ޖިންސީ ގޯނާއާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅުކުރަނީ: ޕްރީ ސްކޫލުގައި އިހުމާލުވި ޓީޗަރަށް ފިޔަވަޅު އަޅަން މިނިސްޓްރީ ވަނީ ނިންމާފައި. (ދައުރު ފޮޓޯ/ އަނަމް އަޒްމީލް)
ސްކޫލުގައި ޖިންސީ ގޯނާ ކުރި މައްސަލައިގައި އިހުމާލުވި ޓީޗަރަށް ފިޔަވަޅު އަޅަން މިނިސްޓްރީން އަންގައިފި
ގަލޮޅު ސްކޫލްގެ ހަތަރު އަހަރުގެ ކުއްޖަކަށް އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޓީޗަރެއްގެ އިހުމާލުތަކެއް ހުރި ކަމަށް ނިންމައި އެ ޓީޗަރާ މެދު ފިޔަވަޅު އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެ ސްކޫލަށް އަންގައިފި އެވެ.
މައްސަލައިގެ ފެށުން - ޕްރީ ސްކޫލް ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފެށީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އެކަމާ ގުޅިގެން ޓީޗަރާއި އެ ސްކޫލްގެ ހުރިހާ މަސައްކަތު މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ތަފްސީލު - އެޑިއުކޭޝަން މިނިސްޓަރީގެ ޕާމަނަންޓް ސެކެޓްރީ އަހްމަދު އަލީ މިރޭ 'ދައުރު'އަށް ވިދާޅުވީ، އެ މައްސަލައިގައި މިނިސްޓްރީގެ ފަރާތުން އެއްކުރި މައުލޫމާތުތަކުން ޓީޗަރުގެ އުހުމާލު އޮތްކަން ސާބިތުވެފައިވާ ކަމަށެވެ. އެހެންވެ، އެ ޓިޗަރާ މެދު ފިޔަވަޅު އަޅަން މިހާރު އެ ސްކޫލަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓިޗަރުގެ އިހުމާލު އޮތް ކަން އެނގޭތީވެ، މިހާރު ސްކޫލަށް ޑައިރެކްޝަން ދީފައިވަނީ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޓީޗަރަށް އިންޒާރު ދިނުމަށް،" އަހްމަދު ވިދާޅުވި އެވެ.
އެނގުން މުހިންމު - ދަރިވަރަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ ދަރިވަރު ފާހާނާ ކުރަން ދިޔަ ވަގުތު އެ ސްކޫލުގެ މަސައްކަތު މުވައްޒަފަކެވެ ނަމަވެސް އަނިޔާ ލިބުނު ކުއްޖާގެ އާއިލާއާ ހަވާލާދީ 'މިހާރު' ނޫހުގައި ބުނީ، އެ ކުއްޖާ ފާހާނާއަށް ގެންދަން ހަވާލުކުރި މީހަކު ހަނދާން ނެތް ކަމަށް ކްލާސް ޓީޗަރު ބުނި ކަމަށެވެ.
ފާހާނައަށް ފޮނުވަން ހަވާލުކުރާ މީހާ ޔަގީން ކުރަން ޖެހޭނެ
އެޑިކޭޝަން މިނިސްޓަރު އައިޝަތު އަލީ ސޮއިކުރައްވައި މިއަދު ނެރުނު ސާކިއުލާއެއްގައިވަނީ، ދަރިވަރުން ފާހާނައަށް ފޮނުވާއިރު، ޓިޗަރު ނޫން މީހަކާ ހަވާލުކުރާ ނަމަ، އެއީ ކާކުކަން ޔަގީންކުރުމަށް ޓީޗަރުންނަށް އަންގާފަ އެވެ.
"ހާއްސަކޮށް ބޭބީ ނާސަރީ އަދި ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުން ފާހާނާއަށް ފޮނުވާ ވަގުތާއި އެހެނިހެން ހަރަކާތްތަކުގައި ދަރިވަރު ކުލާސް ޓީޗަރު ނޫން ފަރާތަކާ ހަވާލުކުރެވޭނެ ނަމަ އެއީ ކޮން ފަރާތެއްކަން ޓީޗަރުން ރަނގަޅަށް ކަށަވަރު ކުރައްވަންވާނެ،" ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް ފޮނުވި އެ ސާކިއުލާގައި ބުނެފައިވެ އެވެ.
ދަރިވަރުން ސްކޫލުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައި އެ ކުދިންނަށް ޒިންމާވާނެ ޓީޗަރުން، އެ ކުދިންނާ ހަވާލުވެ ހުންނަކަން ސްކޫލުތަކުގެ ޕްރިންސިޕަލުން ވެސް ކަށަވަރުކުރަން ޖެހޭނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފަ އެވެ.
ފަސް މަންޒަރު - ގަލޮޅު ސްކޫލުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އެ ސްކޫލުން މިދިޔަ ހުކުރު ދުވަހު ވަނީ މަސައްކަތު ހުރިހާ މުވައްޒަފުން ސަސްޕެންޑްކޮށްފައެވެ. އޭގެ އިތުރުން، އެ ސްކޫލުގެ 18 ތަނެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
އިތުރަށް ކިޔާލަން -