14 ސެޕޓެމްބަރ 2021ގައި ދިވެހި ރާއްޖޭގެ ހައިކޯޓު.

ޖިއާންގެ މަރު

ޖިއާންގެ މަރުގެ ބަދަލު ނަގައިދިނުން ފަސްކުރަން އަމުރުކޮށްފި

ޖިއާން މަރުވި ހާދިސާގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންގެ އިހުމާލު އޮތްކަން ސާބިތުވާތީ 4.5 މިލިޔަން ރުފިޔާ ދެއްކުމަށް އެ ކުންފުނީގެ މައްޗަށް އޮތީ ހުކުމްކޮށްފައި
31 އޮކްޓޯބަރު 2021

ދުވާރުމަތިން ހިނގާފައި ދަނިކޮށް، އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި މަރުވި ރައުޝަން ޖިއާންގެ މަރުގެ ބަދަލެއްގެ ގޮތުގައި ޑަބްލިއު ކޮންސްޓްރަކްޝަނުން 4.5 މިލިޔަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން އަށް އަހަރުގެ ޖިއާން މަރުވި ހާދިސާ ހިނގި މަންޒަރު ލޮލަށް ފެނުނު އޭނާގެ މައިންބަފައިންނަށް ލިބިފައިވާ، ލިބެމުންދާ އަދި ލިބޭނެ މާލީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު، ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 2019 ގަ އެވެ.

އެ މައްސަލައިގައި އޮގަސްޓު މަހު ކޯޓުން ހުކުމް ކުރީ:

  • ޖިއާން މަރުވި ހާދިސާގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންގެ އިހުމާލު އޮތްކަމަށް 

  • އެހެންވެ 4.5 މިލިޔަން ރުފިޔާ ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ހުކުމް އިއްވި

ނަމަވެސް ޑަބްލިއު ކޮންސްޓްރަކްޝަނުން ވަނީ ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި ހައި ކޯޓުން މައްސަލަ ބަލައި ނިމެންދެން، ބަދަލު ދިނުން ފަސްކުރުމުގެ އަމުރަކަށް އެ ކުންފުނިން ހައި ކޯޓުގައި އެދުނެވެ.

ތަފްސީލް - އަމުރަށް އެދުނު ސަބަބުތަކުގެ ގޮތުގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ހައި ކޯޓުގައި ބުނީ:

  • ދަށު ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލްކުރުމުގެ ފުރުސަތު އޮތުމުން ބަދަލުގެ ފައިސާ ދައްކާ ފަހުން ހުކުމް ބާތިލްކޮށްފި ނަމަ ބަދަލަށް ދިން ފައިސާ އަނބުރާ ނުހޯދި ދާނެތީ 

  • ފައިސާ ދައްކާ ހަލާސްކުރާ ފަހުން ޖިއާންގެ މައިންބަފައިން ރާއްޖެ ދޫކޮށް ގޮސްފިނަމަ އެ ފައިސާ އަނބުރާ ހޯދޭނެގޮތެއް ކުންފުންޏަށާއި، ރާއްޖޭގެ ޝަރުއީ މަރުހަލާއަށް ނޯންނާނެތީ

ޑަބްލިއު ކޮންސްޓްރަކްޝަންގެ އިމާރާތަކުން ވެއްޓުނު ބަސްތާއަކުން ޖެހި ލިބުނު އަނިޔާތަކުގައި މަރުވި ރައުޝަން ޖިއާން

ހައި ކޯޓުގެ ނިންމުން - ވަގުތީ އަމުރުގެ މައްސަލައިގައި ހައި ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ، ހުކުމް ތަންފީޒުކުރުމުގެ އަމުރެއް ނެރެނުދީފި ނަމަ ޑަބްލިއު ކޮންސްޓްރަކްޝަންގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމަށް ބުރަވެވޭ ކަމަށެވެ.

އެހެންކަމުން ހައި ކޯޓުގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން، މިއަދު ވަނީ އެ ކޯޓުގައި ހިނގަމުންދާ އިސްތިއުނާފު މައްސަލައިގައި ހުކުމް ކުރަންދެން، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުގެ މައްޗަށް އަންގައި އަމުރުކޮށްފަ އެވެ.

ހައި ކޯޓުގައި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒް އެވެ.

އެނގުން މުހިއްމު - ޖިއާންގެ މައިންބަފައިންގެ ފަރާތުން އެދުނީ ދޮށީ ދަރިފުޅުގެ މަރުގެ ހާދިސާގެ ސަބަބުން އެ ދެމަފިރިންނަށް ލިބުނު މާލީ އަދި ނަފްސާނީ ގެއްލުންތަކުގެ ބަދަލަށް، ޖުމްލަ 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

ނަމަވެސް ސިވިލް ކޯޓުން ހުކުމް ކުރަމުން ބުނެފައި ވަނީ، އެ ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު، ޖިއާން މަރުވުމުގެ ސަބަބުން އޭނާގެ މައިންބަފައިންނަށް ނަފްސާނީ ގޮތުންނާއި މާލީގޮތުން ގެއްލުން ލިބިފައިވާކަން އެނގޭ ކަމަށެވެ. އެކަމަކު އެ ވަރުގެ އަދަދެއް ނަގައި ނުދެވޭނެ ކަމަށް ކޯޓުން ބުންޏެވެ.

ޖިއާންގެ އާއިލާއިން ވެސް ވަނީ އެ މީހުން ބަދަލުގެ ގޮތުގައި އެދުނު ބައެއް ކަންތައްތައް ހޯދުމަށް އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް