ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ކެމްޕެއިންގައި 19 އޮގަސްޓް 2023 ވަނަ ދުވަހު ށ. ކަނޑިތީމުގައި ރައްޔިތުންނާއި ބައްދަލުކުރެއްވުން (ފޮޓޯ/ޖޭޕީ)

ޖުމްހޫރީ ޕާޓީ

މަޖިލީހުގެ މެޖޯރިޓީ އެއްވެސް ޕާޓީއަކަށް ދެން ނުދޭން ގާސިމް ގޮވާލައިފި

ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގަތުމަށް ވެސް ގާސިމް ގޮވާލެއްވި

ސިޔާސީ އެއްވެސް ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުދިނުމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ މަހުގެ 9ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވާ ގާސިމް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިނަށް މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅު ފުނަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ތަފްސީލް - ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށް ޖަވާބުދާރީ ނުވާ ކަމަށް ވިދާޅުވެ، އެ މަނިކުފާނު "އަޒުލް" ކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. ވެރިކަން ކުރާ އެމްޑީޕީގެ މެޖޯރިޓީ އޮތް އިރު، މަޖިލީހުގެ މެމްބަރުން ތިއްބަވަނީ އެކަން ނޭނގޭ ކަމަށް ހަދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީ އާއި އިސްލާމް ދީނަށާއި ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށްހިތުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިއްބެވި އެމްޑީޕީގެ މެމްބަރުން އެއިން އެއްވެސް ކަމެއް ނޭނގޭ ކަމަށް ހަދައިގެން ތިއްބަވާތީ ހައިރާންވާ ކަމަށް ގާސިމް ވިދާޅުވި އެެެވެ.

"މި ވަރުގެ ކަމެއް ހިނގަމުން ދާއިރު، މި މީހުންނަށް ނޭނގޭ ކަމަށް ހަދައިގެން އެމްޑީޕީގެ ބޮޑު މެޖޯރިޓީ [ރައްޔިތުންގެ މަޖިލީހަށް] ލައިގެން، ރައްޔިތުން ފުޑާލަން ތިބިކަން. އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ތަނުގައި އެއްވެސް ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރަޓީ ނުދޭށޭ. ދެއްވައިފި ނަމަ، އެއީ ހެދޭނެ އެންމެ ބޮޑު ގޯހޭ،" މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕެއިންގައި މިއަދު ށ. ފުނަދޫގައި. (ފޮޓޯ/ޖޭޕީ)

ގާސިމް ވިދާޅުވީ، ޖޭޕީ ބައިވެރިވާ ކޯލިޝަނެއްގެ ތެރެއިން 2018 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރެއް ގެނައުމަށް ފަހު، 2019 ވަނަ އަހަރު އޮތް މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދީފި ނަމަ، އެ ޕާޓީން ހަދާނެ ގޮތް ބަލަން ތިބުމަށް އޭނާ އޭރު ވެސް ވިދާޅުވެފައިވާނެ ކަމަށެވެ.

އެމްޑީޕީއަށް މެޖޯރިޓީ ދީފި ނަމަ، ޕީޕީއެމްގެ ސަރުކާރެއްގައި ރައްޔިތުންގެ މަޖިލީހުގައި ކަންކުރި ވަރަށް ވުރެ ގޯސްވާނެ ކަމަށް ވިދާޅުވެފައިވާނެކަން ފާހަގަކުރައްވައި ގާސިމް ވަނީ "ނުބައި ނުވޭތޯ؟" ސުވާލުކުރައްވާފަ އެވެ.

"ދެން މިއަދު އެއްބަސްވޭތޯ. ދެން އެމްޑީޕީ ބޭފުޅުން އަޅުގަނޑު ދެކެ ކިތަންމެ ނުރުހުނަސް ހަގީގަތް ވާނީ ހަގީގަތަށް. އަމިއްލަ ފައިދާއަށް ކަންތައް ފޮރުވަން އުޅެގެން ނުވާނެދޯ؟ ކުރީގެ ރައީސް] ޔާމީން އަބްދުލްގައްޔޫމް މީހުންނަށް އަނިޔާ ނުކުރާ ކަމަށް ވާނެތަ؟ މިއީ އޭގެ ވިކްޓިމްއެއްދޯ؟ މަގޭ އާއިލާ އެއީ ވިކްޓިމްއެއްދޯ؟ އޭނާގެ ބޭބެ [ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް] އެއީ ވިކްޓިމްއެއްދޯ؟ އެ ކަހަލަ ކިތަން މީހުންތޯ،" އެކަމަކު ޔާމީންއާ މެދު އެއްވެސް ހަސަދަވެރިކަމެއް ނެތްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ މިއަދު ވެސް ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިސްތިއުފާ ދެއްވުމަށް ފަހު ގެއަށް ވަޑައިގަތުމަށް ރައީސަށް ގޮވާލައްވާފަ އެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ގޮތް ނިންމާއިރު، ވިސްނުންތެރިކަމާ އެކު ރައްޔިތުން ވޯޓު ދިނުމަށް ވެސް ގާސިމް މިއަދު އިލްތިމާސްކުރެއްވި އެވެ.

އެނގުން މުހިންމު - 2018 ވަނަ އަހަރު ކޯލިޝަންގެ ތެރެއިން އެމްޑީޕީއަށް ވެރިކަން ލިބުމަށް ފަހު، 2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި އެމްޑީޕީން ނިންމީ ވަކިން އެ އިންތިހާބުގައި ވާދަކުރުމަށެވެ. އެ އިންތިހާބުން ބޮޑު މެޖޯރިޓީއެއް ނެގީ އެމްޑީޕީންނެވެ.

މިހާރު މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ މެމްބަރުންގެ ނިސްބަތް:

  • އެމްޑީޕީ: 54 މެމްބަރުން

  • ޕީޕީއެމް: 5 މެމްބަރުން

  • ޕީއެންސީ: 3 މެމްބަރުން

  • ޑިމޮކްރެޓްސް: 3 މެމްބަރުން

  • އެމްއެންޕީ: 3 މެމްބަރުން

  • ޖޭޕީ: 2 މެމްބަރުން

  • އެމްޑީއޭ: 2 މެމްބަރުން

  • އަމިއްލަ: 15 މެމްބަރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް