ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީސް ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ސޯލިހާއެކު

އެމްޑީޕީއަށް މަޖިލީހުގެ ސުޕާ މެޖޯރިޓީ ނެތް ނަމަ ރައީސް މިހާރު ހުންނަވާނީ އަޒުލުކޮށްފައި: ގާސިމް

ގާސިމް ވިދާޅުވީ ރައީސް ސޯލިހް އަޒުލުކުރަން މަޖިލީހުގެ މެމްބަރުންނަށް ވެސް މިހާރު ލާޒިމުވާނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕާ މެޖޯރެޓީ ނެތް ނަމަ، އެ ޕާޓީގެ ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުންނަވާނީ ވެރިކަމުން ބާލުވާފައި ކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ މި ސަރުކާރުގެ ކޯލިޝަން ތެރޭގައި ވެސް ހިމެނޭ ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު ގާސިމް މިހެން ވިދާޅުވީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މިހާރު ކުރައްވަމުންދާ ރިޔާސީ ކެމްޕެއިންގައި ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގަ އެވެ. މިފަހުން ވެސް ގާސިމް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރަޓީ އެއްވެސް ބަޔަކަށް ދެން ނުދިނުމަށް އެދިވަޑައިގެން، ވާހަކަ ދައްކަވައިފަ އެވެ.

ތަފްސީލް - ގާސިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ސުޕްރީމް ކޯޓުގައި ތަޅު އެޅުވި ކަމަށެވެ. އަދި ދެ ވަނަ ފަހަރަށް އެމްޑީޕީއަށް ވެރިކަން ލިބުމުން މި ސަރުކާރުން ތަޅު އަޅުވާފައި އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ޑެޑް ލޮކަކަށް ގެނެސްފައި ވަނީ ސަރުކާރުން ގަސްތުގައި ކަމަށެވެ. އަދި ސަރުކާރަށް މަޖިލީހުގެ ސުޕާ މެޖޯރެޓީ އޮވެ، ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީން އެކަން ކުރީ މަޖިލީހުގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ތަފާތު ވާހަކަ ދެއްކުމަށް ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށެވެ.

"އެމްޑީޕީގެ ސުޕާ މެޖޯރަޓީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮތީމަ މިއަދު ރައީސުލްޖުމްހޫރިއްޔާ [އިބްރާހިމް މުހައްމަދު ސޯލިހް] އަށް އެ ހުންނެވެނީ ވެރިކަމުގައި. އެހެން ނޫނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލާޒިމުވާނެ އޭނާ [ވެރިކަމުން] ބޭރުކުރަން. އަދި ސުޕްރީމް ކޯޓަށް މިހާރު މައްސަލަ ވެއްދިޔަސް އެކަން ސާބިތުކުރެވޭނެ،" ބޭރުގެ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވި އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. ނަމަވެސް އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ. ސަރުކާރުން ބުނަނީ ބޭރު ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށެވެ.

ރައީސް ސޯލިހް އަޒުލުކުރަން ޖެހޭ ސަބަބެއްގެ ގޮތުގައި ގާސިމް ވިދާޅުވަނީ، ރާއްޖޭގައި ބޭރު ސިފައިން ތިބޭ މައްސަލާގައި ރައީސް ސޯލިހް، ގާނޫނު އަސާސީ އާ ހިލާފުވެފައިވާތީ ކަމަށެވެ. 

ރައީސް ސޯލިހް ރައީސްކަމުގެ ހުވާކުރެއްވުމުގެ ހަފްލާގައި ހުވާ ކުރައްވަނީ(ފޮޓޯ/ރައްޔިތުންގެ މަޖިލިސް)

ގާސިމް އިތުރަށް ވިދާޅުވީ އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ހޯދައިދިނުމުން ވެސް އެ ދެފަހަރު ވެސް އެ ޕާޓީން ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށެވެ. އަދި ޕީޕީއެމް އިން ވެސް ކަންތައް ކުރީ ހަމަ އެހެން ކަމަށެވެ. ޕީޕީއެމްގެ ސަރުކާރެއް، އަދި އެމްޑީޕީގެ ސަރުކާރެއް ދެ ފަހަރު ގެންނަން މަސައްކަތް ކުރައްވައި އެކަން ކުރެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެކަން ކުރެއްވި އިރު، އެއީ "އެހާ ބޮޑު ހިޔާނާތްތެރިކަން" އޭރު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އޭނާ މިއަދު ވިދާޅުވީ އެހެން ކަމާ އެކު އެ ޕާޓީތަކަށް ތާއީދު ކުރެއްވެން ނެތް ކަމަށެވެ.

"އެހެންވީމާ މާފު ކުރައްވާ އަޅުގަނޑަކަށް ނެތް އެބޭފުޅުންނަށް ތާއީދުކުރެވޭކަށް. އެ ޕާޓީތައް ފެއިލުވެއްޖެ. ވަރަށް ސާފުކޮށް މި ދަންނަވަނީ. ވަރަށް ރީތިކޮށް ފެއިލް ވެއްޖެ." ގާސިމް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު މިހާރުގެ ސަރުކާރުން ކާމިޔާބު ކުރީ ޖޭޕީ އާއި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ހިމެނޭ ކޯލިޝަނަކުންނެވެ.

ކޯލިޝަންގެ ތެރެއިން އެމްޑީޕީއަށް ވެރިކަން ލިބުމަށް ފަހު، 2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި އެމްޑީޕީން ނިންމީ ވަކިން އެ އިންތިހާބުގައި ވާދަކުރުމަށެވެ. އެ އިންތިހާބުން ބޮޑު މެޖޯރިޓީއެއް ނެގީ އެމްޑީޕީ އެވެ.

މިހާރު މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ މެމްބަރުންގެ ނިސްބަތް:

  • އެމްޑީޕީ: 54 މެމްބަރުން

  • ޕީޕީއެމް: 5 މެމްބަރުން

  • ޕީއެންސީ: 3 މެމްބަރުން

  • ޑިމޮކްރެޓްސް: 13 މެމްބަރުން

  • އެމްއެންޕީ: 3 މެމްބަރުން

  • ޖޭޕީ: 2 މެމްބަރުން

  • އެމްޑީއޭ: 2 މެމްބަރުން

  • އަމިއްލަ: 15 މެމްބަރުން

ރައީސް ސޯލިހް ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމަވައި ކޯލިޝަން ދެމެހެއްޓުމަށް ކޯލިޝަން ޕާޓީތަކަށް ހުށަހެޅުއްވި ހުށަހެޅުން ޖޭޕީން ގަބޫލެއް ނުކުރި އެވެ.

ގާސިމް މިފަހުން ވިދާޅުވީ، މަޝްވަރާ ނުކޮށް، ބޭނުންހާ ގޮތަކަށް ކަންކުރާ ބަޔަކާ އެކު ދެވަނަ ފަހަރަށް ކޯލިޝަން ނުހެއްދެވޭނެ ކަމަށެވެ.

ކޮމެންޓް (1)

ހުރާ

4 ސެޕްޓެމްބަރު 2023
މޮޔަވީމަ ދެން ވާނެ ގޮތް ތިޔަވަނީ
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް