވަނީ ސަރުކާރުތަކުގެ ސަބަބުން ކަމަށާއި ކުރިއަށް އޮތް ތިން މަސް ތެރޭ އެ މަސައްކަތް ފަށާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގދ. އަތޮޅުގެ ވެރިރަށް ތިނަދޫއާ އިންވެގެން އޮންނަ ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައި އޮތީ ގާސިމްގެ ވިލާ ކުންފުންޏާ އެވެ. ނަމަވެސް އޭގެ އެއްވެސް ކަމެއް ނުކުރެވި، އެއާޕޯޓް ހަލާކުވަމުންދާތީ، އާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

ރިޔާސީ ކެމްޕެއިންގައި ތިނަދޫ ސިޓީއަށް ވަޑައިގެން މިހާރު ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރުން ލަސްވާ ސަބަބާއި އެ މަސައްކަތް ކުރަން ވިސްނާފައިވާ ގޮތް ވިދާޅުވެދެއްވާފަ އެވެ.

ތަފްސީލް - ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީނުކުރެވި ފުރަތަމަ ލަސްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިފައިން ގޮސް ގަދަކަމުން އެތަނުން ވިލާ ކުންފުނި ބޭލުމުން ކަމަށެވެ. އެރަށުން ފައިބައިގެން ދިޔައިރު ކުޑަމިނުން ފަންސޫރެއް ވެސް ނުގެންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭގެ ފަހުން، މި ސަރުކާރުގައި އެތަން ވިލާއަށް ލިބުމަށް ފަހު ވެސް މަސައްކަތް ލަސްވެފައި އޮތް ސަބަބާ ބެހޭގޮތުން ގާސިމް ވިދާޅުވީ:

  • މި ސަރުކާރު ވެސް ފުރަތަމަ ވެރިކަމާ ހަވާލުވެ، އެތަން ވިލާއަކަށް ނުދިން

  •  އެތަން ވިލާއަށް ލިބުނީ ޝަރީއަތުގެ ތިން މަރުހަލާ ކަޑައްތުކުރި ފަހުން

  • އެއާޕޯޓު ހަވާލުކުރި ފަހުން އަދި މިވީ އަހަރެއް؛ އޭގެ ފަހުން އެ މަސައްކަތް ލަސްވީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދިމާވި ދަތިތަކާ ހެދި

"ނަމަވެސް، އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން ކުރިއަށް އޮތް ތިން މަސް ނުވަތަ ދެ މަސް ދުވަހުގެ ތެރޭގައި އެ ރަށަށް ބޭނުންވާ [2800 މީޓަރުގެ ދިގު] ރަންވޭ އެޅުމަށް، އެއީ ވައިޑް ބޮޑީ އެއާކްރާފްޓު ޖެއްސޭ ވަރުގެ ރަންވޭއެއް އެޅުމަށް، ބޭނުންވާ ފަޅު ހިއްކުމުގެ މަސައްކަތް އަޅުގަނޑު ފައްޓާނަން،" ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޑްރެޖަރު އަންނާނެ. ސަރުކާރުގެ އޮތް ވަރަށް ވުރެ މާ ފުރިހަމަ ބޮޑު ޑްރެޖަރެއް އަޅުގަނޑުގެ އޮންނާނެ. އެ ޑްރެޖަރު ގެނެސް އެ މަސައްކަތް ފައްޓާނަން އިރާދަކުރެއްވިއްޔާ ގިނަވެގެން ތިން މަސް ތެރޭ." 

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް ގދ. ތިނަދޫގައި މިރޭ ބާއްވަވަމުން ގެންދަވާ ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ (ފޮަޓޯ/ޖޭޕީ)

ފަސްމަންޒަރު - ރާއްޖޭގެ އެންމެ ދުވަސްވީ ރީޖަނަލް އެއާޕޯޓު ކަމަށްވާ ކާޑެއްދޫ ތަރައްގީކޮށް، ހިންގުމަށް ވިލާ އެއާއަށް 50 އަހަރަށް އެންމެ ފުރަތަމަ ހަވާލުކުރީ ޔާމީންގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ. އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން ރަސްމީކޮށް ފެށީ ޖެނުއަރީ 2014ގަ އެވެ. ނަމަވެސް:

  • އެ ސަރުކާރުން 2017 ވަނަ އަހަރު އެ އެއާޕޯޓުގެ އެއްބަސްވުން ބާތިލުކުރި؛ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ، އެ އެއްބަސްވުން ބާތިލުކޮށް އެ ތަން ވަނީ ސަރުކާރަށް ނަގާފައި

  • މޭ 2021: ސުޕްރީމް ކޯޓުން އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ހުކުމްކުރި

  • ސުޕްރީމް ކޯޓުގެ ހުކުމާ އެކު، މި ސަރުކާރުން ވަނީ ވިލާ އެއާއާ އަލުން އެ އެއާޕޯޓް ހަވާލުކޮށްފައި

ގުޅުންހުރި - ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ތިނަދުއަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ވަނީ، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަލްކޮށް ގދ. ތިނަދުއާ ބުރިޖަކުން ގުޅުވާލަން ވައުދު ވެވަޑައިގެންފަ އެވެ.

އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުދަ ދުވަހު ތިނަދު އަށް ވަޑައިގެން ވަނީ، ކާޑެއްދޫ އިންޓަނޭޝަނަލް ނުކުރެވިއްޖެ ނަމަ ތިނަދޫ ފަޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް