ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް މަތިން ފެންނަ ފޮޓޯއެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ހުޅުމާލެ

ހުޅުމާލެ ފަޅުގައި ހުރި ސަފާރީތަކަށް ދިޔަނެރާއި ކުޑަގިރި ފަޅުން ޖާގަ ދެނީ

މާލޭ ރައްޔިތުންނަށް ހުޅުމާލެއިން ހިލޭ ގޯތި ދިނުމަށްޓަކައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހުޅަނގު ފަރާތު ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައި. އެ މަސައްކަތް ފެށުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހުގެ ކުރިން އެ ފަޅުގައި ހުރި އުޅަނދުފަހަރު ނަގަން ވަނީ އަންގާފައި
22 އޯގަސްޓު 2023

މާލޭ ރައްޔިތުންނަށް ގޯދި ދިނުމަށް ހުޅުމާލެ ފަޅުން ހިއްކާތީ އެ ތަނުގައި ހުރި ސަފާރީތަކަށް ކ. ދިޔަނެރާއި ކުޑަގިރި ފަޅުން ޖާގަ ދިނުމަށް، އާންމުކޮށް އިއުލާން ނުކޮށް، އާބަންކޯއިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ގޯތި ދިނުމަށްޓަކައި ސަރުކާރުން ނިންމާފައިވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހުޅަނގު ފަރާތު ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކުމަށެވެ.

އެ ފަޅަކީ ސަފާރީތަކާއި ކަނޑު އުޅަނދުފަހަރު އަޅަން ބޭނުންކުރަމުން އައި ފަޅަކަށް ވާތީ، ބިން ހިއްކަން ފެށުމުގެ ކުރިން އެ ފަޅުން ހުރިހާ އުޅަނދުތައް ނެގުމަށް މިދިޔަ ބުރާސްފަތި ދުވަހު އާބަންކޯއިން ވަނީ އަންގާފަ އެވެ. އެ ކަމަށް ދިނީ 10 ދުވަހުގެ މުއްދަތެކެވެ.

ތަފްސީލު - އާންމު އުސޫލުން އިއުލާން ނުކޮށް އާބަންކޯއިން ބައެއް ނޫސްތަކަށް ބުނެފައިވަނީ، ހުޅުމާލެ ފަޅުން ނަގާ އުޅަނދުފަހަރަށް ކ. ދިޔަނެރު ފަޅާއި ކުޑަގިރި ފަޅުން ޖާގަ ދޭން ނިންމާފައިވާ ކަމަށެވެ.

އާބަންކޯއިން އެކަން 'ދައުރު'އަށް ކަށަވަރުކޮށްދިން ނަމަވެސް، އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ.

މިކަމުގައި އާބަންކޯގެ އޮފިޝަލުން އެހެން ނޫހަކަށް މައުލޫމާތު ދީފައިވާ ގޮތުގައި:

  • ކުޑަގިރި އާއި ދިޔަނެރު ފަޅުގައި ސަފާރީ އަޅަން އާބަންކޯގައި ރަޖިސްޓްރީ ވާން ޖެހޭނެ

  • ހަފްތާއެއްގެ ތެރޭގައި ދިޔަނެރު ފަޅުގައި މޫރިން ބޮއެތަކެއް އަޅާނެ

  • އެ ދެ ފަޅުގައި ސަފާރީތައް އަޅަން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އަގެއް ދައްކަން ޖެހޭނެ

އެނގުން މުހިންމު - ހުޅުމާލޭ ދެވަނަ ފިޔަވަހި ޕްލޭންކޮށްފައި ފުރަތަމަ އޮތީ ބައިނަލްއަގުވާމީ ފެންވަރުގެ ކްރޫޒް ޓާމިނަލެއް ހަދާ ގޮތަށެވެ. އެ ތަން ހަދަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހުޅަނގު ފަރާތު ފަޅުގެ ކަނޑު ތޮށި ހިމަނައިގެންނެވެ. ޓާމިނަލް އަޅާނެ ބަޔަކު ހޯދަން އިއުލާންކުރުމުން އޭގެ ތަޖުރިބާ ހުރި ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށް، އާބަންކޯއިން ކުރިން އޮތީ ބުނެފަ އެވެ.

ނަމަވެސް، ރިޔާސީ އިންތިހާބާ ދިމާކޮށް މުޅި މާސްޓަ ޕްލޭން ބަދަލުކޮށް، ދެވަނަ ފިޔަވަހީގެ ފަޅު ހިއްކައި އެތަނުން ގޯތި ދޭން މިހާރު ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ކްރޫޒް ޓާމިނަލް ބަދަލުކުރަނީ ކ. ދިޔަނެރު ފަޅު ހިއްކުމަށްފަހު އެ ތަނަށެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް