ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން. (ފޮޓޯ/ މާޝާ ނައީމް)

ޕްރީ ސްކޫލެއްގެ ޖިންސީ ގޯނާގެ މައްސަލައަކާ އެކު ބެލެނިވެރިން ކަންބޮޑުވެއްޖެ

އަހަރެއްހާ ދުވަހު ސްކޫލަށް ނުފޮނުވާ ހޭދަވުމަށް ފަހު އަލުން ސްކޫލްތަކަށް ދާން ފެށި ދަނޑިވަޅަށް ވުމުން ހާސްކަން ބޮޑުވި
18 އޮކްޓޯބަރު 2021
1

މިހާރު މި އޮތީ މިޑް ޓާމް ޗުއްޓީއަށް ސްކޫލްތައް ބަންދުވެފަ އެވެ. ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ގިނަ ދުވަސްތަކަކަށް ސްކޫލް ބަންދުވެފައި އަލުން ކްލާހަށް ކުއްޖާ ހާޒިރުވެ ކިޔަވަން ހުޅުވާލި ފުރުސަތާ އެކު ކުދިންނާއި ބެލެނިވެރިން ތިބީ އުފަލުންނެވެ. ސްކޫލްގެ މާހައުލުން ކުއްޖާ ދަސްކުރާ ގޮތަށް، އެއް އުމުރުފުރައެއްގެ ކުދިބަޔަކާ އެކު ދަސްކުރަން ގުޅުން ބަދަހި ކުރުމަކީ ގެއިން ކުދިންނަށް ނުލިބޭނެ ފުރުސަތެއް ކަމުންނެވެ.

މިޑް ޓާމްއަށް ސުކޫލް ބަންދުވެފައިވާ އިރު ބެލެނިވެރިންނަށް ލިބުނީ ނުހަނު ކަންބޮޑުވާން ޖެހޭ ހަބަރެކެވެ. މާލޭގެ ޕްރީ ސްކޫލެއްގެ ކުއްޖަކަށް ސްކޫލްގެ ޓީޗަރަކު ޖިންސީ ގޯނާކޮށް އެކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ގެއްލުންވެ ހޮސްޕިޓަލަށް ގެންދަން ޖެހުމެވެ.

"ޅަފަތުގައި އުނގެނުމަށް...އުފަލުގައި ކިޔެވުމަށް" ފޮނުވާ ސްކޫލްގެ މާހައުލަކީ ކުދިންނަށް އަމާން މާހައުލަކަށް ވާން ޖެހެ އެވެ. އެތަނުން އެއްވެސް ޒާތެއްގެ ނުރައްކަލަކަށް ކުއްޖާ ހުށެހެޅުމަކީ ބަލައިގަންނަން އުނދަގޫ ކަމެކެވެ. ޕްރީސްކޫލަކީ ކުދިން ބެލެނިވެރިންނާ ވަކިން އަލަށް ތަނަކަށް ދާން ފަށާ ތަނެވެ. 

ބައެއް ބެލެނިވެރިންގެ ކަންބޮޑުވުމަކީ އެއީ ކޮން ސްކޫލެއްކަން ނޭނގުމެވެ. އެކަމަކު އަނިޔާ ލިބޭ ކުޑަކުދިންނަކީ ކޮން ބައެއްކަން ސިއްރުކުރަން ޖެހޭތީ، އެ ކުއްޖާގެ އައިޑެންޓިޓީ އެނގޭ ކަހަލަ އެއްވެސް މައުލޫމާތެއް އާންމެއް ނުކުރެ އެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ފޮޓޯ/ މާޝާ ނައީމް)

އެއް ބެލެނިވެރިޔަކު އޭނާ ދެކޭ ގޮތް ސޯޝަލް މީޑިއާގައި ހިއްސާކޮށްލި އެވެ:

"ހަތަރު އަހަރު ކުއްޖަކަށް ސްކޫލުން ޖިންސީ ގޯނާއަށް ހުށެހެޅޭ އިރު އެއީ ކޮން ސުކޫލެއްގެ ހިނގި ކަމެއް ކަން އެނގެން ޖެހޭ. އަދި ކާކު ކުރިކަމެއް ކަން ވެސް އެނގެން ޖެހޭ. ކުއްޖާގެ މައުލޫމާތު ކޮންފިޑެންޝަލްކޮށް ބޭއްވިޔަސް އެއީ ކާކު ކުރި ކަމެއް ކަން އެނގެން ޖެހޭ." 

