އެމްއާރުއެމްއިން ރައީސްގެ ދައުވަތު ގަބޫލު ނުކުރި ސަބަބު: އިންޑިއާ ސިފައިންނާއި ކޮރަޕްޝަންގެ މައްސަލަ
މި ސަރުކާރު 2018ގައި ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ޝައުގުވެރިކަން ފާޅުކުރައްވައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވީ ވެސް މިހާރުގެ ކޯލިޝަންގެ ތާއީދު ލިބޭނެ ކަމަށް ހިސާބު ޖައްސަވައިގެންނެވެ. ނަމަވެސް، މިވަގުތު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީ ފިޔަވައި، އެހެން އެއްވެސް ޕާޓީއެއް ރައީސް ސޯލިހާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް އެއްބަހެއް ނުވި އެވެ. އޭގެ ތެރެއިން އެއް ޕާޓީ އަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެއްވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އެވެ.
އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބަށް 'ދައުރު'ން ފެށި 'ރިޔާސީ ވާހަކަ' ޕްރޮގްރާމުގެ ދެވަނަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެންނެވި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވަނީ، ސަރުކާރާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ކުރި މަޝްވަރާތަކާއި އެއްބަސްނުވެވުނު މައިގަނޑު ސަބަބުތަކާ ގުޅޭ ގޮތުން ޖަވާބުދެއްވާފަ އެވެ.
އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބަށް ‘ދައުރު’ން ފެށި ‘ރިޔާސީ ވާހަކަ’ ޕްރޮގްރާމުގެ ދެވަނަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެންނެވި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވަނީ، ސަރުކާރާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ކުރި މަޝްވަރާތަކާއި އެއްބަސްނުވެވުނު… pic.twitter.com/os3ui2EaXI
— Dhauru (@Dhaurunews) August 13, 2023
ފާރިސް ވިދާޅުވި ގޮތުގައި، އެ މަޝްވަރާތަކުގައި ސަރުކާރުގެ ހުރި މައްސަލަތަކާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަދެއްކި އެވެ. އޭގެ ތެރޭގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރި މައްސަލައަކީ، ފާރިސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އޮތުމެވެ.
"[ކޯލިޝަން ހެދުމަށް] އަޅުގަނޑުމެންނަށް އެއްބަސްނުވެވުނީ، އެއީ [މި ސަރުކާރަކަށް] އަޅުގަނޑުމެންނަށް ޔަގީންކަމެއް ނުދެވުނު ބިދޭސީ ސިފައިން މި ތާނގައި ނެތް ކަމަކަށް. އަދި ކޮރަޕްޝަންގެ ކަންތައްތައް އިންތިހާއަށް ބޮޑު ކަމަކަށް ވެސް އެ ބޭފުޅުން އެއްބަސްވެވަޑައިނުގަންނަވާ،" އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފާރިސް ވިދާޅުވި އެވެ.
"އެހެންވީމަ، އެއް މަންޒަރެއް ނޫން އަޅުގަނޑުމެން ދެ ބައި މީހުންނަށް މި ފެންނަނީ. ދެން ކިހިނެއްތޯ އެކުގައި މަސައްކަތް ކުރާނީ؟ އެ ބޭފުޅުން ވިދާޅުވަނީ، ކޮރަޕްޝަން ވަރަށް ބޮޑަށް ކުޑަކުރެވިއްޖެއޭ. ޖުޑީޝަރީ ވެސް ވަރަށް ބޮޑުތަން އިސްލާހު ކުރެވިއްޖެއޭ. [އެކަމަކު] އަޅުގަނޑުމެންނަށް ފެންނަނީ މުޅިން އެހެން މަންޒެއް."
ފާރިސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބޭރުގެ ސިފައިން ތިބެން ދިވެހިން ބޭނުން ނުވާއިރު، އެއްވެސް ސަރުކާރަކަށް އެ ފުރުސަތު ދެވިގެން ނުވާނެ އެވެ. އެއީ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު، އަޅުގަނޑުމެން ބައްދަލުވާ ގިނަ ބަޔަކު އެބަ ބުނޭ، މި ކަންކަން ހުރީ އެ ބޭފުޅުން [ސަރުކާރުން] ވިދާޅުވާ ގޮތަކަށް ނޫނޭ. އެހެންވީމަ، އެ ހާލަތުގައި އަޅުގަނޑުމެން ސިޔާސީ ފައިދާއަށްޓަކައި ނުގުޅެވޭނެ އެއްވެސް ބަޔަކާ. މި ދެންނެވި ޕްރިންސިޕަލްސް ދޫކޮށްލާ ބަޔަކާ އަޅުގަނޑުމެން ނުގުޅުވޭނެ،" 18 މަޖިލީހުގައި ދިއްގަރު ދާއިރާގެ މެންބަރުކަން ކުރެއްވި ފާރިސް ވިދާޅުވި އެވެ.
ކުރިން އަޅުގަނޑުމެން ބޭރަށް ދާއިރު، ދިވެއްސެކޭ ބުނަން ވަރަށް ފަހުރުވެރިވޭ. އެހެން މީހުން ވެސް ބަލަނީ، އަޅުގަނޑުމެންނަކީ ވަރަށް މޮޅު، އިހްލާސްތެރި، ރަނގަޅު ބައެއް ކަމަށް. މިހާރު އެ ގެއްލިގެން މި ދަނީ. އެ އޮފް ކެނޑިފައި މިހާރު އޮތީ. މިއީ ވަކި ބައެއް [ވަކި ގައުމެއް] ކޮންޓްރޯލް ކުރާ ބައެއް ކަމަށް ވީމަ، އަޅުގަނޑުމެންގެ ދިވެހި ވަންތަކަމަށް ވަރަށް ބޮޑަށް އަސަރު ކުރޭ.
އެ އުސޫލުތައް ދޫކޮށްލުމަށް ފަހު، އިންތިހާބުގެ ދެވަނަ ބުރެއްގައި ވެސް ސިޔާސީ ބަޔަކާ ނުގުޅޭނެ ކަމަށް ފާރިސް ވިދާޅުވި އެވެ.
"[އެއީ] ވަކި ޕަސެންޓަކަށް ޑިޕެންޑްވާ ކަމެއް ނޫން. އަޅުގަނޑު ކުރިން ދެންނެވި ކަންތައްތަކަށް އެ ބޭފުޅުން އެއްބަސްވެގެން އެކަންކަމާ މެދު އެކަށީގެންވާ ފިޔަވަޅު އަޅުއްވައިފިއްޔާ އަޅުގަނޑުމެންނަށް ތާއީދު ނުކުރެވޭނެޔެކޭ ނުދަންނަވަން،" ދެވަނަ ބުރެއްގައި ރައީސް ސޯލިހަށް ތާއީދުކުރައްވަފާނަންތޯ އެހުމުން ފާރިސް ވިދާޅުވި އެވެ.
"ބިދޭސީންގެ ނުފޫޒުގެ ވާހަކަ، ކޮރަޕްޝަންގެ ވާހަކަ، ކޯޓުތައް އިސްލާހު ކުރުމުގެ ވާހަކަ، ވަކި ބަޔަކަށް ވަކި ހުކުމެއް، އަނެއް ބައެއްގެ ޝަރީއަތެއް ވެސް ކުރިއަކަށް ނުދޭ، ނޫނީ ލުއި ގޮތަކަށް ސަލާމަތް ވަނީ. މި ސިސްޓަމް ދޫކޮށްލުމަށް އެއްބަސްވެވަޑައިގެންފި ނަމަ، އަޅުގަނޑުމެން ވަކި ބަޔަކާ އެކު މަސައްކަތް ނުކުރާނަމެކޭ ނުދަންނަވާނަން."
#RiyaaseeVaahaka E02: Faris Maumoon https://t.co/if6tWfPRNN
— Dhauru (@Dhaurunews) August 10, 2023
އޭގެ އިތުރުން، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އޮތްކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ މިހާރު މަޝްރޫއުތައް ވެސް ދެނީ ދެ ގުނަ އަގު ބޮޑުކޮށް ކަމަށެވެ. އިގްތިސާދު ހީނަރުވެފައި އޮތްއިރު، ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ދައުލަތަށް ލިބޭ ރެވެނިއު ނޫނީ ދައުލަތުން ކުރާ ހަރަދުގެ ވަރަށް ބޮޑު އިންސައްތައެއް އެބަ ދޭ ސީދާ ކޮރަޕްޝަންގެ ގޮތުގައި. ޕްރޮޖެކްޓަށް ކުރާ ހަރަދު މި ކުރަނީ އަސްލު ހަރަދަށް ވުރެ ދެ ގުނައަށް ވުރެ ބޮޑަށް. ދިހަ މިލިއަން ރުފިޔާއަށް ކުރެވޭ މަސައްކަތެއްވިއްޔާ މި އެވޯޑް ކުރަނީ 25 މިލިއަން ރުފިޔާއަށް،" ފާރިސް ވިދާޅުވި އެވެ.
ވަކި ގައުމަކަށް ބަރޯސާވާކަށް ނުޖެހޭ؛ އޮންނާނީ ހަމަހަމަ ހާރިޖީ ސިޔާސަތެއް
މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތަށް ވެސް ފާރިސް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވި އެވެ. އޭނާގެ ސަރުކާރެއްގައި ބޭރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވައި، ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނަށް ވެސް ރާއްޖޭގައި ނުތިބެވޭނެ ކަމުގެ ޔަގީންކަން ފާރިސް ދެއްވި އެވެ.
"އެ [ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމުގެ] ޖާގައެއް ނޯންނާނެ، ނޯންނާނެ. އެ ޖާގަ ދޭކަށް ދިވެހިން ބޭނުމެއް ނުވޭ. އަޅުގަނޑު މީ ކާކުތޯ އައިސްފައި، ދިވެހިން ބޭނުން ނުވާ ކަމެއް ކުރާނަމޭ ބުނާކަށް،" އޭނާ ވިދާޅުވި އެވެ.
ނޮވެމްބަރު 2021ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ދުއްވާ އިންޑިއާގެ ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަންތަކުގައި އެ ގައުމުގެ 75 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ސަރުކާރުން ބުނާ ގޮތުގައި އެއީ، ދިވެހިންނަށް އޮތް ނުރައްކަލެއް ނޫނެވެ.
ސަރުކާރުން އެހެން ބުނި ނަމަވެސް، އިންޑިއާ ސިފައިން ތިބި މައްސަލަ އާއި އެ ގައުމާ އެކު މި ސަރުކާރުން ހަދާފައިވާ "ސިއްރު" އެއްބަސްވުންތަކާ ދެކޮޅަށް، އިދިކޮޅު ޕީޕިއެމް-ޕީއެންސީން ދަނީ 'އިންޑިއާ އައުޓް'ގެ ނަމުގައި ހަރަކާތެއް ހިންގަމުންނެވެ. ފާރިސް ދެކެވަޑައިގަންނަވާ ގޮތުގައި، މައްސަލައަކީ ބޭރުގެ ވަކި ގައުމެއްގެ ބަދަލުގައި ދިވެހި ސަރުކާރުތަކެވެެ. ބޭރު ގައުމުތަކަށް އެ ފުރުސަތު ލިބެނީ، ދިވެހި ވެރިން އެ ޖާގަ ދޭތީ ކަމަށް ފާރިސް ގަބޫލުކުރައްވަ އެވެ. އެހެންކަމުން، މިއީ ބޭރު ގައުމަކާ "ޖައްސާލައިގެން" ހައްލުތަކެއް ހޯދޭނެ މައްސަލައެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ބިދޭސީ އެއްވެސް ގައުމެއް ކުށްވެރިއެއް ނުކުރަން. ދިވެހިންގެ ތެރެއިން އެކަން ކުރަން ހުއްދަ ދިން ދިވެހިން މީގާ ޒިންމާވާން ޖެހޭނީ. އެހެންވީމަ، ވަކި ގައުމަކާ ދިމާކޮށްގެން އެއްޗެހި ކިޔައިގެން ކުރަން ޖެހޭ ކަމެއް ނޫން،" ފާރިސް ވިދާޅުވި އެވެ.
"އެ ބޭފުޅުންނަށް ވެސް [އިންޑިއާއަށް ވެސް] ސާފު ވާންވީ، ދިވެހިން އެދޭ ގޮތަކީ މިއީކަން. މިއީކަން އަޅުގަނޑުމެންގެ އިމަކީ. ރޮގު ދަމާފައި، ވަށަައިގެން މި ރެޑް ލައިން ކްރޮސް ނުކުރެވޭނެކަން. އެއީ، އިންޓަނޭޝަލް ލޯ. އެއީ ޑިޕްލޮމެސީ އަކީ."
