ޑަބްލިއު ކޮންސްޓްރަކްޝަންގެ އިމާރާތަކުން ވެއްޓުނު ބަސްތާއަކުން ޖެހި ލިބުނު އަނިޔާތަކުގައި މަރުވި ރައުޝަން ޖިއާން: ޖިއާންގެ އާއިލާއަށް ބަދަލުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ނަގައިދޭން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައި،
ޖިއާންގެ މަރުގެ ބަދަލު ދޭން ކުރި ހުކުމް އިސްތިއުނާފްކޮށްފި
ދުވާރުމަތިން ހިނގާފައި ދަނިކޮށް، އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، މަރުވި ރައުޝަން ޖިއާންގެ މަރުގެ ބަދަލެއްގެ ގޮތުގައި ޑަބްލިއު ކޮންސްޓްރަކްޝަނުން 4.5 މިލިޔަން ރުފިޔާ ދައްކަން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ވީ ކިހިނެއް - ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން އަށް އަހަރުގެ ޖިއާން މަރުވި ހާދިސާ ހިނގި މަންޒަރު ލޮލަށް ފެނުނު އޭނާގެ މައިންބަފައިންނަށް ލިބިފައިވާ، ލިބެމުންދާ އަދި ލިބޭނެ މާލީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު، ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 2019 ގަ އެވެ. މިދިޔަ އޮގަސްޓު މަހު ކޯޓުން ވަނީ، ޖިއާން މަރުވި ހާދިސާގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންގެ އިހުމާލު އޮތްކަން ސާބިތުވާތީ 4.5 މިލިޔަން ރުފިޔާ ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފަ އެވެ.
އެކަމަކު އެ މައްސަލަ ޑަބްލިއު ކޮންސްޓްރަކްޝަނުން އިސްތިއުނާފް ކުރި އިރު، އެތަނުން ބުނެފައި ވަނީ ކުޑަކުއްޖާގެ މަރުގައި އެ ކުންފުނީގެ އިހުމާލެއް ނެތް ކަމަށެވެ.
އެނގުން މުހިއްމު - ޖިއާންގެ މައިންބަފައިންގެ ފަރާތުން ވަނީ، ދޮށީ ދަރިފުޅުގެ މަރުގެ ހާދިސާގެ ސަބަބުން އެ ދެމަފިރިންނަށް ލިބުނު މާލީ އަދި ނަފްސާނީ ގެއްލުންތަކުގެ ބަދަލަށް، ޖުމްލަ 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށް މީގެ ކުރިން ކޯޓުގައި އެދިފަ އެވެ. އެގޮތުން ހޯދުމަށް އެދިފައިވަނީ:
-
ޖިއާންގެ ބޭސްފަރުވާއަށް ހިނގި ހަރަދު
-
އާމްދަނީ ގެއްލުމުގެ ބަދަލު
-
ޖިއާންގެ މައިންބަފައިންގެ ފަރުވާއަށް ހިނގި ހަރަދު
-
ނަފްސާނީ ގެއްލުން
-
ޖިއާންގެ މަރުގެ ސަބަބުން ދެމަފިރިންނަށް ލިބެމުންދިޔަ ލޯބިން މަހްރޫމުވުމުގެ ބަދަލު
ސިވިލް ކޯޓުން ބުނީ، އެ ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު، ޖިއާންގެ މަރުވުމުގެ ސަބަބުން އޭނާގެ މައިންބަފައިންނަށް ނަފްސާނީ ގޮތުންނާއި މާލީގޮތުން ގެއްލުން ލިބިފައިވާކަން އެނގޭ ކަމަށެވެ. އެކަމަކު އެ ވަރުގެ އަދަދެއް ނަގައި ނުދެވޭނެ ކަމަށް ބުނެފައި ވެ އެވެ.
ޖިއާންގެ އާއިލާއިން ވެސް ވަނީ އެ މީހުން ބަދަލުގެ ގޮތުގައި އެދުނު ބައެއް ކަންތައްތައް ހޯދުމަށް އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.