ކާޑެއްދޫ އެއާޕޯޓް: މި އެއާޕޯޓް ވިލާއާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ.
ކާޑެއްދޫ އެއާޕޯޓުގެ މައްސަލަ ދިގުލައި އެއާޕޯޓުގެ ހާލަތު ދަށަށް
ރާއްޖޭގެ އެންމެ ދުވަސްވީ ރީޖަނަލް އެއާޕޯޓް، ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއާ ހަވާލުކުރުމާ މެދު ގޮތެއް ނުނިމި ދިގުލައިގެން ދާތީ އެ އެއާޕޯޓުގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކުރެވި، އެ އެއާޕޯޓުގެ ހާލަތު ގޯސްވާން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ކާޑެއްދޫ އެއާޕޯޓު ހިންގަން ވިލާ އެއާއާ އެކު 50 އަހަރަށް ހަދާފައިވާ އެއްބަސްވުން 2017ގައި ސަރުކާރުން ބާތިލުކުރި މައްސަލައިގައި މިދިޔަ މޭ މަހު ސުޕްރީމް ކޯޓުން ހުކުމް ކުރީ އެ އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން، ވިލާއަށް ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ކޯޓުން ނިންމި އެވެ.
އެ ހުކުމާ ގުޅިގެން، ވިލާ އެއާއަށް އެ އެއާޕޯޓް އަލުން ހަވާލުކުރުމުގެ މަޝްވަރާތައް ސަރުކާރުން އަންނަނީ އެ ކުންފުންޏާ އެކު ކުރަމުންނެވެ.
އަރާފައިބާ ޖެޓީ ވެއްޓިފައި، އިންވެސްޓްމަންޓެއް ކުރެވޭކަށް ނެތް
ކާޑެއްދޫ އެއާޕޯޓަށް އަރާފައިބަން ބޭނުންކުރާ ފާލަން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ވެއްޓި އެ އެއާޕޯޓަށް ފުރަން އަންނަ މީހުންނަށް ވަނީ އެކި ދަތިތަކާ ކުރިމަތިވެފަ އެވެ.
ކާޑެއްދޫ އެއާޕޯޓް މެނޭޖްކުރާ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ރީޖަނަލް ޑައިރެކްޓާ ސައުދުﷲ އަހުމަދު ވިދާޅުވީ އެ ޖެޓީ ވެއްޓުނީ މަރާމާތު ނުކޮށް ގިނަ ދުވަސް ވުމުގެ ސަބަބުން ކަމަށެވެ. އަދި ކާޑެއްދޫ އެއާޕޯޓް އެ ކުންފުނީގެ ދަށަށް ގެނައި އިރު ވެސް އެ އެއާޕޯޓްގެ އިންފްރާސުޓްރަކްޗާ އާއި ވަސީލަތްތައް ވަރަށް ބޮޑަށް ބާވެ، ހާލަތު ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އެއާޕޯޓް ރަނގަޅު ކުރެވެން އަންނަނީ ބޮޑު އިންވެސްޓެއް ކޮށްގެންކަން ފާހަގަކުރައްވައި ސައުދުﷲ ވިދާޅުވީ އެ އެއާޕޯޓާ ގުޅޭ ގޮތުން ކޯޓުން ހުކުމެއް ކޮށްފައި ވާތީ އެ ކުންފުންޏަށް އެ އެއާޕޯޓަށް އިންވެސްޓް ކުރެވެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެ އެއާޕޯޓާ މެދު ސަރުކާރުން ވީހާ އަވަހަކަށް ގޮތް ނިންމުމަކީ އެ ކުންފުނިން ވެސް އެދޭ ގޮތް ކަމަށެވެ.
"އެތާ އޮޕަރޭޝަންތައް ހުއްޓިދާނެތީ މިހާރު ވެސް އަޅުގަނޑުމެން މި މެނޭޖުކުރަނީ ހަމައެކަނި އެ އެއާޕޯޓް. މިކޮޅުގެ ދާއިމީ އެސެޓަކަށް އެ ތަން ނުވާއިރު އެ ތަން ތަރައްގީކުރަން ބޮޑު އިންވެސްޓްމަންޓެއް އަޅުގަނޑުމެންނަށް ނުކުރެވޭނެ. އެހެންވެ ސަރުކާރުގައި އެދިފައި އޮންނާނީ އެ ތަން ހަވާލުކުރާ ނަމަވެސް ނޫނީ އެހެން ގޮތެއް ހަދާ ނަމަވެސް އަވަހަށް ގޮތެއް ނިންމަން. ޖެޓީ މަރާމާތު ނުކުރެވި ދިޔައީ ވެސް އެ ތަން ކުންފުނީގެ ދަށުގައި ސީދާ ނޯންނާތީ،" ސައުދުﷲ ވިދާޅުވި އެވެ.
"އެންމެ ކުރީގެ އެއް އެއާޕޯޓް އެއީ. އެހެންވެ އެ ތަން އެ ހުރީ މި ސަރުކާރު އައި އިރު ވެސް ބޮޑު މަރާމާތަކަށް ބޭނުންވެފައި. އެއީކީ މި ކުންފުނީގެ އިހުމާލުން، މި ސަރުކާރުގެ އިހުމާލުން ވެފައި ހުރި ކަމެއް ނޫން."
ވިލާއަށް މި މަސް ތެރޭގައި ހަވާލުކުރެވޭތޯ ބަލަނީ
ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލުކުުރުމުގެ މަޝްވަރާތައް ކުރަނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެންނެވެ.
އެކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު 'ދައުރު'އަށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލުކުރުމަށް މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މި މަސް ނިމުމުގެ ކުރިން ވިލާއަށް އެއާޕޯޓް ހަވާލުކުރުމުގެ އެގްރިމަންޓުގައި ސޮއިކުރެވޭނޭ ކަމަށް މިހާރު ލަފާކުރެވެ އެވެ.
ޒުހައިރު ވިދާޅުވި ގޮތުގައި، އެކަން ލަސްވަމުން ދަނީ ވިލާއަށް އަލުން އެއާޕޯޓް ހަވާލުކުރަނީ ވަރަށް ދުވަސް ފަހުން ކަމަށް ވާތީ އެ ކަމުގައި އެއްބަސްވާން ޖެހޭ ކަންކަން ގިނަވުމުން ކަމަށެވެ.
"އޭޖީ އޮފީހާއި ވިލާއާ އެކު އެކަމުގައި އެއްބަސްވުމަކަށް އައުމުގެ ވާހަކަތައް އެބަދޭ ކުރިއަށް. ދެން އެހާ ލަހެއް ނުވާނެ،" ޒުހައިރު ވިދާޅުވި އެވެ.
ޖެޓީ ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ. އަދި އެ އެއާޕޯޓް ވިލާ އެއާއާ ހަވާލުކުރުމުގެ މަރުހަލާގައި ވެސް އެއާޕޯޓުގެ އޮޕަރޭޝަންތައް އޮމާންކޮށް ގެންދަން ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު 'ދައުރު'އަށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓާ ހަވާލުވުމުގެ ކަންކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށާއި ނަމަވެސް އަދި ގޮތެއް ނުނިމޭ ކަމަށެވެ. އެކަން ލަސްވެގެން އުޅެނީ، އޭނާ ވިދާޅުވި ގޮތުގައި، ދެ ފަރާތަށް ވެސް ފައިދާވާ ގޮތަކަށް އެކަން ނިންމުމަށް ވަގުތުކޮޅެއް ނަގާތީ އެވެ.
"އޭގައި މައްސަލަތަކެއް ނޫޅޭ. ހަމަ ސްމޫތުކޮށް މަޝްވަރާތައް އެބަދޭ. ނިންމުމާ އެކު އަޅުގަނޑުމެން އެކަން ހާމަކުރާނަން،" ނާޝިދު ވިދާޅުވި އެވެ.
އެނގުން މުހިންމު - ވިލާ އިން ކުރިން ބުނެފައިވާ ގޮތުގައި، ކާޑެއްދޫ އެއާޕޯޓާ ހަވާލުވާން އެ ކުންފުނިން ބޭނުންވި ނަމަވެސް އެ އެއާޕޯޓް މެނޭޖުކުރާ ގޮތަށް ރިސޯޓް ހަދަން ރަށެއް ނުދޭ ނަމަ އެކަން ކުރުމަކީ އުނދަގޫ ކަމެކެވެ. އެ އެއާޕޯޓަށް 140 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.