ތިނަދޫގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގެ ތެރެއިން(ފޮޓޯ/އެމްޑީޕީ ކެމްޕެއިން ޓީމް)
ތިނަދޫއަށް ރައީސްގެ ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ވައުދު
ގދ. ތިނަދޫ - ކާޑެއްދޫ އެއާޕޯޓް، ތަރައްގީކޮށް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ކުރިއަށް ނުދާނަމަ ތިނަދޫގައި އިންޓަނޭޝަނަލް އެއަޕޯޓެއް އަޅައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވައުދުވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މި ރަށާ އިންވެގެން އޮންނަ ކާޑެއްދޫ އެއަޕޯޓަކީ ރާއްޖޭގެ އެންމެ ދުވަސްވީ ރީޖަނަލް އެއާޕޯޓެވެ. އެ އެއާޕޯޓުގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކުރެވި، އެއާޕޯޓް ހަލާކުވަމުންދާތީ، އާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.
ތިނަދޫ ފަޅުން ބައެއް ހިއްކައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތިނަދޫ ކައުންސިލުން ރަސްމީކޮށް ސަރުކާރަށް މިހާރު އޮތީ ހުށަހަޅާފަ އެވެ.
ތަފްސީލް - 'އުފާވެރި އަމާން ރާއްޖެ ނަމުގައި މިހާރު މި ސިޓީގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އިކޮނަމިކް ކައުންސިލުން ވަރަށް މުހިންމު ދެކަމެއް މިދިޔަ ހަފްތާގައި ނިންމާފައިވާ ކަމަށެވެ.
އެއީ:
-
ތިނަދޫ ފަޅުތެރޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްގީކުރުން
-
އެހާތަނަށް ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ނުކުރެވިއްޖެ ނަމަ ތިނަދޫގައި އިންޓަނޭޝަނަލް އެއަޕޯޓެއް އެޅުން
-
ގއ. ވިލިގިލީގައި މިފަދަ މަޝްރޫއެއް ހިންގުން
"ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ނުވާކަމުގައި ވަންޏާ، އިރާދަކުރެއްވިއްޔާ މި [ތިނަދޫ ފަޅުތެރޭގައި ތަރައްގީކުރާ ޓޫރިޒަމް ޒޯން] ޕްރޮޖެކްޓާއެކީގައި މިތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ ހިދުމަތް ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.
ތިނަދޫ ފަޅުތެރޭގައި ފިކްނިކް ދާން ރަށެއް ތަރައްގީކުރުމުގެ ވައުދުވެސް ރައީސް މިރޭ ވެވަޑައިގަތެވެ. ރައީސް އިތުރަށް ވިދާޅުވީ، ސީދާ ޕާސްޕޯޓް އަތަށް އަރާގޮތަށް ރަށުން އެ ހިދުމަތް މި ރަށުގައި މިއަދު ފެށުމަކީ ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. ޕާސްޕޯޓް ހިދުމަތް ފެށުމާ އެކު، ފުރަތަމަ ޕާސްޕޯޓް ހަވާލުކުރި އާތިފާ ގާސިމް ދެން ބޭނުންވާނީ މި ސިޓީން ސީދާ ރާއްޖެއިން ބޭރަށް ދިއުންކަން ރައީސް ފާހަގަކުރެއްވި އެވެ.
އެހެންކަމުން މި ސަރުކާރުގެ އެންމެ ފުރަތަމަ ވިސްނުމަކީ ކާޑެއްދޫ އެއަޕޯޓް އިންޓަނޭޝަނަލް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު އެ މަސައްކަތް ކުރިއަށް ނުދާނަމަ، ދެން އެކަން ކުރާނީ ތިނަދޫގައި ކަމަށް ވިދާޅުވި އެވެ.
"އެކަން ޕްލޭންކޮށްފައި އޮތްގޮތަށް ނުކުރެވެންޏާ އަޅުގަނޑުމެން ބަލާކަށް ނުތިބޭނަން." ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް، ހިންގުމަށް ވިލާ އެއާއަށް 50 އަހަރަށް އެންމެ ފުރަތަމަ ހަވާލުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންެގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ. އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން ރަސްމީކޮށް ފެށީ ޖެނުއަރީ 2014ގަ އެވެ.
-
އެ ސަރުކާރުން 2017 ވަނަ އަހަރު އެ އެއާޕޯޓުގެ އެއްބަސްވުން ބާތިލުކުރި؛ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ، އެ އެއްބަސްވުން ބާތިލުކޮށް އެ ތަން ވަނީ ސަރުކާރަށް ނަގާފައި
-
މޭ 2021؛ ސުޕްރީމް ކޯޓުން އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ހުކުމްކުރި
-
ސުޕްރީމް ކޯޓުގެ ހުކުމާ އެކު، މި ސަރުކާރުން ވަނީ ވިލާ އެއާއާ އަލުން އެ އެއާޕޯޓް ހަވާލުކޮށްފައި
-
އިތުރަށް ކިޔާލަން - ކާޑެއްދޫ އެއާޕޯޓުގެ މައްސަލަ ދިގުލައި އެއާޕޯޓުގެ ހާލަތު ދަށަށް