ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)
އިދިކޮޅުގެ އިސްލާހުތައް ބޭރުކޮށްލައި އެމްޑީޕީން ބޭނުންވި ގޮތަށް ކޮމިޓީތައް އެކުލަވާލައިފި
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް މެޖޯރިޓީ ގެއްލޭ ގޮތަށް ސަރުކާރާ އިދިކޮޅު މެންބަރުން ހުށަހެޅި އިސްލާހުތައް ބޭރުކޮށްލުމަށް ފަހު، އެމްޑީޕީން ބޭނުންވި ގޮތަށް ކޮމިޓީތައް އެކުލަވާލަން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މަޖިލިސް ޗުއްޓީގައި އޮއްވާ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި އޮތީ، މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ އަދަދަށް ބަދަލު އައިސްފައިވާތީ، ކޮމިޓީތައް އަލުން އެކުލަވާލަން ހުށަހެޅި ރިޕޯޓަށް އިސްލާހު ހުށަހަޅައި އެ ރިޕޯޓު ފާސްކުރުމެވެ.
ތަފްސީލު - އެ ރިޕޯޓަށް އިދިކޮޅު ޕީޕިއެމް-ޕީއެންސީގެ ފަރާތުން އިސްލާހު ހުށަހެއްޅުވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާ 'ދަ ޑިމޮކްރެޓްސް'ގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް އިސްލާހު ހުށަހެޅުއްވި އެވެ.
އެ ދެ ބޭފުޅުން ވެސް އިސްލާހު ހުށަހެޅުއްވީ، ފަސް ކޮމިޓީއެއްގެ އަގުލަބިއްޔަތު އެމްޑީޕީއަށް ނުލިބޭ ގޮތަށެވެ. އެއީ:
-
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ
-
މާލިއްޔަތު ކޮމިޓީ
-
ސަރުކާރު ކުންފުނިތަކާ ބޭހޭ ކޮމިޓީ (އެސްއޯއީ)
-
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ
-
އާންމު ކޮމިޓީ
އިސްލާހު ހުށަހަޅުއްވަމުން އާދަމް ޝަރީފް އާއި އާޒިމް ވެސް ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް ނަމަވެސް، އެ ކޮމިޓީތަކުގައި އެ ޕާޓީގެ މެޖޯރިޓީ އޮތުމަކީ، ގާނޫނުއަސާސީގެ ބެސްޓް ޕްރެކްޓިސްއާ ދެކޮޅު ކަމެއް ކަމަށެވެ. އެހެންވެ އެ ދެ ބޭފުޅުން ވެސް ހުށަހެޅުއްވީ އެއިން ކޮންމެ ކޮމިޓީއެއްގައި އެމްޑީޕީގެ ހަތަރު މެންބަރަކު ތިއްބަވާ ގޮތަށެވެ.
ވަކިވަކިވަކިން ހުށަހެޅި އެ އިސްލާހުތައް ބޭރުކޮށްލީ 30 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހުތަކަށް ތާއީދުކުރެއްވީ 12 މެންބަރުންނެވެ.
އިދިކޮޅު މެންބަރުން ހުށަހެޅުއްވި އިސްލާހުތައް ފާސްނުވުމުން، އެމްޑީޕީން ބޭނުންވި ގޮތަށް، އެ ޕާޓީއަށް މެޖޯރިޓީ ލިބޭ ގޮތަށް އޮތް ކޮމިޓީ ރިޕޯޓު ފާސްވީ 35 މެންބަރުންގެެ ވޯޓާ އެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ 14 މެންބަރުންނެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ، ފާސްވި ގޮތަށް ޕާޓީތަކުން އެ ކޮމިޓީތަކަށް އައްޔަން ކުރާ މެންބަރުންގެ ނަންތައް މިރޭ 9ގެ ކުރިން ފޮނުވަން ވާނެ ކަމަށެވެ. އަމިއްލަ މެންބަރުން ކަނޑައަޅާނީ، ގަވައިދުގައިވާ ގޮތުގެ މަތިން މަޖިލިސް ރައީސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއާ އެކު، މިއަދުގެ ޖަލްސާ އޭނާ ނިންމާލެއްވި އެވެ.
އެނގުން މުހިންމު - ކޮމިޓީތައް އަލުން އެކުލަވާލަން ޖެހުނީ އެމްޑީޕީގައި ތިއްބެވި ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރު މިދިޔަ މަހުގެ 22ގައި ނިންމާލިއިރު ވެސް މަޖިލިސް މަރުތަޅު އެޅިފައި އޮތީ، ކޮމިޓީތައް އެކުލަވާލާނެ ގޮތަކާ މެދު ޕާޓީތަކަށް އެއްގަލަކަށް ނޭރިގެންނެވެ.