ފާރިސް ގަބޫލުކުރައްވާ ގޮތުގައި، މިހާރު ގެންގުޅެނީ ވަރަށް ބޮޑަށް އެއް ގައުމަކަށް ބަރޯސާވެފައިވާ ހާރިޖީ ސިޔާސަތަކެވެެ. އޭނާގެ ސަރުކާރެއްގައި އެކަން ބަދަލުވާނެކަމުގެ ޔަގީންކަން ފާރިސް ދެއްވި އެވެ. ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގެންގުޅުނު ހަމަހަމަ ހާރިޖީ ސިޔާސަތު ތަންފީޒުކޮށް، "ރާއްޖެ އަކީ މިނިވަން، ބައިނަލްއަގުވާމީ ދުނިޔޭގައި ބަސް ވިކޭ ބަޔަކަށް އަލުން ހަދަން ޖެހޭ" ކަމަށް ފާރިސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނުޖެހޭ އެއް ބައެއްގެ ދަށަށް ދާކަަށް. އެއް ބައެއްގެ ކޮންޓްރޯލް ނުވަތަ އެއް ބައެއްގެ ލަފާ އެކަނި އަޑުއަހާ ގޮތަށް ދާކަށް ބޭނުމެެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ފޮރިން ޕޮލިސީއަކަށް ވާނީ ވަރަށް ބެލެންސްޑްގެ ފޮރިން ޕޮލިސީއަކަށް. ހަމަ ތަކުރާރުކޮށް ދަންނަވާލާނަން، އަޅުގަނޑުމެންގެ ރަހުމަތްތެރިވާނެ ހުރިހާ ގައުމަކާ އިޒްރޭލް ފިޔަވައި. ކޮންމެ ގައުމަކުން ވެސް އެ ގައުމަކާ އެކު ދެ ގައުމަށް ފައިދާވާ ބައިލެޓްރަލް، މިއުޗުއަލީ ދެ ބައިމީހުންނަށް ވެސް ފައިދާވާނެ އެއްބަސްވުންތަކެއް ހެދޭނެ. ޒަމާނުއްސުރެ ކުރަމުން އައި ގޮތް މިއީ."
މި ސަރުކާރުން މުސްލިމް ގައުމުތަކާ އެކު ވެސް ރަނގަޅު، ގާތް ގުޅުމެއް ނުބާއްވާ ކަމަށް ވިދާޅުވެ، އެކަމާ ވެސް ފާރިސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އިގްތިސާދީ ގޮތުން ފުދިފައި ތިބި އެފަދަ ގައުމުތަކުން ރާއްޖެއަށް އިންވެސްޓް ކުރަން ތިބީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް، އެ ފުރުސަތު ބަންދުކޮށްފައި ވަކި ބަޔަކު ބޭނުންވާ ގޮތަށް އެކަނި ކަން ކުރުން، އެއީ މިހާރު އާންމުވެފައިވާ ކަމަކީ. މިކަން ކުރުން ހުއްޓާލަން ޖެހޭ،" ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ފާރިސް ވިދާޅުވި އެވެ.
"ކުރިން އަޅުގަނޑުމެން ބޭރަށް ދާއިރު، ދިވެއްސެކޭ ބުނަން ވަރަށް ފަހުރުވެރިވޭ. އެހެން މީހުން ވެސް ބަލަނީ، އަޅުގަނޑުމެންނަކީ ވަރަށް މޮޅު، އިހްލާސްތެރި، ރަނގަޅު ބައެއް ކަމަށް. މިހާރު އެ ގެއްލިގެން މި ދަނީ. އެ އޮފް ކެނޑިފައި މިހާރު އޮތީ. މިއީ ވަކި ބައެއް [ވަކި ގައުމެއް] ކޮންޓްރޯލް ކުރާ ބައެއް ކަމަށް ވީމަ، އަޅުގަނޑުމެންގެ ދިވެހި ވަންތަކަމަށް ވަރަށް ބޮޑަށް އަސަރު ކުރޭ."