ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެްގެ ތެރެއިން މަޖިލިސް ތަޅުން. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

މަޖިލިސް 2 މަހުގެ ޗުއްޓީއަށް ފަހު ފެށުމާ އެކު މަރުތަޅަކަށް

ނަޝީދާ އެކު 14 މެންބަރުން ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައި ވިޔަސް، މިހާތަނަށް މަޖިލީހަށް އެކަން އެންގެވީ އެންމެ ތިން ބޭފުޅުން

ދެ މަސްދުވަހުގެ ޗުއްޓީއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފެށުމާ އެކު، ކޮމިޓީތައް އެކުލަވާނުލެވި ލަސްވަމުންދާ މައްސަލައިގައި އެމްޑީޕީގެ މެންބަރުން އަޑުގަދަކޮށް ނިޒާމް ގެއްލުވާލުމުން، މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ނިންމާލައިފި އެވެ. 

ވީ ކިހިނެއް؟ - މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތިން މެންބަރެއްގެ ނަން އިއްވާފަ އެވެ. އެ ތިން މެންބަރުންނަކީ:

  • ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

  • ދާންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބް

  • ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުގުނީ

އެ ތިން ބޭފުޅުންގެ ނަން އިއްވި ނަމަވެސް، ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް އެ މެންބަރުން ދެކޮޅު ހެއްދެވި އެވެ. ޖަލްސާ މެދުކަނޑާލުމަށް ފަހު، އަލުން ފެށުމުން ވެސް ޖަލްސާ ކުރިއަށް ނުގެންދެވުމުން ނަޝީދު ވަނީ ޖަލްސާ ނިންމާލައްވާފަ އެވެ.

ތަފްސީލް - މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި މެންބަރުންގެ ތެރެއިން މިހާތަނަށް މަޖިލީހަށް އެކަން ސިޓީއިން އަންގަވާފައިވަނީ ތިން މެންބަރުން ކަމަށެވެ. ބާކީ ތިއްބެވި މެންބަރުން ޕާޓީ ބަދަލުކުރެއްވި ކަމުގެ ސިޓީ ފޮނުއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"އެހެން ހެއްދެވުމުން މަޖިލިސް ދާއިމީ ކޮމިޓީތައް އެކުލަވާލެވުމުގެ ކަންކަން ހަލުވިކަމާ އެކު ކުރިއަށް ގެންދެވިގެންދާނެ ކަމަށް އަޅުގަނޑު ދެކެން،" މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވެން އޮތީ ވެސް އެކަން ނިމިގެންކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެއާ އެކު، އެމްޑީޕީގެ މެންބަރުން އެކަމާ ނުރުހުން ފާޅުކުރައްވައި އަޑުގަދަ ކުރަން ފެއްޓެވި އެވެ. ތިން މެންބަރުންނަށް ތިން ފަހަރަށް ނަސޭހަތް ދެއްވުމުން ވެސް އިސްލާހު ނުކުރުމުން، ނަޝީދު އެ މެެންބަރުންގެ ނަން އިއްވެވި އެވެ. ނަމަވެސް، އެ ބޭފުޅުން ތަޅުން ދޫކުރައްވައި ވަޑައެއްނުގެންނެވި އެވެ. ނަޝީދު އެކަން ސިފަކުރެއްވީ "ވަރަށް ހުތުުރު އަމަލެއް"ގެ ގޮތުގަވެ.

"އަޅުގަނޑުމެންނަނަށް މި ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެއް. އިއްޒަތްތެރި މެންބަރުންގެ ސިޔާސީ ޕާޓީން [އެމްޑީޕީން] ރާއްޖޭގެ ރަށްރަށް ވަޑައިގެންނެވީމާ ވެސް، ހަމަނުޖެހުން އުފެއްދުމާއި ހަޅުތާލު ހިންގުމާއި މާރާމާރީ ހިންގުން އެބަ އާންމުވޭ. މި މަޖިލީހުގައި ވެސް އިއްޒަތްތެރި މެންބަރުން ދައްކަވަމުން ތި ގެންދަވަނީ ހަމަ އެ މަންޒަރު،" މިދިޔަ ޖޫން މަހާ ހަމަށް އެ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވުމަށް ފަހު އެމްޑީޕީން ވަކިވެވަޑައިގެންނެވި ނަޝީދު ވިދާޅުވި އެވެ.

"އިޒަތްތެރި މެންބަރުންގެ ކެންޕެއިންގެ ޖަޒުބާތުގައި މި ތަނަށް ވަޑައިގެން، ހަމަ އެ ހޫނު ކަމުގައި މުޒާހަރާ ކުރައްވަމުން ގެންދެވީމަ، ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހިންގުމުގެ އުސޫލެއް ނޫން އެއީ."

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

ތިރީހަކަށް މިނެޓަށް މެންބަރުންނަށް ނަސޭހަތް ދެއްވުމަށް ފަހު، ނަން އިއްވި މެންބަރުން ތަޅުން ދޫކޮށް ވަޑައިނުގަތުމުން ނަޝީދު ޖަލްސާ މެދުކަނޑާލެއްވި އެވެ.

މަޖިލިސް އަނެއްކާވެސް މަރުތަޅަކަށް؟

މިދިޔަ ޖޫން މަހު މަޖިލިސް ޗުއްޓީއަށް ދިޔަ އިރު ވެސް، ކޮމިޓީތައް އެކުލަވާނުލެވި، މަސައްކަތްތައް ހުއްޓި އޮތީ މަރުތަޅެއްގަ އެވެ. ކޮމިޓީ އެކުލަވާލަން ޖެހުނީ، އޭރު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގެންނެވި އެމްޑީޕީގެ 12 މެންބަރުން ޕާޓީން ވަކިވުމާ ގުޅިގެން، މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ ނިސްބަތަށް އައި ބަދަލާ ގުޅިގެންނެވެ. ނަމަވެސް، ކޮމިޓީ އެކުލެވިގެންވާ ގޮތަށް އެއްވެސް ޕާޓީއަކަށް އެއްބަސްނެވެވި، ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލިއިރު ވެސް ކޮމިޓީތައް އެކުލަވާ ނުލެވުނެވެ. 

އެ މައްސަލަގަނޑުގެ ތެރެއިން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުުރުމަށް އެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް އޮތީ ވައްދާފަ އެވެ. ނަމަވެސް، އެ މައްސަލައަށް ބަހުސް ކުރެއްވުމުގެ ވަގުތު ކަނޑައަޅަން ޖެހެނީ އާންމު ކޮމިޓީންނެވެ. އެހެންވެ، ނަޝީދާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް އޮތީ ކުރިއަށް ނުގޮހެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)

މަޖިލިސް ޗުއްޓީގައި އޮއްވައި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން އެދިގެން މިދިޔަ މަހު ދަައުރުން ބޭރުން ޖަލްސާއެއް ބާއްވައި އެ ޕާޓީން ބޭނުންވި ގޮތަށް ކޮމިޓީތައް އެކުލަވާލި އެވެ.

ނަމަވެސް، އޭގެ ފަހުން، ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރަޖިސްޓްރީކުރުމާ އެކު، އަނެއްކާވެސް މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ މެންބަރުންގެ އަދަދަށް ވަނީ ބަދަލު އައިސްފަ އެވެ. އެއާ އެކު، އަލުން ކޮމިޓީތައް އެކުލަވާން މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ހިމަނާފަ އެވެ.

ނަޝީދާ އެކު ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައި ވަނީ 14 މެންބަރުންނެވެ. ނަމަވެސް، މިހާތަނަށް މަޖިލީހަށް އެކަން އެންގެވީ، ނަޝީދު މިއަދު ވިދާޅުވި ގޮތުގައި:

  • މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް

  • މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ

  • މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން

ބާކީ ތިއްބެވި 11 މެންބަރުން ޕާޓީ ބަދަލުވިކަން މަޖިލީހަށް ރަސްމީކޮށް އަދި އަންގާފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެހެންކަމުން، އަނެއްކާވެސް މަޖިލީހުގެ ކޮމިޓީތައް އެކުލާވަލުމުގެ މަސައްކަތް ދިގުލައިގެން ދާނެ ކަމަށް ބަލެވެެ އެވެ.

ކޮމެންޓް (1)

އޯކޭ

21 އޯގަސްޓު 2023
އެހެންނޫނަސް ކަމެއްވާ ބައެއް ނޫނެއްނުތިީ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް