ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ފަށަން ތައްޔާރުވަމުން ދިޔައިރު، އެ ކޯޓު ގޭޓް ކައިރީ މުއިއްޒު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މުއިއްޒުގެ ކެންޑިޑެސީ ފޯމް ހުށަހަޅާނީ ސުޕްރީމް ކޯޓުގެ ނިންމުމަށް ބަލާފައި: ހީނާ

މުއިއްޒު މިހާރު ދަނީ، ރަނިންމޭޓަކަށް މެންބަރު ހުސައިން ހަމަޖައްސައި، ކެންޑިޑެސީ ފޯމު ހުށަހެޅުމަށް ތައްޔާރުވަމުން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ އިލެކްޝަސް ކޮމިޝަން (އީސީ) އަށް ހުށަހަޅާނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، އަބްދުﷲ ޔާމީންގެ ކެންޑިޑެސީ މައްސަލައާ މެދު ސުޕްރީމް ކޯޓުން ނިންމާ ގޮތެއްގެ މަތިން ކަމަށް އެ ދެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކީހިނެއް؟ - ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި 'ބެކަޕް ކެންޑިޑޭޓެއް'ގެ ގޮތުގައި ޕީއެންސީގެ ޓިކެޓްގައި މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީގެ މަޝްވަރާ މަޖިލީހުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް:

  • ޔާމީނަށް ކުރިމަތި ނުލެވޭނެ ކަމަށް ކޯޓުން ނިންމާ ހާލަތުގައި ޕީޕިއެމްއިން އިތުރު ކެންޑިޑޭޓެއް ހުށަހެޅުމަށް އެމަނިކުފާނުގެ ފަރާތުން ވަނީ ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި

  • ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންނާއި ޔާމިންގެ ރަނިންމޭޓް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވާ ގޮތުން، ޕީއެންސީ ކެންޑިޑޭޓް، މުއިއްޒުއަކީ އެ ކޯލިޝަންގެ ތިން ވަނަ ޗޮއިސް؛ އެއީ ޔާމީނާއި ޕީޕީއެމްގެ ނަމުގައި އެހެން މީހަކު ވާދަ ނުކުރެވޭނަމަ 

ތަފްސީލު - ޕީޕިއެމް-ޕީއެންސީގެ ތަރުޖަމާނު ހީނާ މިއަދު 'ދައުރު'އަށް ވިދާޅުވީ، މުއިއްޒުގެ ކެންޑިޑެސީ ހުށަހެޅުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

"[މުއިއްޒު]ގެ ފޯމު [އީސީއަށް] ހުށަހަޅާނީ، ރައީސް ޔާމީންގެ މައްސަލައިގައި ނިންމާ ގޮތެއްގެ މަތިން،" ހީނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ޕީޕިއެމްއިން ކެންޑިޑޭޓަކު ނެރުމަށް ފުރުސަތު ދީފި ނަމަ، އެކަމަށް ވެސް ރިއާޔަތް ކުރާނެ ކަމަށް ހިނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް- މުއިއްޒަކީ ތިން ވަނަ ޗޮއިސް ކަމަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް، އޭނާގެ ކެންޑިޑެސީ ފޯމު ހުށަހެޅުމަށް ކުރަން ޖެހޭ ކަންކަން އޭނާގެ ފަރާތުން އަންނަނީ ކުރަމުންނެވެ. އެގޮތުން، މުއިއްޒުގެ ރަނިން މޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ ޕީޕިއެމް މެންބަރު ހުސައިން މުހައްމަދު ލަތީފް ރޭގެ ވަގުތެއްގައި ވަނީ ހަމަޖައްސާފަ އެވެ. އަދި އެކަން ދެންމެ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ހާމަކޮށްފަ އެވެ.

"[ޔާމީންގެ އިރުޝާދާއެކު] ޕީއެންސީގެ ކެންޑިޑޭޓެއް ހޮވުމަށް ޕީއެންސީ ސެނެޓުގައި ބޭއްވުނު އިންތިހާބުގައި އަޅުގަނޑު ހޮވުމުން، އަޅުގަނޑުގެ ރަނިން މޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސާ، އެޕްލިކޭޝަން ތައްޔާރުކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް،" މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

މުއިއްޒު އެ ޓްވީޓްގައި އިތުރަށް ވިދާޅުވީ:

  • މެންބަރު ހުސައިން އަކީ ޒުވާން، ތައުލީމީ ގާބިލު ހިދުމަތްތެރިއެއް

  •  ދުއާއަކީ، 7 އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، އަޅުގަނޑުމެންގެ ކެނޑިޑޭޓް ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން އަދި މި ތައްޔާރުކުރެވޭ "ބެކްއަޕް" އެޕްލިކޭޝަން ލާންނުޖެހުން

މުއިއްޒުގެ ޓްވީޓް

އިތުރު އާޓިކަލް

އިތުރު އާޓިކަލް