ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ (ފޮޓޯ/ ޑިފެންސް މިނިސްޓްރީ)
އިންޑިއާ ސިފައިން ތިބުމުން ވަނީ ފައިދާ؛ ނުރައްކަލެއް ނޫން: މާރިޔާ
ރާޢްޖޭގައި ތިބި އިންޑިއާ ސިފައިން އަބަދުވެސް އަމަލުކުރަނީ ދިވެހި ސަރުކާރާއި އެމްއެންޑީއެފްގެ އިރުޝާދުގެ މަތިން ކަމަށާއި، އެމީހުންގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކަލެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގައި ތިބީ އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ނޫން ކަމަށާއި، އެއީ މުޅިންވެސް ޓެކްނިކަލް މީހުން ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަކީ ޑޮކްޓަރުންނާއި، ޕައިލެޓުންނާއި، މެކޭނިކަލް މީހުން ކަމަށް މާރިޔާ ވިދާޅުވި އެވެ.
"އެމީހުންނެއް ހަތިޔާރެއް ނުގެންގުޅޭ،" މާރިޔާ ވިދާޅުވި އެވެ.
ތަފްސީލް - މާރިޔާ ވިދާޅުވީ އެކަހަލަ ޓެކްނިކަލް "ކިތަންމެ ގިނަ ބަޔަކު" ރާއްޖޭގައި އުޅުނު ނަމަވެސް، ސަރުކާރުން ހުއްދަ ދިނުމުން ނޫނީ އެމީހުންނަށް ރާއްޖެ އެތެރެނުވެވޭނެ ކަމަށެވެ. އަދި އެމީހުން ކުރާ މަސައްކަތެއް ވެސް ކުރަނީ ދިވެހި ސަރުކާރުން ހުއްދަ ދިނުމުން، ހުއްދަ ދިން ގޮތަކަށް ކަމަށާއި، ރާއްޖޭގައި ތިބޭނީ ވެސް ސަރުކާރުން ހުއްދަ ދޭ މުއްދަތަކަށް ކަމަށް މާރިޔާ ވިދާޅުވި އެވެ.
"މިސާލަކަށް ހެލިކޮޕްޓަރެއް ވެސް އެމްއެންޑީއެފްގެ އެދުމަކަށް ނޫނީ އެންމެ ފަހަރަކު ވެސް އުދުހިއެެއް ނުގަންނާނެ. އެ ޑޯނިއާ ފްލައިޓު ވެސް ހަމަ އެމްއެންޑީއެފް އިން ޓާސްކެއް ހަވާލުކުރީމަ ނޫނީ އެޔެއް ރާއްޖޭގެ ސަރަހައްދުގައި އުދުހިއެއް ނުގަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން ދިވެހިންނަށް ވަރަށް ގިނަ ފައިދާތަކެއް ވާ ކަމަށެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބެ، ފާއިތުވި ތިން އަހަރު ތެރޭގައި ވެސް 250 އަށް ވުރެ ގިނަ ދިވެހި ފުރާނަ ސަލާމަތްކޮށްދިން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރުގެ ބަސް - "ރާއްޖޭގެ ރައްޔިތުންނަށް ދަންނަވާނީ ވަރަށް ބައިވަރު ފައިދާތައް ވެޔޭ. 250 އަށް ވުރެ ގިނަ ލައިފް، އަޅުގަނޑު އައި ފަހުން އެމީހުން ދިވެހި ލައިފް ސޭވް ކޮށްފި ހަމަ. އެކިއެކި ހާލަތުގައި އެމީހުން ފްލައިކޮށްގެން އެގޮތަށް އެ މީހުން އެ މަސައްކަތް ކޮށްދީފި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ:
-
ރެސްކިއު އޮޕަރޭޝަންތައް ހިންގަން ބޭނުންވާ ތެލަށް ހަރަދު ކުރަނީ އިންޑިއާއިން
-
ދިވެހި ސިފައިން އިންޑިއާގެ ހަރަދުގައި ތަމްރީނުތައް ފުރިހަމަކުރަން ޖާގަ ދޭ
-
ބޮޑެތި އަދަދުތަކުން ޑްރަގް ޑްރަގް އަތުލައިގަނެވެނީ ޑޯނިއާ ބޯޓުގެ ދައުރު ބޮޑުކަމުން
މާރިޔާ އަދި ވިދާޅުވީ ދިވެހި އަސްކަރިއްޔާ ވަރުގަދަވެ ގާބިލުވުމަކީ އިންޑިއާގެ އިންޓްރެސްޓް އެކަމުގައި އޮންނާނެ ކަމެއް ކަމަށެވެ.
"ރާއްޖޭގެ ސަލާމަތްތެރިކަން އިތުރުވުމަކީ އިންޑިއާގެ ސަލާމަތްތެރިކަން އިތުރުވުމޭ. އެބޭފުޅުންގެ އިންޓްރެސްޓެއް އިންނާނެ، ބޯޑރުތައް ޝެއާކުރާއިރު، އަޅުގަނޑުމެންގެ ފައުޖުތައް ވަރުގަދަވެ، ސަލާމަތުން އޮވެވުން،" މިނިސްޓަރު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ މައްސަލައެއް - މިނިސްޓަރު ވިދާޅުވީ ބައެއް މީޑިއާތަކުން އިންޑިއާ ސިފައިން ތިބެގެން ކަންބޮޑުވުން ފާޅުކޮށް، އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނި ނަމަވެސް އެކަން އެގޮތަށް ނުވާ ކަމަށެވެ.
"ތިން އަހަރު ވަންދެން އިސްތިގުލާލު ގެއްލެނީ އޭ، ސިޔާދަތު ގެއްލެނީއޭ، މިނިވަންކަން ގެއްލެނީއޭ ކިޔާއިރު އެމީހުންނަށް ހަމަ މިނިވަންކަމާއެކު ރާއްޖޭގައި އެހެން ގޮވަގޮވާ އެ ތިބީ. ވީ އެއްވެސް ކަމެއް ނެތް. އެނޫން ވާހަކައެއް ނުދައްކާ ތިބި އިރުވެސް، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގުޑުމެއް ވެސް ނާރާ،" މާރިޔާ ވިދާޅުވި އެވެ.
"ދެން ވެސް އޮންނާނީ އެގޮތުގައި."