ބައެއް ބެލެނިވެރިން ހާސްވީ އަމިއްލަ ދަރިފުޅު ދާ ސްކޫލަށް ވެދާނެތީ އެކަމާ މެދުގަ އެވެ. އަދި ދަރިފުޅަށް އެކަހަލަ ކަމެއް ކުރިމަތިވެފައި ހުރެދާނެތޯ ވެސް ސުވާލުކުރެވެ އެވެ.

އެހެން ބެލެނިވެރިޔަކު ހިއްސާކުރި ގޮތުގައި އާއްމުކޮށް ނެޕީ ނުޖަހާ ކުއްޖަކު އޭނާ ސްކޫލަށް ފޮނުވަނީ ނެޕީ ޖައްސައިފަ އެވެ.

"އަހަރެން ބޭނުމެއް ނުވޭ ސްކޫލްގެ މީހެއް އޭނާއަށް ފާހަނާއަށް ދިއުމަށް އެހީވާން. އިތުބާރެއް ނުކުރެވޭ. އެކަމަކު ކުރިން ދުވަހު ސްކޫލަށް ބަލާ ދިޔައިރު ހުރީ ނެޕީއަށް ޕުއްޕު ލެވިފައި. ސްކޫލުން ގުޅާ ވެސް ނުލާ. އަހަރެން ދެން ކަންބޮޑުވީ އަނެއްކާ އޭނާއަށް ނެޕީ ރޭޝްއެއް ނަގާ އަނެއްކާ އިންފެކްޝަނެއް އުފެދިދާނެތީ،" އެ ބެލެނިވެރިޔާގެ ކަންބޮޑުވުން "ދައުރު"އާ ހިއްސާކުރި އެވެ.

މި އުމުރު ފުރައިގެ ކުދިންނަކީ އަމިއްލައަށް ފާހާނާކުރަން ދަސްކޮށް، ނެޕީއާ ނުލައި އުޅެން ކިރިޔާ ފަށާ ކުދިންނެވެ. އެހެންކަމުން ސްކޫލަށް ދާން އަލުން ނެޕީ ޖެހުމަކީ ވެސް ކުދިންނަށް ދެވޭ ނުބައި މެސެޖެކެވެ. މި ކުދިން ގޭގައި އަމިއްލައަށް ތާހިރުވާން އެނގުނަސް ސްކޫލްގައި ނޭނގި ދާނެ އެވެ. ސަބަަބަކީ ގެއާ އެއްކަހަލަ ފިޓިންގްސް ސްކޫލްގެ ފާހަނާތަކުގައި ނުހުރުމެވެ.

އަނެއް ބަޔަކު ޖިންސީ ގޯނާގެ މި ކޭސް ނަގަނީ ރާއްޖޭގައި ހޯމް ސްކޫލް ކުރުން ހުއްދަކުރަން ބާރުއަޅާށެވެ. މީހަކު ސޯޝަލް މީޑިއާގައި އޭނާ ދެކޭ ގޮތް ހާމަކުރި އެވެ:

"ބެލެނިވެރިން ކުށްވެރިވޭ ކުދިން ސްކޫލަށް ނުފޮނުވައިފިއްޔާ. އެކަމަކު ސްކޫލަށް ފޮނުވުމުން ކުދިންނަށް މި ލިބެނީ ޖިންސީ ހާނިކަ. މިކަމެއް ދެކޮޅެއްނުޖެހޭ."

އަނެއް ބައެއްގެ އިނގިިލި ދިއްކުރަނީ އެޑިއުކޭޝަން މިނިސްޓްރީ އަށެވެ. ވަޒީފާގެ ގޮތުން ކުދިންނާ ކައިރިކޮށް އުޅޭ ބަޔަކު ވެއްޖެ ނަމަ އެ ބައެއްގެ ބެކްގްރައުންޑް ޗެކްކޮށް ރެކޯޑް ރަނގަޅަށް ސާފުކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެވެ.

ސްކޫލްތަކަކީ އެންމެ ރައްކާތެރި އަމާން އެެއް ތަން ކަމުގައިވާ އިރު ސްކޫލުން ޖިންސީ ގޯނާ ކުރުން ބަލައިނުގަނެވޭ ކަމަށް މީހަކު ބުނެ ކޮށްފައިވާ ޓުވީޓެއް

"ޕްރީސްކޫލަކީ ދަރިވަރުންގެ ކިޔެވުމަށް ބިންގާ އަޅާ ހިސާބު. އެ ހިސާބުން މި އޮތީ ގޯސްވެފައި،" ބެލެނިވެރިޔަކު ބުންޏެވެ.

ކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އެކުދިން ހޭލުންތެރިކުރަން ކުއްޖާ ބާރުވެރިކުރުމަކީ ކުރެވިދާނެ އެއް ކަމެވެ.  

"މިދިޔަ ހަފްތާގައި ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުމަށް ދިޔަ އިރު ފެނުނު މަންޒަރެއް އެއީ ކުދިންނަށް 'ދަރިފުޅު' ޓީޗަރު ކިއުން. އަދި ބައްދާ ހެދުން. އަސްލު ކޮންމެ ކުއްޖަކު ބައްދަން ބޭނުން ނުވެދާނެ. އެކަމަކު ޓީޗަރާ ބައްދަން ޖެހެންޏާ އެ އުމުރު ފުރައިގެ ކުއްޖަކަށް ވިސްނިފައި އޮވެދާނެ ގަޔާނުވާ، ނޭނގޭ މީހަކާ ބެއްދުމަކީ ނޯމަލް ކަމެކޭ،" ބެލެނިވެރިޔަކު އޭނާގެ ކަންބޮޑުވުން ކިޔައިދިނެވެ.

ޒުވާނުންގެ މޫވްމަންޓް "ރައިޒްއަޕް" އިން ކޮށްފައިވާ ޓުވީޓް

 ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލަން ޒުވާނުން ހަދާފައިވާ މޫވްމަންޓް "ރައިޒްއަޕް" އިން ވަނީ މި ކޭސްއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކުށްވެރިކޮށްފަ އެވެ. އެމީހުން ބުނާ ގޮތުގައި މައްސަލަ ބަލައި އަވަސް ފިޔަވަޅު އަޅަން ޖެހެ އެވެ. ސްކޫލްގެ މާހާއުލަކީ ރައްކާތެރި، އަމާން މާހައުލަކަށް ވާން ޖެހެ އެވެ.

ކުރިން ވާހަކަ ދެއްކި ބެލެނިވެރިޔަކު ބުނީ މިއީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި 'ގުޑް ޓަޗު، ބޭޑް ޓަޗު" އަކީ ކޮބައިކަން އެ ކުދިންނަށް ދަސްކޮށްދޭން ވެސް ޖެހޭ ކަމަށް އޭނާ ބުންޏެވެ.

 "އަހަރެން ބޭނުމީ ޓީޗަރުންނާއި މުޅި ސްކޫލްގައި މަސައްކަތްކުރާ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައި އޮތުން. ޕްރޮފެޝަނަލްކޮށް ހިންގުން. ސްކޫލަކީ ރައްކާތެރި މާހައުލެއް ކަމުގައި ވުން،" އޭނާ ބުންޏެވެ.

ޖެންޑަ މިނިސްޓްރީގެ މޭ 2021ގެ ތަފާސްހިސާބަށް ބަލާއިރު އެ މިނިސްޓްރީއަށް ހުށަހެޅި 152 ކޭހުގެ ތެރެއިން އެންމެ ގިނައީ ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެހެންކަމުން މިކަމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް، މިކަން މުޖުތަމައުން އެއްކޮށް ނައްތާލަން ކުރަން ޖެހިފައި ވަނީ ބޮޑު މަސައްކަތެއް ކަން އެނގެ އެވެ.

ކޮމެންޓް (1)

އަހުމަދު

18 އޮކްޓޯބަރު 2021
އިސްލާމީ ޝަރީއަތުގެ މަތިން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު މިކަންކަން ކުރާ މީހުންނާ ދޭތެރޭ ނޭޅޭތީވޭ ދެވަނަ މީހާޔައްވެސް ތިކަހަލަ ކަންކަން ކުރަން ކެރެނީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް