ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް މަތިން ފެންނަ ފޮޓޯއެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ގޯތި ދޭން ހުޅުމާލޭ ފަޅު ހިއްކަން ލަންކާގެ ސީއެމްސީއާ ހަވާލުކޮށްފި
ހުޅުމާލެއިން ގޯތި ދޫކުރަން ބޭނުންވާ ބިމާއި ކްރޫޒް ޓާމިނަލް އަޅާ ދިޔަނެރު ފަޅު އަދި ތިލަފުށީގެ އިތުރު ސަރަހައްދަކުން ބިން ހިއްކަން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އިއްޔެ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މިކަމާ ގުޅޭ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. އާބަންކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސީއެމްސީއާ ހަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފަށައި މިހާރު ކުރިއަށްދާ ކަމަށެވެ.
ސީއެމްސީއާ ހަވާލުކޮށްގެން ހިއްކަމުން އަންނަނީ:
-
ހުޅުމާލެ ފޭސް ދޭއް (62.6 ހެކްޓަރު)
-
ދިޔަނެރު ފަޅު (24.6 ހެކްޓަރު)
-
ތިލަފުށި އޭރިއޭ ޑީ (9.6 ހެކްޓަރު)
އޭގެ ތެރެއިން ތިލަފުށި 'އޭރިއާ ޑީ' ހިއްކުމުގެ އަމަލީ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
އެނގުން މުހިންމު - ސީއެމްސީއާ ހަވާލުކޮށްގެން މިހާރު ވެސް ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. އެއީ ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ބިން ހިއްކަން މިދިޔަ މަހު ހަވާލުކުރި މަޝްރޫއުތަކެވެ.
ތަފްސީލު - ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަކީ މި ސަރުކާރުން މާލޭ މީހުންނަށް ހިލޭ ގޯތި ދޫކުރަން ހިންގާ ބިންވެރިޔާ ސްކީމުން ބިން ދޫކުރަން ކަނޑައަޅާފައިވާ އެއް ސަރަހައްދެވެ.
ބިން ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޖުމްލަ 18،955 މީހުން ހިމެނޭއިރު، ހުޅުމާލެއިން ދޫކުރަން ނިންމާފައިވަނީ 1،351 ގޯއްޗެވެ. އެއީ މިހާރު ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ލިބެން ހުރި ބިމުން ވާ ވަރަށް ވުރެ އިތުރު އަދަދެކެވެ. އެހެންވެ ސަރުކާރުން ނިންމީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހުޅަނގަށް އޮންނަ، ސަފާރީތައް އަޅަން ބޭނުންކުރާ ފަޅު ހިއްކައިގެން ބިން ދިނުމަށެވެ. ހުޅުމާލޭގެ މާސްޓަޕްލޭންގައި ކުރިން ރާވާފައި އޮތީ، ބައިނަލްއަގްވާމީ ފެންވަރުގެ ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް އެ ތަނުގައި ހެދުމަށެވެ.
މި ސަރުކާރުން ހުޅުމާލޭގެ މާސްޓަ ޕްލޭންއަށް ބަދަލުގެނެސް، ކްރޫޒް ޓާމިނަލާއި ޔޮޓް މެރީނާ މިހާރު އަޅަން ނިންމާފައިވަނީ ކ. ދިޔަނެރު ފަޅުގަ އެވެ. ނަމަވެސް، އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން އަދި މިހާތަނަށް އާންމު ކޮށްފައެއް ނުވެ އެވެ.
ހުޅުމާލެއިން ގޯތި ދޫކުރާ ގޮތް
ދާއިމީ ލިސްޓުގައި ހިމެނޭ މީހުންނަށް ހުޅުމާލެއިން ގޯތި ދޫކުރާ ގޮތަކީ:
-
8 މީހުންނަށް ވުރެ ގިނަ މީހުންގެ އެޕްލިކޭޝަންތަކަށް 20 ގޯތި
-
7 މީހުންގެ އެޕްލިކޭޝަންތަކަށް 31 ގޯތި
-
6 މީހުންގެ އެޕްލިކޭޝަންތަކަށް 60 ގޯތި
-
5 މީހުންގެ އެޕްލިކޭޝަންތަކަށް 100 ގޯތި
-
4 މީހުންގެ އެޕްލިކޭޝަންތަކަށް 180 ގޯތި
-
3 މީހުންގެ އެޕްލިކޭޝަންތަކަށް 370 ގޯތި
-
2 މީހުންގެ އެޕްލިކޭޝަންތަކަށް 340 ގޯތި
-
އެކަކުގެ އެޕްލިކޭޝަންތަކަށް 250 ގޯތި