ރައީސް ސޯލިހް ބ. ގޮއިދޫގައި. (ފޮޓޯ/އެމްޑީޕީ)

ރައީސް މުއިއްޒަށް: ގުޅިފަޅު ހުއްޓުވުމަށް ފަހު، އެ ތަން ތަރައްގީކުރާ ވާހަކަ ދެއްކުމުން ގަބޫލުކުރާނީ ކިހިނެއް؟

ރައީސް ވިދާޅުވި ގޮތުގައި، 2008ގައި އައި އެމްޑީޕީގެ ސަރުކާރުން ގުޅިފަޅުގައި ހިންގަން އުޅުނު މަޝްރޫއުތައް ހުއްޓުވީ އޭގެ ފަހުން އައި ސަރުކާރުގައި، މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން

ބ. ގޮއިދޫ - މާލެ ސަރަހައްދުގެ ތަރައްގީގެ ތެރެއިން ކ. ގުޅިފަޅު ތަރައްގީކުރަން އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނުއްވުމުން، އެ ކަމަށާއި މުއިއްޒަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، 2008ގައި އައި އެމްޑީޕީގެ ސަރުކާރުން ގުޅިފަޅުގައި ހިންގަން އުޅުނު މަޝްރޫއުތައް ހުއްޓުވީ އޭގެ ފަހުން އައި ސަރުކާރުގައި، މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ.

މައްސަލައިގެ ފެށުން - ޖުމްލަ 65،000 ގެދޮރާ އެކު މާލެ ސަރަހައްދު އިތުރަށް ތަރައްގީކޮށް، ރާއްޖޭގެ އުތުރާއި ދެކުނު ހިމެނޭ ގޮތަށް ހަތް ސަރަހައްދީ އާބަން ސެންޓަރު ގާއިމްކުރަން ހިމަނައި މުއިއްޒުގެ މެނިފެސްޓޯގެ ބޯހިޔާވަހިކަމުގެ ބައި ރޭ ވަނީ އިފްތިތާހުކޮށްފަ އެވެ.

ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް ގައުމީ ތަރައްގީގެ މައި ތަނބުގެ ގޮތުގައި މާލެ ސަރަހައްދު ތައްގީކުރަން މުއިއްޒު ހިމަނުއްވާފައި ވާއިރު، އޭނާގެ ތަސައްވަރަކީ:

  • މާލެ ސަރަހައްދުގެ ގޮތުގައި ބަލާ މާލެ، ހުޅުމާލެ އަދި ވިލިމާލެއާ އެއްގަމުން ގުޅިގެންދާ ގޮތަށް، މި ސަރުކާރުން މިހާރު ހިއްކަމުން އަންނަ ގުޅިފަޅާއި ގިރާވަރު ފަޅު ވެސް ތަރައްގީކުރުން

  • އޭގެ އިތުރުން، މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ގޯތި ދޭން ތަރައްގީކުރަން އިއުލާނުކުރި ކ. ފުށިދިއްގަރު ފަޅު ވެސް ހިއްކައި އެ ތަން ތަރައްގީކޮށް، ހައި ސްޕީޑް ފެރީގެ ނިޒާމަކުން އެ ތަން މާލެ ސަރަހައްދާ ގުޅުވާލަން މެނިފެސްޓޯގައި ހިމަނާފައިވޭ

ވީ ކިހިނެއް؟ - ރައީސް ބ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި ވަޑައިގެންނެވި ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް މުއިއްޒުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓަށް މި ރަށުގައި ވެސް ރައީސް ވަނީ ފާޑުވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ގުޅިފަޅުގައި ހިންގަން އުޅުނު މަސައްކަތްތައް މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ހުއްޓުވާލި ކަމަށެވެ.

"... ތިމަންނަމެން މިހެންނޭ ކުރިއަށް އޮތް ތަނުގައި ކަންކުރާނީ ބުނީމާ ކިހިނެއްތޯ ގަބޫލުކުރާނީ؟ ހަމައެކަނި ބައްލަވާ ގުޅިފަޅު،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ގުޅިފަޅުގައި ހިންގަން އުޅުނު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ހުއްޓުވާލީ، ރައީސް ވިދާޅުވި ގޮތުގައި، އެއީ މީހުން އުޅެން ކަމުދާ ތަނެއް ނޫން ކަމަށް ވިދާޅުވެ އެވެ.

"ފުރުސަތެއް ނުދީ ގަދަކަމުން، އެ މީހަކު ކޮށްފައި ހުރި  މަސައްކަތަށް ބަދަލު ވެސް ނުދީ. އަދި ބިން ހިއްކަން އެގްރިމެންޓު ހަދައި ސަރުކާރާ އެކު ހަދާފައި އޮތް ކޮންޓްރެކްޓު ވެސް ބާތިލްކޮށްލާފައި،" ރައީސް ވިދާޅުވި އެވެ.

"މިހާރު ނުކުމެވަޑައިގެން އެ ވިދާޅުވަނީ ކީކޭތޯ؟ ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދޭނަމޭ. ގުޅިފަޅުގައި މިހާރު ދީފައި ހުރި ބިންތަކުގައި ރައްޔިތުންނަށް ގެ އަޅައިދޭނަމޭ. ކިހިނެއްތޯ ގަބޫލުކުރާނީ؟"

އެނގުން މުހިންމު - މުއިިއްޒުގެ 65،000 ގެދޮރު ޕްލޭނަކީ، މެނިފެސްޓޯ ލޯންޗުކުރަން ރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވި ގޮތުގައި:

  • ފުށުދިއްގަރު ފަޅުން 1،280 ހެކްޓަރުގެ ބިން ހިއްކާނެ؛ އެއީ، ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއް އެއްކޮށްލީމަ އޭގެ ތިން ގުނަ؛ އެ ތަނުން 11،970 ގޯއްޗާއި 26،500 ހައުސިން ޔުނިޓް ދޭނެ

  • ގިރާވަރު ފަޅު ހިއްކައިގެން 1،050 ގޯތި އަދި 2،800 ހައުސިން ޔުނިޓް ދޭނެ

  • ގުޅިފަޅުން ހިއްކާނީ 304 ހެކްޓަރުގެ ބިން؛ އެއީ ހުޅުމާލޭގެ ދެވަނަ ފޭސްއަށް ވުރެ ބޮޑު ތަނެއް؛ އެ ތަނުން 3،500 ގޯތި އަދި 8،700 ހައުސިން ޔުނިޓް ދޭނެ

  • ދޭނީ 1،400 އަކަފޫޓާއި 1،650 އަކަފޫޓާ ދެމެދުގެ ގޯތި

ކޮމެންޓް (1)

ތެފައާސާ.

21 އޯގަސްޓު 2023
ގުޅީފަޅުން އޭރު ގޯތި އަދި ފުލެޓު ލިބިފައިތިބި މީހުންގެ ހައްގުތަކަށް އެއްވެސް މިންވަރަކަށް ބެލުމެއްނެތި، ވަހީދު ހަސަން މަނިކުގެ ސަރުކާރުން މުއިއްޒު މިނިސްޓަރަކަށް ހުރެ ހިންގާފައިވަނީ ވަރަށް ދަށުދަރަޖައިގެ އަމަލުތަކެއް. ފުރަތަމަކަމަކަށް މުއިއްޒު އޭރުގެ އެ ބޭއިންސާފަށް މައާފަށް އެދުމަށް ގޮވާލަން.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް